ރައީސް މުއިއްޒު މުލިއާގޭގައި ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ/ ޕީއެންސީ)

މުލިއާގެ

ޕީއެންސީ މެންބަރުންނަށް މުލިއާގެއިން 50،000ރ. ދޭ ކަމުގެ އަޑުތަކެއް

ބައެއް މަސްދަރުތަކުން 'ދައުރު'އަށް ވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހެއްގެ މައްޗަށް 50،000ރ. މުލިއާގެއިން މެންބަރުންނަށް ދަނީ ދެމުން

ރައިސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލިއާގެއިން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މަހަކު 50،000ރ. ދޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ތުހުމަތު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުދަދުވަހު ރާއްޖެ ޓީވީގެ 'ފަލަ ސުރުހީ' ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައްޔާޒު މިގޮތަށް ތުހުމަތު ކުރެއްވިއިރު، އިތުބާރު ހުރި ބައެއް މަސްދަރުތަކުން 'ދައުރު'އަށް ވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި މަހަކު 50،000ރ. މުލިއާގެއިން މެންބަރުންނަށް ދަނީ ދެމުންނެވެ. 

މުޅިން ސާފުނުވަނީ އެ ފައިސާ ދެނީ އެކަމަށް އެދޭ މެންބަރުންނަށްތޯ ނުވަތަ ހުރިހާ ޕީއެންސީގެ މެންބަރުންނަށްތޯ އެވެ. 

މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދުއާ ސުވާލުކުރުމުން އެކަން ދޮގުނުކުރައްވާ އޭނާ ވިދާޅުވީ އެކަން ސާފުކުރުމަށް ފަހު ޖަވާބެއް ދެއްވިދާނެ ކަމަށެވެ. 

ތަފްސީލު - ޕީއެންސީގެ ބައެއް މެންބަރުންނަށް މިނިވަންކަމާ އެކު ތަޅުމުގައި ވާހަކަ ނުދެއްކޭ ކަމުގެ ޝަކުވާ ސަރުކާރު ޕާޓީގެ މެންބަރުންގެ ފަރާތުން ލިބޭ ކަމަށް ޕްރެޒެންޓަރު ފައްޔާޒުއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ހިނގަން ޖެހޭނީ 'ސީދާ ރައީސް ބޭނުންވާ ގޮތަށް' ކަމަށް ކަނޑައަޅައިގެން ސަރުކާރުން މަސައްކަތް ކުރަމުން ދާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް އިންތިހާބު ކުރާނެ މީހުން ސީދާ ރައީސް މުހައްމަދު މުއިއްޒު ނިންމެވުމެވެ.

"އެ ބޭފުޅުން [މުލިއާގެއިން] ނުކުމެ މި ވިދާޅުވަނީ، ތިމަންނަމެން މަޖިލިސް ރައީސްއަކަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއޭ. މިއީ، ވަރަށް ލަދުވެތި ކަމެއް،" އެހެން އެގޮތަށް ނިންމި ނަމަވެސް، ފާޅުގައި އެގޮތަށް ބުނުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި ސިފަކޮށް، ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ (ދައުރު ފައިލް ފޮޓޯ/ އަޒްމީ އަހުމަދު)

ފައްޔާޒު ވިދާޅުވީ ޕާޓީ ސިސްޓަމެއްގައި މަޖިލިސް ތެރެއިން ސަރުކާރު ދިފާއުކުރުމާއި ސަރުކާރު ބޭނުންވާ ކަންކަން ޕްރޮމޯޓުކުރުމުގެ ކަންކަން އޮގަނައިޒްވެގެން ކުރިއަށް ދާނެ ކަމަށެވެ. ނަމަވެސް މެންބަރުންނަށް ބޭނުންވާ ގޮތަކަށް ވާހަކަ ދެއްކުމުގެ މިނިވަންކަން އޮންނަންވާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެއީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕު ހިނގާ ގޮތްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ޕީއެންސީގެ މަޖިލިސް މެންބަރުން ވަކި ގޮތަކަށް ބޭ ތިއްބުމަށް ރައީސް މުއިއްޒުގެ ފަރާތުން މެންބަރުންނަށް ކޮންމެ މަހަކު ވެސް ގެންދަނީ ފައިސާ ދެމުންނެވެ.

"ދެން އަޅުގަނޑުމެން އަޑުއަހަން ކޮންމެ މެންބަރަކަށް މުލިއާގެއިން 50،000ރ. ދޭ ކަމަށް. އެހެންވީމަ، އޭގައި ޖެހިފައި ތިބި ނަމަ، އެބޭފުޅުން ދެން އެވާހަކަ ދައްކާނެ ކަމެއް ނެތް، ތިމަންނަމެންނަށް ފުރުސަތު ނެތް ވާހަކަ. ރީތިކޮށް ބުނި ގޮތަކަށް ހައްދަވަން ތިއްބަވަންވީ ނޫންތޯ،" ފައްޔާޒު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - މަޖިލީހުގައި ޕީއެންސީގެ 75 މެންބަރުން ތިއްބަވަ އެވެ. އެހެންކަމުން ޕީއެންސީގެ ހުރިހާ މެންބަރުންނަށް މަހަކު 50،000ރ. ދޭ ނަމަ އެކަމަށް 3.7 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ އެވެ. 

މަޖިލީހުގެ މެންބަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 86،000ރ. ލިބިވަޑައިގަންނަވާނެ އެވެ. އަދި އާސިއާން ގައުމުތައް ހިމެނޭ ގޮތުން މެންބަރާއި އާއިލާއަށް ބޭސްފަރުވާ ކުރުމުގެ ހަރަދުތައް ވެސް ކުރަނީ ދައުލަތުންނެވެ. 

ކޮމެންޓް (4)

މަޖިލިސް ޖ

1 ޖުލައި 2024
މިވާކައިގެ ދޮގު ތެދު އެންގޭނެ މަޖިލިސް ޖަލްސާއެއް ފެށިގެންގޮސް ނިމެންދެން ބޭލީމަ އޭގެ ފަހުން އަމިއްލަ ސިކުޱިން ވިސްނާފަ ނަތީޖާނެރޭ. ރ މުއިއްޒު ޱރ. މުއިއްޒު މިނުން ވާހައެއް ދައްކާތޯ
0 0

ހެރީކޭން

30 ޖޫން 2024
އަސްލު އިންތިޚާބު ކޮށްގެން އުޅެނީ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންނެެއް ނޫން. އިންތިޚާބު ކުރީ ރައީސްއަށް ގުޅާނެ ފޯން ނަންބަރެއް. ވީމާ އެކަހަލަ ކަމެެއް ވެދާނެ.
0 0

އަލިބެ...

30 ޖޫން 2024
މިއީ ތެދެއް. މީގެ ދުވަސްކޮޅެއްކުރިން އަޅުގަޑުގެ ރަޙްމަތްތެރި މަޖްލިސް މެމްބަރަކު މިކަން އަޅުގަޑާއި ޙިއްސާ ކުރި.
1 0

ޙަސަނާ

30 ޖޫން 2024
ލާރީގެ އަޅުން
3 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް