7 އޮކްޓޯބަރު 2024: ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ރަސްމީ މަޝްވަރާތައް ބޭއްވެވުން. (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

ޔޫޓީއެފް ބަނދަރު ތާވަލާ އެއްގޮތަށް ނިންމަން ދެ ގައުމުން އެއްބަސްވެއްޖެ

ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާއާ އެކު ގުޅުން ބަދަހި ކުރަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވިދާޅުވި ގޮތަށް ކަމަށާއި ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް ފަހިވާ ގޮތަށް ކަންކަން ފަހިކުރެވޭ ގޮތަށް އެހީތެރިކަން ދޭ ހުރިހާ ގައުމަކާ އެކުގައި ގާތް ގުޅުން ބާއްވާނެ ކަމަށް

އިންޑިއާގެ އެހީގައި އުތުރު ތިލަފަޅުގައި ތަރައްގީ ކުރާ ސިފައިންގެ ބަނދަރާއި ޑޮކްޔާޑުގެ މަސައްކަތް ތާވަލާއެއްގޮތަށް ނިންމުމަށް އިންޑިއާ އާއި ދިވެހި ސަރުކާރުން އެއްބަސްވެެއްޖެ އެވެ. 

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ހޯމަ ދުވަހު ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންތައްތަކާ ގުޅޭ މައުލޫމާތު ވަނީ އާންމުކޮށްފަ އެވެ.

ތަފްސީލް - ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ލިޔުމުގައި ވާގޮތުން، ރައީސް މުއިއްޒު އާއި ބޮޑުވަޒީރު މޯދީ މަޝްވަރާކުރެއްވި ކަންތައްތައް ހިމަނާ އާންމުކޮށްފައިވާ ލިޔުމުގައިވާގޮތުން އިންޑިއާގެ އެހީގައި އުތުރު ތިލަފަޅު (ޔޫޓީއެފް)ގައި ތަރައްގީ ކުރާ އެކަތަ ހާބަރުގެ މަސައްކަތް އެއްބަސްވުމުގައި ވާގޮތަށް ތާވަލަށް ނިންމުމަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ބޮޑިވަޒީރު މޯދީ ވަނީ ދެއްވައިފަ އެވެ.

އުތުރު ތިލަފަޅުގައި ތަރައްގީކުރާ ކޯސްޓުގާޑު ބަނދަރަކީ އިންޑިއާގެ މާލީ އެހީގައި ތަރައްގީ ކުރާ ބަނދަރެކެވެ. އެ ތަން ތަރައްގީކުރަނީ އިންޑިއާގެ އާރުވީއެންއެލް ކުންފުނިންނެވެ.

ޔޫޓީއެފް މަޝްރޫއު ހަވާލުކުރީ:

  • 186.3 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ)އަށް

  • މަޝްރޫއު ނިންމަން ޖެހެނީ ސޮއިކުރާތާ ދެ އަހަރު ދުވަހުގެ ތެރޭގައި

ޔޫޓީއެފް ދައްކާލަން މީގެ ކުރިން ނޫސްވެރިން އެ ތަނަށް ގެންދިޔަ އެވެ. އޭރު އެމްއެންޑީއެފް އިން ބުނީ މި އަހަރު ތެރޭ ބަނދަރު ތަރައްގީކޮށް ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާ އާއެކު ޔޫޓީއެފް މަޝްރޫއު ކުރިއަށް ގެންދަން ނިންމުމުން އޭރުގެ އިދިކޮޅުން އަދި މިހާރު ސަރުކާރުގައި ތިބި ފަރާތްތަކުން ވަނީ އެ މަޝްރޫއަށް ފާޑު ކިޔައި އެއީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ގާއިމް ކުރަނީ ކަމަށް ބުނެފަ އެވެ.

އެކަމާ ގުޅިގެން އޭރުގެ ސަރުކާރުން ބުނެފައިވަނީ އުތުރު ތިލަފަޅުގައި ގާއިމްކުރަނީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ކަމަށް ބުނެ ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އެ ތަނުގައި ކުރިއަށް ގެންދާ މަޝްރޫއަކީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގައި ދިވެހިންގެ ފުރިހަމަ މިލްކިއްޔާތެއް ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓްރީން އޭރު ދިނެވެ.

ރައީސް މުއިއްޒުގެ ދަތުރުފުޅުގައި އެ މަޝްރޫއު ތާވަލަށް ނިންމާނެ ކަމުގެ ޔަގީންކަން އިންޑިއާ އިން ދިން އިރު ކުރީ ސަރުކާރުން ނިންމާފައި އޮތީ އުތުރު ތިލަފަޅުން މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށެވެ.

ނަމަވެސް މި ސަރުކާރުން ނިންމާފައިވަނީ އެ ތަނުގައިޗައިނާއާ ގުޅިގެން ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގުމަށެވެ. އުތުރު ތިލަފަޅުގައި ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގަން ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ އާއެކު ވަނީ އެއްބަސްވުމެއް ވެސް ހަދައިފަ އެވެ.

ޗައިނާގެ އޭޝިއާ އިންފްރާންސްޓްރްކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ)އާ އެކު ސަރުކާރުން މިހާރު ވަނީ ކ. ތިލަފުށިން އުތުރު ތިލަފަޅާއި ހަމައަށް ބްރިޖަކުން ގުޅާލުމަށް ޕްރީ ފީޒިބިލިޓީ މަސައްކަތް ފެށުމުުގެ މަޝްވަރާތައް ވެސް ކޮށްފަ އެވެ.

ރައީސްގެ އިންޑިއާ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ އާ އެކު ބޭއްވެވި ރަސްމީ މަޝްވަރާތަކުގައި ޑިފެންސްގެ ދާއިރާ އިން ދެން ފާހަގަކުރެއްވި މުހިއްމު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ރާއްޖޭގެ ސިޔާސަތުތަކާ އެއްގޮތަށް މެރިޓައިމް އަދި ސަލާމަތީ ދާއިރާ އިން ސިފައިންނާއި ސަރުކާރުގެ ގާބިލުކަން އިތުރު ކުރުމަށް ދިފާއީ ޕްލެޓްފޯމުތަކާއި އެސެޓުތައް ފޯރުކޮށްދިނުމުގައި އިންޑިއާ އިން ރާއްޖެ އަށް އެހީތެރިވުން

  • އެމްއެންޑީއެފްގެ ސަވައިލަންސް އަދި މޮނިޓަރިން ގާބިލުކަން އިތުރު ކުރުމަށް ރާޑަރު ސިސްޓަމާއި އެފަދަ އެހެން އާލާތްތައް ފޯރުކޮށްދިނުމުގައި އެހީތެރިވުން

  • ހައިޑްރޯގްރެފިިކް ކަންކަމުގައި ރާއްޖޭގެ ސަރުކާރުން ބޭނުންވާގޮތަށް ތަމްރީނާއި ކެޕޭސިޓީ ބިލްޑިންގެ ޒަރިއްޔާ އިން އެހީތެރިވުން

  • އިންޑިއާގެ އެހީގައި އަޅާ ކޯސްޓުގާޑު އިމާރާތް ފުރިހަމަކޮށް ވީ އެންމެ އަވަހަކަށް ނިންމުން

  • އެމްއެންޑީއެފްގެ އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން

ގުޅުން ހުރި - އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ އާއެކު ގުޅުން ބަދަހި ކުރަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވިދާޅުވި ގޮތަށް ކަމަށާއި ދިވެހި ރައްޔިތުންނާއި ދިވެހި ގައުމަށް ފަހިވާ ގޮތަށް ކަންކަން ފަހިކުރެވޭ ގޮތަށް އެހީތެރިކަން ދޭ ހުރިހާ ގައުމަކާ އެކުގައި ގާތް ގުޅުން ބާއްވާނެ ކަމަށެވެ.

"އެ ސިޔާސަތުގެ މަތިން އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް، އަދި ކުރިއަށް އޮތްތަނުގައި ވެސް އަޅުގަނޑު މަސައްކަތް ކުރައްވާނީ،" އެކަމާ މެދު އެއްވެސް ދިވެހި ރައްޔިތެއްގެ ހިތުގައި ޝައްކެއް ނުބޭއްވުމަށް އެދިވަޑައިގެން، ރައީސް ޔަގީންކަން އެރުވި އެވެ.

"އަޅުގަނޑު މަސައްކަތް ކުރާގޮތް ފެންނާނެ. ދައްކާ ވާހަކައާ އެއްގޮތަށް ހާރިޖީ ސިޔާސަތު މި ގެންދަނީ. އިންޑިއާ އަކީ އަޅުގަނޑުމެންނާ ވަރަށް ގާތް ގުޅުމެއް އޮތް ބައެއް."

ކޮމެންޓް (1)

profile-image-placeholder

އައްޒަޑޭ

10 އޮކްޓޯބަރު 2024
ތިތަނަށް އަޒާނު ވާނެދާން ކޮންމެހެންވެސް އަނެއްކާ ރޯހިތު އަންނަނީ ކީކޭތޯ ދަންނަވާނީ، މިވެސް ދުވަހެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް