ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަރުޖަމާން ހީނާ ވަލީދު ވާހަކަ ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)
މަޖިލިސް މެމްބަރުންނަށް ރައީސް މުއިއްޒު 50،000ރ ދެއްވާ ކަމަށް ބުނި މީޑިއާގެ މައްސަލަ ބަލަނީ
ރައީސް މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް 50،000ރ. ދެއްވާ ކަމަށް ބުނެ 'އަދަދު'ގައި ގެނައި ރިޕޯޓަކީ ދޮގެއް ކަމަށާއި އެ ދޮގު ހަބަރު ފެތުރި މައްސަލަ ބަލާނެކަމުގެ އިންޒާރު ރައީސް އޮފީހުން މިރޭ ދީފި އެވެ.
ވީ ކިހިނެއް؟ - ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ރައީސް މުއިއްޒުގެ ފަރާތްޕުޅުން 50،000ރ. ދޭ ކަމަށް ބުނާ އާ ރިޕޯޓެއް 'އަދަދު'ން އާންމުކުރީ މިއަދެވެ. އެ ރިޕޯޓްގައި ހުރި ކަންކަން ދޮގުކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.
ބުނީ ކީކޭ؟ - "ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިއުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ހަބަރެކެވެ،" ހީނާ ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް ފެތުރި މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅައި ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ."
ހީނާ އިލްތިމާސްކުރެއްވީ ރައީސް މުއިއްޒު އާއި މަޖިލިސް މެންބަރުންނަށް ނިސްބަތްކޮށް ފަތުރާ ދޮގު ހަބަރުތަކަށް ސަމާލުވުމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން، ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދިންކަމަށް ބުނެ އަދަދު އޮންލައިންގައި ޝާއިޢުކޮށްފައިވަނީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ޚަބަރެކެވެ.
— Heena Waleed (@MvSpokesperson) September 11, 2024
ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް، ފިތުނަ އުފެއްދުމުގެ ބޭނުމުގައި މިފަދަ ދޮގު ޚަބަރެއް…
ފާހަގަކޮށްލެވޭ ކަމެއް- ރައީސްގެ ފަރާތްޕުޅުން ކޮންމެ މަހަކު ޕީއެންސީ މެންބަރުންނަށް 50،000ރ. ދޭ ކަމަށް ބުނާ ވާހަކަ މީގެ ކުރިން ވެސް މީޑިއާތަކުން ރިޕޯޓުކުރި އެވެ. އެންމެ ފުރަމަތަ އެ މައްސަލަ ތިލަވީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިދިޔަ ޖޫން މަހު ދެއްވި އިންޓަވިއުއެއްގައި އެ ވާހަކަ ވިދާޅުވުމުންނެވެ.
ނަމަވެސް އޭރުވެސް ރައީސް އޮފީހުން އެކަން ދޮގުކޮށްފައިވެ އެވެ.
ކޮމެންޓް (1)
ވާނުވާ