މީގެ ކުރިން ބޭއްވި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އަންހެނަކު ހިފެހެއްޓީ މިދިޔަ ސަރުކާރުން ދޫކޮށްލި މީހެއް؛ ހަމީދު ވިދާޅުވީ މި ސަރުކާރުން ވެސް އެފަދަ މީހުން ދޫކޮށްލާ ކަމަށް

އަންހެނަކަށް އަނިޔާކޮށް ރަހީނުކޮށްގެން ރޭ އުޅުނު އަހްމަދު އަތުހަރަކީ ކުރީގެ ރައީސް ސޯލިހް ދޫކޮށްލާފައިވާ މީހަކަށް ވާތީ، ޕީއެންސީގެ މަޖިލިސް މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި

އަންހެނަކަށް އަނިޔާކޮށް، އޭނާ ރަހީނުކުރީ މިދިޔަ ސަރުކާރުން ބަންދުން ދޫކޮށްލި މީހެއްކަން ހާމަވެފައި ވާއިރު، މި ސަރުކާރުގައި މިދިޔަ މަޖިލިސް އިންތިހާބާ ދިމާކޮށް މި ސަރުކާރުން ނުރައްކާތެރި ކުށްވެރިއަކަށް މައާފްދީ ދޫކޮށްލާފައިވާ ކަމަށް ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންހެނަކަށް އަނިޔާކޮށް ރަހީނުކޮށްގެން ރޭ އުޅުނު އަހްމަދު އަތުހަރު، ހެޕީލޭންޑް/ށ. މިލަންދޫ އަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދަބު ލުއިކޮށްދެއްވައި ދޫކޮށްލާފައިވާ މީހެއް ކަމަށް ބުނެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު އަޒާން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

އޭރުގެ ސީޕީ ހަމީދުއަށް ޓެގް ކުރައްވައި އަޒާން ރޭ އޭނާގެ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މިފަދަ ނުރައްކާތެރި މީހުން ދޫކޮށްލުމާ ދެކޮޅަށް ނެޝަނަލް ސެކިއުރިޓީ ކައުންސިލުގައި ހަމީދު ހުންނެވިއިރު އެއްވެސް ލަފައެއް ދެއްވާފައިވާނެތޯ ސުވާލުކުރައްވާފަ އެވެ.

މިގޮތަށް އަޒާން ސުވާލުކުރެއްވީ ފުލުހުން ރޭ 'ޓީޒަން ގަން' ބޭނުންކުރި ނަމަ އެ ހާދިސާ އެއަށް ވުރެ ރަނގަޅަށް ހުއްޓުވުނީސް ކަމަށް ވިދާޅުވެ ރޭ ހަމީދު ކުރެއްވި ޕޯސްޓަަކާ ގުޅިގެންނެވެ. އަޒާން ވިދާޅުވީ އަތުހަރު ޖަލުގައި ހުރި ނަމަ ރޭގެ ހާދިސާ ނުހިނގީސް ކަމަށެވެ.

ބުނީ ކީކޭ؟ - އޭގެ ޖަވާބުގައި ހަމީދު ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގެ ނާޖާއިޒް ފައިދާ ނަގައި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން މުޖުތަމައު ނުރައްކަލަށް ހުށަހެޅޭ ފަދަ ކުށްވެރިން ދޫވުމަކީ އޭނާގެ ވެސް ކަންބޮޑުވުން އޮތް ކަމެއް ކަމަށެވެ. އަދި އެ ނިޒާމުގެ ތެރެއިން އެފަދަ މީހަކު ދޫކޮށްލުން ހުއްޓުވުމަށް ދެ ފަހަރެއްގެ މަތިން އަމިއްލައަށް ވެސް މަސައްކަތްކުރައްވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ނިޒާމުގެ ނާޖާއިޒް ފައިދާ ނަގައިގެން އެ މީހާ މިދިޔަ މަޖިލިސް އިންތިހާބަށް ދެ ދުވަހަށް ވެފައިވަނިކޮށް ވަނީ ދޫކޮށްލާފައި،" ހަމީދުގެ ޕޯސްޓުގައިވެ އެވެ.

މި ސަރުކާރުން ދޫކޮށްލި ކަމަށް ހަމީދު ވިދާޅުވާ އެ މީހާގެ ތަފްސީލެއް ޕޯސްޓުގައި ހިއްސާކުރައްވާފައެއް ނުވެ އެވެ. ނަމަވެސް އެއީ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މީހުންނަށް ވެސް ނުރައްކާ އޮތް މީހެއް ކަމަށް ހަމީދު ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ރައީސް އޮފީހުން ބައެއް މީޑިއާތަކާ މީގެ ކުރިން ހިއްސާކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، މިދިޔަ މަޖިލިސް އިންތިހާބާ ދިމާކޮށް 13 ކުށްވެރިއަކަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މައާފް ދެއްވާފަ އެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި 19 ވަނަ މަޖިލިސް އިންތިހާބާ ދިމާކޮށް 274 މީހަކަށް މައާފްދެއްވާފައިވެ އެވެ. އަދި ވެރިކަން ބަދަލުވުމާ ހަމައަށް މިދިޔަ އަހަރުގެ ތެރޭގައި 400އަށް ވުރެ ގިނަ ކުށްވެރިންނަށް ރައީސް ސޯލިހް ވަނީ ދޫކޮށްލައްވާފަ އެވެ. 

އެނގުން މުހިންމު - އަންހެންމީހާ ސަލާމަތް ކުރަން ފުލުހުން ދިއުމުން އެ އަންހެންމީހާގެ ކަރުގައި ވަޅި ޖައްސައި "ގަތްވެއްޖެ ނަަމަ އަންހެންމީހާ މަރާލާނެ" ކަމަށް ބުނެ ފުލުހުންނަށް އަތުހަރު އިންޒާރުދީފައިވެ އެވެ. އަދި މާލޭގެ މަގުމަތީގައި އެތައް ބަޔަކު އެއްވެފައި ވަނިކޮށް އަންހެންމީހާ ރަހީނުކޮށްގެން ގެންދަން އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ. 

އަންހެންމީހާގެ ކަރުގައި ވަޅި ޖައްސައިގެން ހުރި މީހާ ރޭ ފުލުހުން ހުއްޓުވާފައިވަނީ މުގުރު ބޭނުންކޮށްގެންނެވެ. އެކަމުގެ ތެރޭގައި ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ވެގެން ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް