ރައީސް މުއިއްޒު އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވުމުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

ހަނިމާދޫ ރަންވޭ އިފްތިތާހުކޮށް، 700 ހައުސިން ޔުނިޓު ރާއްޖެއާ ހަވާލުކޮށްފި

އިންޑިއާގެ އެހީގައި ކުރިއަންގެންދިޔަ މި ދެ މަޝްރޫއު އިފްތިތާހުކޮށް ހަވާލުކުރުމުގެ އިތުރުން ދެގައުމުގެ ދެމެދުގައި ހަތަރު ފަހުމުނާމާއެއްގައި ސޮއިކޮށްފައިވޭ
7 އޮކްޓޯބަރު 2024

ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ގައުމުގެ އެހީގައި އަޅާފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު (އެޗްއައިއޭ)ގެ ރަންވޭ އިފްތިތާހުކޮށްދެއްވައި އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ފެސިލިޓީގައި އަޅާފައިވާ 700 ހައުސިން ޔުނިޓާ މިއަދު ހަވާލުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ވެރިކަމުގެ ކުރީކޮޅު ދެ ގައުމުގެ ދެމެދުގައި ހީނަރުވެފައިވާ ގުޅުންތައް ރަނގަޅުކޮށް، ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ފުރާވަޑައިގެންނެވީ އިއްޔެ އެވެ.

އެ ދަތުރުފުޅުގައި، ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ދެއްވި ގުޅިފައިވާ ބަޔާނުގައި ވަނީ ބައެއް މަޝްރޫއުތައް އިފްތިތާހުކުރައްވައި އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފަ އެވެ. އެގޮތުން:

  • ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ވަނީ ހަނިމާދޫ އެއާޕޯޓުގެ ރަންވޭ އިފްތިތާހުކޮށްދެއްވާފައި

  • ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ފެސިލިޓީން ތަރައްގީކޮށްފައިވާ 700 ހައުސިން ޔުނިޓު އިންޑިއާ އިން ދިވެހި ސަރުކާރާ ހަވާލުކުރި

  • ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރުން އިފްތިތާހުކުރެއްވި

ތަފްސީލް - މީގެ އިތުރުން ވެސް ދެ ގައުމުގެ ދޭތެރޭގައި ފައިސާ ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އަދި އިތުރު ހަތަރު އެމްއޯޔޫއެއްގައި ވެސް ސޮއިކޮށްފައިވެ އެވެ. އެ އެމްއޯޔޫތަކަކީ:

  • 1-

    އިންޑިއާގެ ރަޝްތުރިޔާ ރަކްޝާ ޔުނިވަސިޓީ އާއި ރާއްޖޭގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް އާ ދެމެދު ވެފައިވާ އެއްބަސްވުން

  • 2-

    އިންޑިއާގެ ސެންޓްރަލް ބިއުރޯ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ދެމެދު ވެފައިވާ އެއްބަސްވުން؛ މިއީ ކޮރަޕްޝަން މަދުކުރުމަށް ދެ ގައުމުން ގުޅިގެން މަސައްކަތް ކުރުމަށް ސޮއިކޮށްފައިވާ ފަހުމުނާމާ އެއް

  • 3-

    އިންޑިއާގެ ނެޝަނަލް ޖުޑިޝަރީ އެކަޑަމީ (އެންޖޭއޭއައި) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާއެކު ވެފައިވާ އެއްބަސްވުން އާކުރުން؛ މި ފަހުމުނާމާގެ ދަށުން ރާއްޖޭގެ ޖުޑީޝަލް އޮފިސަރުންނަށް ޓްރެއިނިން ދީ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމް ހިންގާނެ

  • 4-

    ކުޅިވަރު ކުރިއެރުވުމަށްޓަކައި އިންޑިއާ ސަރުކާރާއި ސްޕޯޓްސް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުން އާކުރުން

މި ހަތަރު އެމްއޯޔޫގައި ވެސް ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު އިބްރާހިމް ޝަހީބް އެވެ. އިންޑިއާގެ ފަރާތުން ފުރަތަމަ ދެ އެމްއޯޔޫގައި ސެކްރެޓަރީ، ބޯޑާ މެނޭޖްމަންޓް، މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ޑރ. ރަޖެންދުރަ ކުމާރު ސޮއިކުރެއްވި އިރު، ފަހު ދެ އެމްއޯޔޫގައި ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު މުނޫ މަހާވަރު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް