ރައީސް މުއިއްޒު އިންޑޮއާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވާ ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވުން (ފޮޓޯ/ރައީސް އޮފީސް)

އެމްއެމްއޭ

އިންޑިއާއާ އެކު 400 މިލިއަން ޑޮލަރާއި 30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕެއް ހަދައިފި

އެމްއެމްއޭ އިން ބުނީ މި އެއްބަސްވުމުގެ ދަށުން ޔޫރޯ އަދި އެމެރިކާ ޑޮލަރުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހިވާނެ ކަމަށް

ރާއްޖެ އާއި އިންޑިއާއާ ދެމެދު 400 މިލިއަން ޑޮލަރު އަދި 30 ބިލިއަން އިންޑިއަން ރުޕީސް (ގާތްގަނޑަކަށް 357 މިލިއަން ޑޮލަރު)ގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒު މިއަދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ރާއްޖޭގެ ފަރާތުން، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު

  • އިންޑއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފިނޭންސް މިނިސްޓްރީގެ އިކޮނޮމިކް އެފެއާޒް ޑިޕާޓުމެންޓުގެ ސެކްރެޓަރީ އަޖޭ ސެތު

ތަފްސީލް - ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ފައިސާ ނަގާއިރު އެ ނަގާ އަދަދަކަށް އެމްއެމްއޭއިން ދިވެހި ރުފިޔާ އިންޑިއާގެ މަރުކަޒީ ބޭންކު، އާރުބީއައިގައި ބަހައްޓާނެ އެވެ. އަދި ނެގި ފައިސާ އަނބުރާ ދައްކާ މިންވަރަކުން އާރުބީއައިގައި ބަހައްޓާ ފައިސާ އެމްއެމްއޭއަށް ދެމުން ގެންދާނެ އެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާ ގުޅޭ ގޮތުން މަރުކަޒީ ބެންކު އެމްއެމްއޭ އިން ބުނީ މި އެއްބަސްވުމުގެ ދަށުން  ޔޫރޯ އަދި އެމެރިކާ ޑޮލަރުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހިވާނެ ކަމަށެވެ.

ޑޮލަރު އަދި ޔޫރޯ ސްވޮޕް ފެސިލިޓީއާ އެކު ކުރު މުއްދަތުގައި ބޭރު ފައިސާ އިން ކުރަން ޖެހޭ ބޭނުންތަކަށް އެހީއަކަށް ވާނެ ކަމަށާއި އިންޑިއަން ރުޕީސް ސްވޮޕް ފެސިލިޓީ މެދުވެރިކޮށް އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް އެ ގައުމަކަށް ނިސްބަތްވާ ފައިސާއިން ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. މިއާ އެކު، ދެ ގައުމު ދޭތެރޭ ކުރާ ވިޔަފާރި މުއާމަލާތްތައް އިތުރަށް ހަރުދަނާވާނެ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

އެމްއެމްއޭ އިން ބުނީ:

  • މި ސްވޮޕުގެ އެއް މަގުސަދަކީ ކުރު މުއްދަތުގައި ބޭރު ފައިސާގެ ލިކުއިޑިޓީ ހަމަޖެއްސުން 

  • އެމްއެމްއޭ އިން ފުރަތަމަ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮޮއިކުރީ ޑިސެމްބަރު 2016ގައި

  • އޭގެ ފަހުން ސްވޮޕަކީ ރިޒާވް މެނޭޖު ކުރުމަށް ބޭނުންކުރާ މުހިއްމު އާލާތެއް

  • މިހާތަނަށް އެމްއެމްއޭ އިން ވަނީ 700 މިލިއަން ޑޮލަރުގެ ސްވޮޕް ބޭނުންކޮށްފައި

  • އިންޑިއާގެ ސްވޮޕްގެ ސަބަބުން ކޮވިޑް-19ގައި ދިމާވި އިގްތިސާދީ ގޮންޖެހުންތަކުންނާއި ރަޝިއާ-ޔޫކްރެން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމުގެ ސަބަބުން ދިމާވި ގޮންޖެހުންތަކުން އަރައިގަންނަށް އެހީތެރިވި

އެންމެ ފަހުން އެމްއެމްއޭ އާއި އާރުބީއައިއާ އެކު ކަރަންސީ ސްވޮޕް އެއްބަސްވުމެއް އެކުލަވާލީ 2022 ވަނަ އަހަރު އެވެ. އެ އެއްބަސްވުމުގެ ދަށުން 200 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ހަދާފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް