އުތުރު ތިލަފަޅު އެއްބަސްވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ (ކ-2) އާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު (ވ-2) އެ އެއްބަސްވުން ބަދަލުކުރައްވަނީ. (ފޮޓޯ/ޑިފެންސް މިނިސްޓްރީ)

އުތުރު ތިލަފަޅަކީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ދިވެހިންގެ މިލްކެއް: ޑިފެންސް މިނިސްޓްރީ

ޑިފެންސް މިނިސްޓްރީން ބުނީ އެ ތަނުގައި އެހެން އެއްވެސް ގައުމެއްގެ ސިފައިން ގާއިމްވެ ނުތިބޭނެ ކަމަށް

ކ. އުތުރު ތިލަފަޅުގައި ގާއިމްކުރަނީ އިންޑިއާގެ އަސްކަރީ މަރުކަޒެއް ކަމަށް ބުނެ ދައްކަނީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ، އެ ތަނުގައި ކުރިއަށް ގެންދާ މަޝްރޫއަކީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގައި ދިވެހިންގެ ފުރިހަމަ މިލްކިއްޔާތެއް ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓްރީން މިއަދު ދީފި އެވެ.

ވީ ކިހިނެއް؟ - ސިޔާސީ މަގުސަދެއް ހާސިލް ކުުރުމަށް ސިފައިންގެ ލީޑަޝިޕްގެ އިތުބާރު ގެއްލުވާލައި ސިފައިންގެ ބަދަހި ސަފުތައް ގުޑުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ، އެ މަސައްކަތް ހުއްޓާލުމަށް ގޮވާލައި ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އުތުރު ތިލަފަޅުގައި އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގާއިމްކުރާ 'އެކަތަ' ބަނދަރަކީ ދިވެހި ކޯސްޓްގާޑުގެ އުޅަނދުފަހަރު އަޅާފައި ބޭއްވުމަށާއި އެ އުޅަނދުތައް މަރާމާތު ކުރަން ތަރައްގީ ކުރާ ބަނދަރެއް ކަމަށެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހަވާލާދީ އެ ބަޔާނުގައި ވަނީ، ގައުމަށް ދިމާވެދާނެ ބޮޑެތި ކަންކަމުގައި ދިވެހި އަސްކަރިއްޔާ ތަރުތީބުކޮށް، އެންމެހާ ރޭންކުތަކުގެ ސިފައިންނަށް އިރުޝާދުދީ، މަގުދައްކަން ތިބި ސިފައިންގެ ލީޑާޝިޕްގެ އިތުބާރު ގެއްލުވާލައި ސިފައިންގެ ބަދަހި ސަފުތައް ގުޑުވާލުމަށް ކުރާ މަސައްކަތް ހުއްޓާލަން ގޮވާލާފަ އެވެ.

ތަފްސީލް - އެ ބަޔާނުގައި ބުނީ، އުތުރު ތިލަފަޅާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އިސްނަގައިގެން ފުރަތަމަ އިންޑިއާ ސަރުކާރާ އެކު މަޝްވަރާ ކޮށްފައިވަނީ 2013 ވަނަ އަހަރު ކަމަށެވެ. އޭރު ރާއްޖޭގެ ޑިފެންސް މިނިސްޓަރު އިންޑިއާއަށް ކުރެއްވި ދަތުރެއްގައި މަޝްވަރާ ކުރެއްވީ އުތުރު ތިލަފަޅުގައި އަސްކަރީ ބޮޑު މަޝްރޫއެއް ހިންގަން ކަމަށް ބަޔާނުގައިވެ އެވެ.

އެގޮތުން، ޑިފެންސް މިނިސްޓްރީން ބުނީ:

  • އޭރުގެ ސަރުކާރުގެ ތަސައްވަރާއި ކޮންސެޕްޓު ޑިޒައިން އިންޑިއާ ސަރުކާރަށް ހުށަހެޅި

  • 2016 ވަނަ އަަހަރު ރާއްޖެ އާއި އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރި 'އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން ދަ މޯލްޑިވްސް އެންޑް އިންޑިއާ' ގައި ވެސް އިންޑިއާއާ ގުޅިގެން އުތުރު ތިލަފަޅުގައި ބޮޑު މަޝްރޫއެއް ހިންގަން އެއްބަސްވެފައިވޭ

  • ކުރީ ސަރުކާރުން 2013 ވަނަ އަހަރު ހުށަހަޅާފައިވާ އަސްކަރީ ބޮޑު މަޝްރޫއުގެ ސްކޯޕް ހަނިކޮށް، އެ ތަނުގައި ކޯސްޓް ގާޑު އުޅަނދުފަހަރު އަޅައި މަރަމާތު ކުރާނެ ޑޮކްޔާޑެއް ތަރައްގީ ކުރަން ހަމަޖެއްސީ 2019 ވަނަ އަހަރު މިހާރުގެ ސަރުކާރުން 

އެނގުން މުހިންމު - މި ސަރުކާރުން ކުރިން ވެސް ބުނެފައި ވަނީ، އުތުރު ތިލަފަޅު ތަރައްގީކުރަން ރާއްޖޭން އިންޑިއާއަށް ހުށަހެޅީ، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރު އިދިކޮޅާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ މުހައްމަދު ނާޒިމް އިންޑިއާއަށް ކުރެއްވި ދަތުރެއްގައި ކަމަށެވެ.

އެ މަޝްރޫއު ކުރިއަށް ގެންދަން، މިހާރުގެ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އިންޑިއާއާ އެކު އެއްބަސްވެފައިވާ ކަމަށް މި ސަރުކާރުން ކުރިން ވެސް ބުނެފައިވެ އެވެ.

'މިނިވަންކަމަށް އުނިކަން އަންނާނެ ކަމަކަށް ޖާގައެއް ނުދޭނަން'

ޑިފެންސް މިނިސްޓްރީން މިއަދު ބުނީ، ބައެއް ފަރާތްތަކުން ގަސްދުގައި ފަތުރާ ދޮގު ހަބަރުތަކާ ހިލާފަށް 'އެކަތަ' ބަނދަރާއި އެ ތަނުގެ ހުރިހާ ވަސީލަތަކީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގައި ދިވެހިންގެ އަމިއްލަ މިލްކިއްޔާތު ކަމަށެވެ.

އެ ތަނުގައި އެހެން އެއްވެސް ގައުމެއްގެ ސިފައިން ގާއިމްވެ ނުތިބޭނެ ކަމަށް ބުނެ، ރާއްޖޭގެ މިނިވަންކަމަށާއި ސިޔާދަތަށް އުނިކަން އަންނާނެ އެއްވެސް ކަމަކަށް މި ސަރުކާރުން ޖާގަ ނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ދީފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނީ:

  • ސިފައިންގެ މުއައްސަސާ އަކީ ގައުމުގެ އަމާންކަމާއި ސިޔާދަތު ދިފާއުކުރުމުގެ އެންމެ ފަހު އައްޑަނަ؛ ސިޔާސީ ގޮތުން މިފަދަ ހައްސާސް ދަނޑިވަޅެއްގައި ދިވެހި ސިފައިންގެ ތަރައްގީއަށް ހިންގާ މުހިއްމު މަޝްރޫއަކަށް ހުރަސް އަޅައި ނަފްރަތު ނުއުފައްދަން އެދޭ

  • ދިވެހި ސިފައިންނާއި ސިފައިންގެ އާއިލާތަކުގެ އަގުވައްޓާލައި އެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ވައްދަން ސިޔާސީ ޕްރޮޕެގެންޑާ ފެތުރުމަކީ ކަންބޮޑުވާ ކަމެއް

ކޮމެންޓް (1)

ގަމާރު މީހާ

16 ސެޕްޓެމްބަރު 2023
ހެއްހެއްހެއް ހާދަވަރަކަށް ސަރުކާރުން ނޭވާ ހާސްވެ ކަންބޮޑުވެގެން މިއުޅެނީ. ދުނިޔޭގެ އާދަޔަކީ ކުށެއް ކޮށްފިނަމަ އަބަދުވެސް އެކުށެއް ކުރިމީހަކު ބަލާނެ އެކަން އެހެން މީހެއްގެ ބޮލުގަ އެޅުވޭތޯ. ޔަގީނުންވެސް ގޯސްތަކެއް ނުހަދާނަމަ ތިވަރަކަށް ހާސްނުވާނެ.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް