ކަރަންސީ ސްވޮޕުގައި ދެ ގައުމުގެ މަރުކަޒީ ބޭންކުގެ ވެރިން ސޮއިކުރެއްވުމަށް ފަހު އެއްބަސްވުން ބަދަލު ކުރަނީ: ކަރަންސީ ސުވަޕަކީ މިވަގުތު ރާއްޖެއަށް ލިބުނު ހިތްހަމަޖެހުމެއް (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

އިންޑިއާގެ ކަރަންސީ ސުވޮޕަކީ ރާއްޖެއަށް މާލީ ފަރުވާއެއްތަ؟

ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ކުރު މުއްދަތުގައި އަދާކުރަން ޖެހޭ މާލީ ޒިންމާތައް ވަގުތުން ވަގުތަށް އަދާކުރުމަށް ކަރަންސީ ސްވޮޕާ އެކު މި ވަނީ މަގުފަހިވެފައި
8 އޮކްޓޯބަރު 2024

ބޭރުގެ ފަރާތްތަކަށް ރާއްޖެއިން އަދާކުރަން ޖެހޭ ދަރަނި ބޮޑުވުމާއި ދައުލަތުގެ ހަރަދުތައް އާމްދަނީއާ ނުބައްދަލުވެ މިހާރު ކުރިމަތިވެފައިވާ މާލީ މައްސަލަތަކުން އަރައިގަންނަން  އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް މި ވަނީ އެހީގެ އަތެއް ދިއްކޮށްލައިފަ އެވެ.

އެންމެ ފުރަތަމަ މި އަހަރު ދައްކަން އޮތް އިންޑިއާގެ 100 މިލިއަން ޑޮލަރުގެ  ބޮންޑަށް ފައިސާ ދެއްކުން ވަނީ އަހަރަކަށް ފަސްކޮށްދީފަ އެވެ. ރައީސް މުހައްމަދު މުއިއްޒު މިހާރު އެ ގައުމަށް ކުރައްވާ ދަތުރުފުޅުގައި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސުވޮޕް ފެސިލިޓީއެއް ދޭން އެއްބަސްވެ ވަަނީ ސޮއިކޮށްފަ އެވެ. އަދި 30 ބިލިއަން އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 357 މިލިއަން ޑޮލަރު)ގެ އިތުރު ސްވޮޕެއް ރާއްޖެއަށް ދޭން ވެސް ސޮއިކުރި އެވެ.

ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވަނީ (ފޮޓޯ/ރައީސް އޮފީސް)

މި ކަރަންސީ ސްވޮޕް އެއްބަސްވުންތަކުން ރާއްޖޭގެ ނާޒުކު މާލީ ހާލަތަށް ލިބޭނީ ކޮން ކުރިއެރުމެއް ހެއްޔެވެ؟ 

ރާއްޖެއަށް ހިންދެމިލަން ފުރުސަތެއް

ދައުލަތުގެ ބަޖެޓް މި އަހަރު ފާސްކުރިއިރު ސަރުކާރުން ލަފާކޮށްފައި އޮތީ ބޭރުގެ އެކި ފަރާތްތަކުން ބަޖެޓް ފައިނޭންސިންގެ ގޮތުގައި 500 މިލިއަނެއްހާ ޑޮލަރު ލިބޭނެ ކަމަށެވެ. އެކަމަކު އެ ފައިސާ ނުލިބި އޭގެ އަސަރު ރާއްޖޭގެ ރަސްމީ ރިޒާވަށްކޮށް ރިޒާވުގެ ހާލަތު ވަނީ ގޯސްވެފަ އެވެ. އެއާ އެކު ރާއްޖޭގެ ދަރަނިތައް ނުދެއްކި އިގްތިސާދީ ބޮޑު ކާރިސާއަކަށް ރާއްޖެ ވެއްޓިދާނެކަމުގެ އިންޒާރު އެކި ފަރާތްތަކުން އަންނަނީ ދެމުންނެވެ. 

"ރާއްޖެއަށް ހިންދެމިލަން މި ލިބުނީ ފުރުސަތެއް. ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް މި ލިބުނީ،" ދެ ގައުމުގެ މަރުކަޒީ ބޭންކުގެ ދެމެދުގައި އިއްޔެ ސޮއިކުރި ކަރަންސީ ސްވޮޕް އެއްބަސްވުމާ ގުޅޭ ގޮތުން މާލީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ. 

މަރުކަޒީ ބޭންކް، އެމްއެމްއޭގެ މައި އިދާރާ. (ދައުރު ފައިލް ފޮޓޯ)

ކަރަންސީ ސްވޮޕަކީ ރާއްޖެއިން ޑޮލަރު ބޭނުންވާ ވަގުތު އެ އަދަދަށް ދިވެހި ރުފިޔާ  އިންޑިއާގެ މަރުކަޒީ ބޭންކުގައި ބެހެއްޓުމަށް ފަހު އެ ބޭންކުން ރާއްޖެއަށް ޑޮލަރު ދޭ އުސޫލެކެވެ. ސާކް ގައުމުތަކުގެ މެދުގައި އޮންނަ އެއްބަސްވުމެއްގެ ދަށުން މީގެ ކުރިން ވެސް އިންޑިއާގެ ސެންޓްރަލް ބޭންކުން ރާއްޖެއަށް އެ އިންތިޒާމް ހަމަޖައްސައިދެ އެވެ. 

ގާތްގަނޑަކަށް 12 ވަރަކަށް މަސްދުވަހަށް ރޯލްއޯވާ ކުރެވޭނެ. އެހެންވީމާ މި ލިބުނީ ފުރުސަތެއް ކުރު މުއްދަތުގެ ހައްލެއް. މިވަގުތަށް ވަރަށް ރަނގަޅު ފެސިލިޓީއެއް މިއީ.

އިގްތިސާދީ ދާއިރާގެ ބޭފުޅެއް

ކުރިން ވާހަކަދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި އެގޮތަށް ނަގާ ފައިސާ އަނބުރާ ދައްކަން ރާއްޖެއަށް އާންމުކޮށް އިންޑިއާއިން ދެނީ ހަ މަސްދުވަހުގެ މުއްދަތެކެވެ. އެންމެ ފުރަތަމަ ދޭ ހަ މަސް ހަމަވުމުން އެ މުއްދަތު އިތުރު ހަ މަހަށް އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ގާތްގަނޑަކަށް 12 ވަރަކަށް މަސްދުވަހަށް ރޯލްއޯވާ ކުރެވޭނެ. އެހެންވީމާ މި ލިބުނީ ފުރުސަތެއް ކުރު މުއްދަތުގެ ހައްލެއް. މިވަގުތަށް ވަރަށް ރަނގަޅު ފެސިލިޓީއެއް މިއީ،" މިހާރު އަދާކުރައްވާ ވަޒީފާގެ ގޮތުން ނަން ޖަހަން ބޭނުން ނުވާ އެ ތަޖުރިބާކާރު ވިދާޅުވި އެވެ. 

މާލީ ޒިންމާތައް އަދާކުރެވޭނެ ކަމުގެ ކަށަވަރުކަން

ކަރަންސީ ސްވޮޕް އިންތިޒާމުގެ ސަބަބުން އެންމެ ބޮޑަށް ރާއްޖެއަށް ލިބޭނެ ފައިދާއެއްގެ ގޮތުގައި އޭނާ ވިދާޅުވީ ބޭރުގެ ދަރަނި ދެއްކުމާއި އަސާސީ މުދާ ރާއްޖެއަށް ގެންނަން ދައްކަން ޖެހޭ ބޭރު ފައިސާ ވަގުތުން ވަގުތަށް ދެއްކޭނެކަމުގެ ޔަގީންކަން ރާއްޖެއަށް އޮތުމެވެ. އެއީ ބޭރުގެ ފަރާތްތަކަށް ވެސް ދެވޭ ޔަގީންކަމެކެވެ. 

"ދަރަނި ދެއްކުމާ މިކަހަލަ ކަންކަމުގައި ބޭރު ފައިސާގެ ޝޯޓްފޯލްއެއް އުޅެންޏާ ޔަގީން ފައިނޭންސިން ފެސިލިޓީއެއް އެ އިނީ މިހާރު. ބޭރުގެ ފަރާތްތަކަށް އަދާކުރަން ޖެހޭ މާލީ ޒިންމާތައް އަދާކުރެވޭނެ ކަމުގެ ކަށަވަރުކަމެއް މިވަގުތަށް އެ ލިބުނީ،" އޭނާ ވިދާޅުވި އެވެ. 

ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން މިހާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މީގެ ކުރިން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާ ރާއްޖެ ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ (ފޮޓޯ/ފޮރިން މިނިސްޓްރީ)

އެކަމަކު، އޭނާ ވިދާޅުވި ގޮތުގައި، މިއީ ދާއިމީ ފަރުވާއެއް ނޫނެވެ. އަދި ދިގު ދެމިގެންދާނެ ހައްލެއް ވެސް ނޫނެވެ. މި މުއްދަތުގައި ރާއްޖެއިން ގޮތްތަކެއް ހޯދާ ހަރުދަނާ މާލީ ސިޔާސަތެއް ތަންފީޒު ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަހަރެއްހާ ދުވަސް ތެރޭ ސަރުކާރުން ހޯދަން ޖެހޭނެ ކުރިއަށް މިހިރަ ދަރަނި ދެއްކުމަށް ލުއި ގޮތްތަކާއި ދައުލަތުގެ ހަރަދު ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެ،" އެބޭފުޅާ ވިދާޅުވި އެވެ. 

ޑޮލަރަށް ބަރޯސާނުވެ މުއާމަލާތްކުރަން ފުރުސަތެއް

އާންމުކޮށް ދޭ ކަރަންސީ ސްވޮޕް ފެސިލިޓީގެ ބޭރުން ވެސް ދެ ގައުމުގެ މަރުކަޒީ ބޭންކުން ވަނީ 30 ބިލިއަން އިންޑިއާ ރުޕީސްގެ އިތުރު ސްވޮޕް ފެސިލިޓީއެއްގައި ސޮއިކޮށްފަ އެވެ.

މާލީ ދާއިރާގެ އެހެން ބޭފުޅަކު ވިދާޅުވީ އެކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކަށް ޑޮލަރުން ފައިސާ ނުދައްކާ ދެ ގައުމުގެ ފައިސާއިން އަގު އަދާކުރެވޭނެ ކަމަށެވެ. 

ވިޔަފާރިވެރިންނަށް ޑޮލަރު ހޯދަން ނުޖެހި ދެ ގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭނެ ގޮތެއް އެ ސްވޮޕްއިން ހަމަޖެހިއްޖިއްޔާ ރާއްޖޭގައި ޑޮލަރަށް މި އޮންނަ ޕްރެޝަރު ކުޑަކުރެވޭނެ.

އިގްތިސާދީ ދާއިރާގެ ބޭފުޅެއް 

ރާއްޖެއަށް އެންމެ ގިނައިން ކާޑުގެ ބާވަތްތަކާއި ތަރުކާރީ މޭވާ އަދި ހަވާދު ފަދަ ބާވަތްތައް އެތެރެކުރަނީ އިންޑިއާއިންނެވެ. ގެދޮރު އިމާރާތްކުރަން ބޭނުންވާ ހިލަ އާއި ހިލަވެލި ގެންނަން ވެސް އިންޑިއާއަށް ރާއްޖެ ބަރޯސާވެ އެވެ. 

"އެ ސްވޮޕް މަސައްކަތް ކުރަނީ ރުފިޔާ ވެސް އެކޮޅުން އެކްސެޕްޓްކޮށްގެން. އެހެންވީމާ  ވިޔަފާރިވެރިންނަށް ޑޮލަރު ހޯދަން ނުޖެހި، ދެ ގައުމުގެ ފައިސާއިން މުއާމަލާތް ކުރެވޭނެ ގޮތެއް އެ ސްވޮޕްއިން ހަމަޖެހިއްޖެއްޔާ ރާއްޖޭގައި ޑޮލަރަށް މި އޮންނަ ޕްރެޝަރު ކުޑަކުރެވޭނެ،" އެބޭފުޅާ ވިދާޅުވި އެވެ. 

މީހަކު ޑޮލަރުތަކެއް ގުނަނީ (ފޮޓޯ/ބީއެމްއެލް)

އެމްއެމްއޭއިން ވެސް އިއްޔެ ބުނެފައި ވަނީ ޑޮލަރު/ޔޫރޯ ސްވޮޕް ފެސިލިޓީއަކީ ކުރު މުއްދަތުގެ ބޭރު ފައިސާއިން ކުރަން ޖެހޭ މުއާމަލާތްތައް ކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށެވެ. އިންޑިއަން ރުޕީސް ސްވޮޕް ފެސިލިޓީ މެދުވެރިކޮށް އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެ ގައުމަކަށް ނިސްބަތްވާ ފައިސާއިން ކުރަން ވެސް މަގުފަހިވާނެ އެވެ.

"މިއީ ދެ ގައުމު ދޭތެރޭ ކުރެވޭ ވިޔަފާރި އިތުރުވެ ހަރުދަނާ ވާނެ ކަމެއް،" އެމްއެމްއޭއިން ނެރުނު ކުރު ބަޔާނެއްގައި ބުންޏެވެ. 

ބޭރުގެ މީޑިއާތަކުން ސިފަކުރާ ގޮތަށް އިންޑިއާއިން މި ވަނީ ރާއްޖެ މާލީ އަދި އިގްތިސާދީ ކާރިސާއަކުން މިވަގުތަށް ސަލާމަތްކޮށްދީފަ އެވެ. އެކަމަކު މިއީ ރާއްޖޭގެ ނާޒުކު މާލީ ހާލަތަށް އޮތް ދާއިމީ ފަރުވާއެއް ނޫނެވެ. ދާއިމީ ފަރުވާއެއް އޮތީ ހަރަދު ކުޑަކޮށްގެންނެވެ. ދައްކަން ހުރި ދަރަނިތައް ރީސްޓްރަކްޗާ ކުރެވޭނެ މަގުތަކެއް ހޯދިގެންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް