ދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަން (ދައުރު ފޮޓޯ/ އަހުމަދު ނާއިފް)
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓު އަޅަން މަޝްވަރާކޮށްފި
އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރުމާއި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމް ކުރުމަށް ރާއްޖެ އާއި އިންޑިއާ އިން މިއަދު މަޝްވަރާ ކުރެއްވި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީއާ އެކު ބޭއްވެވި މަޝްވަރާތަކަށް ފަހު ދެ ބޭފުޅުން ދެއްވި ގުޅިފައިވާ ބަޔާނުގައި މޯދީ ވިދާޅުވީ ރާއްޖެ އާއި އިންޑިއާ އަކީ ޒަމާނުއްސުރެ އެކުވެރި، ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށާއި ދެ ގައުމުގެ ރައްޔިތުންނަކީ ވެސް ގާތް ބައެއް ކަމަށެވެ.
ތަފްސީލް - ރާއްޖޭގެ ހައި ކޮމިޝަނެއް އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނައިރު، ކޮންސިއުލޭޓެއް ޓްރެވިންޑްރަމްގައި ހުރެ އެވެ. ރާއްޖޭގައި ހުންނަ އިންޑިއާގެ ހަ އިކޮމިޝަން ހުންނަނީ ހުޅުމާލޭގަ އެވެ.
މީގެ ކުރިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާގެ ކޮންސިއުލޭޓޭއް އައްޑޫގައި ގާއިމް ކުރަން މަޝްވަރާތައް ކުރިއަށް ދިޔަ އެވެ.
ބެންގަލޫރުގައި ވެސް ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމް ކުރަން މަޝްވަރާ ކުރާކުރި އިރު ބެންގަލޫރަކީ ކިޔެވުމަށާއި ބޭސްފަރުވާއަށް ގިނަ އަދަދެއްގެ ދިވެހިން ދާ ސިޓީ އެކެވެ.
ގުޅުން ހުރި - މޯދީ މިއަދު ވިދާޅުވީ ރައީސް މުއިއްޒާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އުމްރާނީ ތަރައްގީއާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.
މޯދީ ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ އެހީ އާއި ހިލޭ އެހީގެ ދަށުން ކުރިއަށްދާ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓު ނުވަތަ ތިލަމާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ހަލުވި ވެގެންދާ ތަން ދެން ފެންނާނެ ކަމަށެވެ.
"ތިލަފުށީގައި އާ ކޮމާޝަލް ޕޯޓެއް އަޅަން ވެސް އެހީތެރިކަން ދޭން އިންޑިއާ އިން ތައްޔާރު،" މޯދީ ވިދާޅުވި އެވެ.
ގުޅުން ހުރި ކަމެއް - އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދިޔަ ބައެއް މަޝްރޫއުތައް މިއަދު ރައީސް މުއިއްޒުު އާއި ބޮޑުވަޒީރު މޯދީ އިފްތިތާހުކޮށްދެއްވި އެވެ. އޭގެ ތެރޭގައި ހަނިމާދޫ އެއާޕޯޓުގެ ރަންވޭގެ މަޝްރޫއާއި 700 ހައުސިން ޔުނިޓު ވެސް ހިމެނެ އެވެ.