އުތުުރު ތިލަފަޅު.
ތިލަފުށިން އުތުރު ތިލަފަޅަށް ބްރިޖު އަޅަން ޗައިނާ ބޭންކާ އެކު މަޝްވަރާކޮށްފި
ކ. ތިލަފުށިން ފެށިގެން އުތުރު ތިލަފަޅު (ޔޫޓީއެފް)އާ ހަމައަށް ބްރިޖަކުން ގުޅާލުމަށް ޕްރީ-ފީޒިބިލިޓީގެ މަސައްކަތް ކުރަން ސަރުކާރުން ޗައިނާގެ ބޭންކަކާ އެކު އިއްޔެ މަޝްވަރާކޮށްފި އެވެ.
ވީ ކިހިނެއް؟ - ތިލަފުށިން ފެށިގެން ޔޫޓީއެފްއާ ހަމައަށް ބުރިޖަކުން ގުޅާލަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މި އަހަރުގެ މިނިވަންް ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވިދާޅުވެފަ އެވެ.
ތަފްސީލް - ރައީސް އެ ދުވަހު ވިދާޅުވީ އެ މަޝްރޫއާ ގުޅޭ ގޮތުން ޗައިނާގެ އޭޝިއާ އިންފްރާންސްޓްރްކްޗާ އިންވެސްޓްމެންޓް ބޭންކް (އޭއައިއައިބީ)އާ އެކު މަޝްވަރާކޮށްފައިވާ ކަމަށާއި ޕްރޮޕޯސަލް ހުށަހެޅުމަށް ދައުވަތު ދީފައިވާ ކަމަށެވެ.
އުއްމީދަކީ 2026ގައި އަމަލީ މަސައްކަތް ފަށައި ގިނަވެގެން ތިން އަހަރު ތެރޭ މަޝްރޫއު ނިންމާލުން ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން އިއްޔެ ބުނީ، ތިލަފުށިން ފެށިގެން ޔޫޓީއެފްއާ ހަމައަށް ބްރިޖަކުން ގުޅާލުމުގެ މަސައްކަތުގެ ޕްރީ-ފީޒިބިލިޓީ ދިރާސާއާ ގުޅޭ ގޮތުން އޭއައިއައިބީގެ އޮފިޝަލުންނާ އެކު މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އިއްޔެ މަޝްވަރާ ކުރައްވާފައިިވާ ކަމަށެވެ.
އެ މަޝްރޫއަކީ ގްރޭޓާ މާލޭ ރީޖަން ގުޅާލައި އިގްތިސޯދީ ގޮތުން ކުރިއެރުން އަންނާނެ މަޝްރޫއެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
Today, Minister Dr. Abdulla Muththalib met with the Senior Officials of the Asian Infrastructure Investment Bank (AIIB) Mission, where discussions centered around conducting the pre-feasibility study for the Thilafushi to UTF Bridge Project via Giraavaru. This project is set to… pic.twitter.com/VZUZI3rljc
— Ministry of Construction and Infrastructure (@MoCImv) September 17, 2024
ފާހަގަ ކުރެވޭ - މާލޭން ފެށިގެން ތިލަފުއްޓާ ހަމައަށް ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އިންޑިއާގެ ލޯނު އެހީގައި އެ ގައުމުގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން މިދިޔަ ސަރުކާރުން ވަނީ ފަށާފަ އެވެ. އެ މަޝްރޫއު މިހާރު ވެސް ކުރިއަށް އެބަދެ އެވެ.
ތިލަފުށިން ފެށިގެން ޔޫޓީއެފްއާ ހަމައަށް ބްރިޖުން ގުޅާލަން ނިންމާފައި ވާއިރު:
-
ކުރީގެ ސަރުކާރުން ވަނީ ސިފައިންގެ ޑޮޮކްޔާޑެއް ޔޫޓީއެފްގައި އަޅަން ފަށާފައި
-
މިިދޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެ ސަރަހައްދުން މާލޭ ރައްޔިތުންނަށް ގޯތި ވެސް ދޭނެ ކަމަށް ވިދާޅުވެފައި
-
ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ އެ ނިންމުން ބަދަލުކޮށްފައި؛ މިހާރު ނިންމާފައިވަނީ ޔޫޓީއެފްގައި ޗައިނާއާ ގުޅިގެން ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގަން
-
ޔޫޓީއެފްގައި ދަނޑުވެރިކަމުގެ މަޝްރޫއެއް ހިންގަން ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ އާއެކު ވަނީ އެއްބަސްވުމެއްވެސް ހަދާފައި