ރައީސް މުއިއްޒު އިންޑޮއާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވާ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވުން (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

އިންޑިއާއާ އެކު ގުޅުން ބަދަހިކުރަނީ ކެމްޕޭނުގައި ވެސް ބުނި ގޮތަށް: ރައީސް

އެމަނިކުފާނު ވިދާޅުވީ، އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެމަނިކުފާނުގެ ހާރިޖީ ސިޔާސަތެއް ބަދަލެއް ނާންނަކަމަށް. އިންޑިއާއާ އެކު ގުޅުން ބަދަހި ކުރުމަކީ ސިޔާސަތުގެ ދަށުން އެކަން އޮންނަންވާނެ ގޮތް ކަމަށް ވެސް ވިދާޅުވި.
10 އޮކްޓޯބަރު 2024
2

މި ސަރުކާރުން އިންޑިއާއާ އެކު ގުޅުން ބަދަހިކުރަމުންދަނީ، މެނިފެސްޓޯ ލޯންޗު ކުރުމާއެކު ފުރަތަމަ ދުވަހު ވެސް އިއުލާނު ކުރެއްވި ހާރިޖީ ސިޔާސަތާ އެއްގޮތަށްކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއާއަށް މިވަގުތު ކުރައްވަމުންދާ ދަތުރުފުޅުގައި ބެންގަލޫރުގައި ދިރިއުޅެމުންދާ ދިވެހިންނާ އެކު މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެންނާ އެހެން ގައުމުތަކާ ދޭތެރޭ އޮންނާނީ ކޮން ކަހަލަ ގުޅުމެއްކަން، ހާރިޖީ ސިޔާސަތު އޮންނާނީ ކިހިނެއްކަން އަޅުގަނޑު އެންމެ ފުރަތަމަ ރިޔާސީ އިންތިހާބުގެ ކެމްޕޭނު ފަށަން، މެނިފެސްޓޯ ލޯންޗު ކުރަން ބޭއްވި ޖަލްސާގައި އިއުލާނު ކުރިން،" ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.

"އެ ސިޔާސަތު އެއީ އަޅުގަނޑު އަބަދުވެސް ކުރިއަށް ގެންދާނެ ސިޔާސަތަކީ."

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި:

  • އެ ސިޔާސަތަކީ ދިވެހި ރައްޔިތުންނާއި ދިވެހި ގައުމު އިސްކުރުމުގެ ސިޔާސަތު 

  • ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް ފަހިވާ ގޮތަށް ކަންކަން ފަހިކުރެވޭ ގޮތަށް އެހީތެރިކަން ދޭ ހުރިހާ ގައުމަކާ އެކުގައި ގާތް ގުޅުން ބާއްވާނެ ކަމަށް އެރޭ ވިދާޅުވެފައިވާނެ

  • އެ ގާތް ގުޅުން ބާއްވާ އިރު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްވާކަން އަބަދުމެ ކަށަވަރުކުރާނެ ކަމަށް ވެސް ވިދާޅުވެފައިވާނެ

"އެ ސިޔާސަތުގެ މަތިން އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް، އަދި ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑު މަސައްކަތް ކުރަނީ،" އެކަމާ މެދު އެއްވެސް ދިވެހި ރައްޔިތެއްގެ ހިތުގައި ޝައްކެއް ނުބޭއްވުމަށް އެދިވަޑައިގެން، ރައީސް ޔަގީންކަން ދެއްވި އެވެ.

"އަޅުގަނޑު މަސައްކަތް ކުރާ ގޮތް ފެންނާނެ. ދައްކާ ވާހަކައާ އެއްގޮތަށް ހާރިޖީ ސިޔާސަތު މި ގެންދަނީ. އިންޑިއާ އަކީ އަޅުގަނޑުމެންނާ ވަރަށް ގާތް ގުޅުމެއް އޮތް ބައެއް."

އެއާއެކު، އިންޑިއާ އިން ރާއްޖެއަށް އެހީތެރިވި ހާލަތްތަކުން މިސާލު ނަންގަވައި، ރާއްޖެއާ އިންޑިއާއާ މެދު އޮތް ޒަމާންވީ ގުޅުމުގެ ވާހަކަ އެމަނިކުފާނު ދެއްކެވި އެވެ.

"އެހެންވީމަ، އަޅުގަނޑުމެންގެ ރާއްޖެއަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް، އަޅުގަނޑުމެންގެ ގައުމަށް އެކި ކަންކަމުގައި އެންމެ ފަހިވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމުގައި ދެ ގައުމުގެ ގުޅުން ވަރުގަދަ ވެގެން ދިޔުމަކީ، އަދި އަބަދުވެސް އެގޮތުގައި އޮތުމަކީ ރައްޔިތުންގެ ހައްގުގައި، އަޅުގަނޑު އެދުވަހު [ކެމްޕޭން ލޯންޗު ކުރި ދުވަހު] އިއުލާނު ކުރި ސިޔާސަތުގެ ދަށުން ކުރިއަށް ދާނަމަ، އެކަން އޮންނަންވާނެ ގޮތް،" އަނެއްކާ ވެސް އެމަނިކުފާނު ތަކުރާރު ކުރެއްވި އެވެ.

'ކުރީ ސަރުކާރުގައި ވީހެނެއް ނުވާނެ'

މި ދަތުރަކީ، ރާއްޖެއިން ކަނޑައެޅި މަގުސަދު ހާސިލްކުރެވުނު ކާމިޔާބު ދަތުރެއްކަން ފާހަގަކުރައްވާ، ރައީސް ވިދާޅުވީ، އިންޑިއާއާ ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ. ދެ ގައުމުގެ ގުޅުން ވަރުގަދަވުމުން މި ސަރަހައްދުގެ އަމާންކަމާ ރައްކާތެރިކަން އިތުރުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި:

  •  މިދިޔަ ސަރުކާރުގައި 'ކަންކަން ދިޔަ ގޮތަށް މި ސަރުކާރުގައި ވެސް ކަންތައް ވެދާނެ' ކަމަށް މި ދަތުރާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކާ ވާހަކައިން ހީވި ނަމަވެސް އެކަން އެގޮތަށް ނުވާނެ 

  • ބެލެވޭ ގޮތުގައި، އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާއާ އެކު އޮތް ގާތް ގުޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލިދާނެ ކަމަށް ބައެއް ފަރާތްތަކުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް

"އަޅުގަނޑުމެންގެ ގައުމުގައި އިންޑިއާ ސިފައިންނެއް ދެން ނުތިބޭނެ،" އެކަމަށް މިހާރު ދާއިމީ ހައްލެއް އައިސްފައިވާ ކަމަށާއި، އެކަންކަމާ ގުޅުވައިގެން ބައެއް ނޫސްތަކުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

މި ދަތުރުގައި ސޮއި ކުރެވުނު މެރިޓައިމް ސެކިއުރިޓީ އެގްރިމެންޓަކީ ސިޔާސަތާ އެއްގޮތަށް ބައްޓަން ކޮށް، އެންމެންނަށް ފެންނަ ގޮތަށް އޮތް އެއްބަސްވުމެއް ކަމަށް ވިދާޅުވި އެވެ. އެހެން ބައެއްގެ އަތް މައްޗަށް ކަންކަން ދޫކޮށްލާ ވާހަކައެއް އޭގައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެދިވަޑައިގަންނަވަނީ ހުރިހާ ބޭފުޅުން ވެސް މިކަންކަމުގެ ހަގީގަތް ބައްލަވައިގެން، އަޅުގަނޑުމެންގެ މި ދެގޮތެއް ނުވާ ދެފުށްފެންނަ، އަބަދުވެސް އެންމެ ފުރަތަމަ ދުވަހު އިއުލާނުކޮށްގެން މިއަދާ ހަމައަށް މިއައި ހާރިޖީ ސިޔާސަތުގެ ކަންކަން އަމިއްލަފުޅަށް ދެނެވަޑައިގަތުން،" ރައީސް އެދިވަޑައިގެންނެވި އެވެ.

"އެހެން ބަޔަކު ދައްކާ ވާހަކައަކަށް، އަޅުގަނޑުމެންގެ ގައުމުގެ ކަންކަމުގައި ފިކުރު ނުކުރައްވާ. ހަގީގަތް ސާފުކޮށް ފެންނަން އޮތީ."

ކޮމެންޓް (2)

profile-image-placeholder

ހައްޕު

11 އޮކްޓޯބަރު 2024
ވެރިމީހާ ވިސްނަވަނީ ދިވެހިންނަކީ އަދި އިންޑިއާ މީހުންނަކީ ތަނެއްދޮރެއް ނޭންގޭ ޤަމާރު ބައެއް ކަމަށްތާ! ތެދެއް ، ދިވެހިންގެ ގިނަބައެެއްގައި އެވިސްނުން ހުރެގެން މަނިކުފާނު ހޮވީ.

ކަމްރުލް

10 އޮކްޓޯބަރު 2024
ވަޓް އަ ކްލައުން ވީވް ގޮޓް އޭޒް ހެޑް އޮފް ދިސް ސްޓޭޓް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް