ޕީއެންއެފްގެ އޮފީހުގައި މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
ޔާމީންގެ ސުވާލެއް: މުލިއާގެއިން މެމްބަރުންނަށް 50،000ރ. ދެނީ ރައީސް ވަކިކޮށްފާނެތީ؟
މަޖިލީހުގައި ތިއްބަވާ ޕީއެންސީ މެމްބަރުންނަށް މުލިއާގެއިން ކޮންމެ މަހަކު 50،000ރ.ގެ އިނާޔަތެއް ދެނީ ރައީސް މުހައްމަދު މުއިއްޒު މަގާމުން ވަކިކޮށްފާނެތީ ބިރުފުޅުންތޯ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުވާލު އުފައްދަވައިފި އެވެ.
ވީ ކިހިނެއް؟ - މުލިއާގެއިން ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީއަށް ނިސްބަތްވާ ކޮންމެ މެމްބަރަކަށް ހާއްސަ އިނާޔަތެއްގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. ދޭ ކަމަށް އަޑުފެތުރިފައިވާއިރު، މިރޭ ޕީއެންއެފްއިން ބޭއްވި ފްރަންޓް އޮފީސް ޖަލްސާގައި ޔާމީން ދެއްކެވި ވާހަކައިގައި އެ ކަމަށް އަލިއަޅުވާލެއްވެވި އެވެ.
ބުނީ ކީކޭ؟ - ޔާމީން ވިދާޅުވި ގޮތުގައި ރައީސް 'އިމްޕީޗު' ކުރުން ނުވަތަ މަގާމުން ވަކި ކުރުމަކީ މަޖިލީހުގެ ތެރެއިން ކުރިއަށްދާ ކަމެއް ކަމަށާއި އެކަމުގައި ކޯޓުތަކުގެ އެއްވެސް ދައުރެއް ނޯންނާނެ އެވެ.
"އެހެންވެގެން ކަމަށް ވެދާނެތޯ މަޖިލީހުގެ މެމްބަރުންނަށް މި ލިބޭ މުސާރައިގެ އިތުރަށް 50،000ރ.ގެ އިނާޔަތެއް މި ދެނީ؟"
ތަފްސީލު - އެ ސުވާލުގެ ޖަވާބުގައި ޕޯޑިއަމްގައި ހުންނެވި ޕީއެންއެފްގެ ސެނެޓު މެމްބަރު އަހްމަދު ފަޔާޒު (ޕާޕާ) ވިދާޅުވީ މަޖިލީހުގެ އަޒުލަކީ މިހާރު ނެތް އެއްޗެއް ކަމަށެވެ.
"އެހެންވީމަ ރައްޔިތުން ޖެހޭނީ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގެ ދަށުން ނުކުމެ (ރައީސް) އަޒުލުކުރަން. އެއީ އޮތް އަޒުލަކީ. މަޖިލީހަކު ނެތް އަޒުލެއް،" އޭނާ ވިދާޅުވި އެވެ.
ޔާމީން ވަނީ ރައީސް މުއިއްޒު ޕީއެންސީގެ ޕީޖީ ގްރޫޕަށް ފޮނުއްވި ކަމަށް ބުނާ މެސެޖެއްގެ ވާހަކަ ވެސް ހިއްސާކުރައްވާފަ އެވެ.
"އަޅުގަނޑަށް އެނގޭ، ރައީސް މުއިއްޒު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕަށް މެސެޖެއް ފޮނުއްވި. އެ މެސެޖުގައި މި އޮންނަނީ، 'މިއީ ކިހިނެއް ވެގެން ދެކެވޭ ވާހަކައެއް ހެއްޔޭ، ތިމަން މަނިކުފާނު ކޮންތަނަކުންހޭ ތިޔަބޭފުޅުންނަށް 50،000ރ. ދޭނީ'،" ޔާމީން ވިދާޅުވި އެވެ.
"ބުނިތަކުން އެ (ފައިސާ) ލިބޭ މީހުންގެ ތެރެއިން އެކަކު ބުނެފި، 'އަޅުގަނޑަށް ހަމަ ގައިމު ވެސް ނުލިބެޔޭ. ދެން ރައީސް މުއިއްޒު ބުނެފި، ތިމަން މަނިކުފާނު ކިހިނެއްހޭ ދޭނީ، ތިމަން މަނިކުފާނަށް ލިބޭ އެއްޗަކުން ވެސް މި އުޅެނީ ދެކޮޅު ނުޖެހިގެންނޭ'."
ޔާމީންގެ ވާހަކަތަކާ ގުޅުވައިގެން ފަޔާޒު ވިދާޅުވީ މުލިއާގޭގައި އިންދާފައި ހުރި ގަސްތަކުގައި ފައިސާ އަޅާތޯ ނޫންތޯ ވެސް ބަލަމުން އަންނަ ކަމަށެވެ.
"އެހެން ނޫނީ ކިހިނެއްތޯ ދެނީ، މި ލާރި؟"