އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފެރެންސްގައި ކުރީގެ ރައީސް ސޯލިހު ވާހަކަ ދައްކަވަނީ - (ފޮޓޯ/އެމްޑީޕީ)

އިންޑިއާގެ އެގުރިމަންޓްތައް ރަނގަޅު، 'ސަރުކާރުން އުޅުނީ ނުފޯރާ ފޮތިން ފޫގަޅަން': ސޯލިހު

ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފަށާފައިވާ މަސައްކަތްތަކަކީ ގައުމުގެ ތަރައްގީއަށް ޓަކައި ކުރަން ޖެހިފައިވާ މަސައްކަތްތަކުގެ އިހުސާސް މިއަދު ކުރެވޭ ކަމަށް
12 އޮކްޓޯބަރު 2024
1

އަވައްޓެރި އިންޑިއާއާ ގުޅޭ ގޮތުން މިހާރު ވެރިކަންކުރާ ޕީއެންސީ އިދިކޮޅުގައި އޮތް އިރު ދެއްކި ވާހަކަތަކާއި ސަރުކާރަށް އައިސް ފުރަތަމަ ކުރަން އުޅުނު ކަންކަމަކީ 'ނުފޯރާ ފޮތިން ފޫގެޅުން' ކަމަށް ސިފަކޮށް މި ސަރުކާރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޑުވިދާޅުވެއްޖެ އެވެ.

ވީކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު މިދިޔަ ހަފުތާ އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ކުރީގެ ސަރުކާރުން މަޝްވަރާކުރި ގިނަ ކަންކަމާ މަޝްވަރާކޮށް، އަދި ކުރީގެ ސަރުކާރުގައި އެކުލަވާލި ބައެއް އެއްބަސްވުންތައް ކުރިއަށް ގެންދާނެ ކަން ހާމަކޮށްފައިވެ އެވެ.

ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ބަދަލުތަކެއް އަންނަ ކަން ފާހަގަ ކުރައްވައި ސޯލިހު ފާޑުވިދާޅުވީ މިއަދު ހދ. ކުޅުދުއްފުށީގައި އިދިކޮޅު އެމްޑީޕީން ބޭއްވި ކައުންސިލަރުންގެ ކޮންފެރެންސްގަ އެވެ.

ކީކޭ ބުނީ؟ - ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފަށާފައިވާ މަސައްކަތްތަކަކީ ގައުމުގެ ތަރައްގީއަށް ޓަކައި ކުރަން ޖެހިފައިވާ މަސައްކަތްތަކުގެ އިހުސާސް މިއަދު ކުރެވޭ ކަމަށެވެ.

"މިއަދު އަޅުގަނޑު ވަރަށް އުފާވާ ކަމެއް އެބަ އޮތް. އަޅުގަނޑުމެންގެ ސަރުކާރުގައި އޭރު ފެށި ކަންކަމަކީ ގައުމުގެ ތަރައްގީއަށް ޓަކައި، ރައްޔިތުންނަށް ޓަކައި، ކޮންމެހެން ކުރަން ޖެހިގެން ކުރަން ފެށި މަސައްކަތްތަކެއް ކަން. އެ އިހުސާސް މިއަދު ކުރެވޭ. އެ ކަން މި ސަރުކާރުން ވެސް ގަބޫލުކުރާ ކަން މި ފެންނަނީ،" ސޯލިހު ވިދާޅުވި އެވެ.

މި ވަގުތު އެމްޑީޕީގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ސޯލިހު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާއާ އެކު ބާއްވަމުން ދިޔަ ގުޅުމާއި އިންޑިއާއާ ގުޅިގެން ކުރަމުން ދިޔަ މަސައްކަތްތަކާ ގުޅޭ ގޮތުން ވާދަވެރި ޕީއެންސީން ދައްކަމުން ދިޔަ ވާހަކަތައް ފާހަގަ ކުރައްވައިފަ އެވެ.

އެ ގޮތުން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި ކަންކަމަކީ:

  • އިދިކޮޅުގައި ޕީއެންސީ/ޕީޕީއެމް އޮތް އިރު އިންޑިއާއަށް ވަރަށް ބޮޑަށް ބަދު ބަސް ބުނި. ވެރިކަމަށް އައިސް ވެސް ފުރަތަމަ އިންޑިއާއަށް ނުގޮވާ އެއްޗެއް ނެތް

  • ހަނިމާދޫގައި އިންޑިއާ މީހުން އާބާދުކޮށް ސިފައިންގެ ތަނަކަށް ހަދަން އުޅެނީއޭ ބުނި. އެކަމަކު ހަނިމާދޫ ރަންވޭ ތަރައްގީކުރަން ހަވާލުކޮށްފި

  • އުތުރުތިލަފަޅަކީ އިންޑިއާ އަސްކަރިއްޔާގެ މަރުކަޒެއް ގޮތުގައި ސިފަކުރި. އެކަމަކު އެ އެއްބަސްވުން ހަމަ ކުރިއަށް ގެންދަން ނިންމައިފި

  • އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރަން އުޅުނީ އެ އަތޮޅުގައި އިންޑިއާ މީހުން އާބާދުކުރަން ކަމަށް ބުނެ ނުރައްކަލެއްގެ ގޮތުގައި ސިފަކުރި. އެކަމަކު އެ މަސައްކަތް ވެސް ކުރިއަށް ގެންދަން މަޝްވަރާކޮށްފި

"އުތުރުތިލަފަޅާ ގުޅޭ ގޮތުން ދެއްކީ ކޮން ވާހަކައެއްތޯ؟ ރޯހިތު ހޯދަން ވެގެން ބަޔަކު އެ ތަނަށް ވެސް ދިޔަ. މިއަދު ހަމަ އެ އެގުރިމަންޓް އޮތް ގޮތަށް ކުރިއަށް އެ ގެންދަނީ،"

"އައްޑޫގެ ކޮންސިއުލޭޓާ ގުޅޭ ގޮތުން ދެއްކީ ކޮން ވާހަކައެއްތޯ. އެ ތަނުގައި އިންޑިއާ މީހުން އާބާދުކުރާށޭ މި އުޅެނީ،" ސުވާލުތަކެއް ވެސް އުފައްދަވަމުން ސޯލިހު ވިދާޅުވި އެވެ.

ސަރުކާރުން އިންޑިއާއަށް ދިމާކޮށްލަން ފުރަތަމަ އުޅުނު ކަމަށާއި އެއީ ނުފޯރާ ފޮތިން ފޫގެޅުން ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ހަމަ އެ އެގުރިމަންޓްތައް އޮތް ގޮތަށް އެބަ ކުރިއަށްދޭ. މިއީ ނުފޯރާ ފޮތިން ފޫގެޅީމާ ވީ ގޮތް،" ސޯލިހު ވިދާޅުވި އެވެ.

މިއަދު މި ސަރުކާރު ގެންނަން ވޯޓު ދިން ގިނަ މީހުން ވެސް އެ ކަމާ ހިތާމަކުރާ ކަމަށް ސޯލިހު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި ވިދާޅުވީ މި ސަރުކާރަށް ވޯޓު ދިން އާންމު މީހަކު އެމަނިކުފާނަށް ގުޅުއްވައި އެ މޭރުމުން ވާހަކަ ދައްކާފައިވާ ކަމަށެވެ.

"މީހަކު ފޯނުން ގުޅާފައި ބުނި. ބުނީ އިބޫއަށް ވޯޓެއް ނުދެމޭ. މި މީހުން ދެއްކި ވާހަކަތައް ގަބޫލު ކުރެވުނީއޭ. މި ތަނުގައި ހަގީގަތުގައި ވެސް ހަތިޔާރާ އެކީ އިންޑިއާ ސިފައިން ތިބި ވާހަކަ. އެކަމަކު މިއަދު ގަބޫލުކޮށްފީމޭ ދޮގު ކަން އެއީ." ސޯލިހު ވިދާޅުވި އެވެ.

ކޮމެންޓް (1)

profile-image-placeholder

ޖުހާ

12 އޮކްޓޯބަރު 2024
މީސްތަކުންނޭ ނިކަން ބަލާބަލަ ސޯލިހު އެބަހުރި އޭނާ އެބަ ހަނާއަޅާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް