ރަހީނުކުރި އަންހެންމީހާ ސަލާމަތްކުރުމުގައި ރޭ ހަރަކާތްތެރިވި ފުލުހުންނާ ސީޕީ ޝުޖާއު ބައްދަލުކުރައްވަނީ(ފޮޓޯ/ޕޮލިސް)

ފުލުހުން

ހިފެހެއްޓި މީހާ ސަލާމަތްކުރަން ފުލުހުން އުޅުނު ގޮތް ރަނގަޅު: ސީޕީ

ރޭ ހިނގި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާ ބައްދަލުކުރައްވައި މަސައްކަތަށް ސީޕީ ޝުޖާއު ވަނީ ތައުރީފް ކުރައްވާފައި؛ މިފަދަ ކަންކަމަށް އިތުރު ތަމްރީންތައް ހެދުމުގެ މުހިއްމުކަން ވެސް ފާހަގަކުރެއްވި

ރޭ ހިނގި ރަހީނުކުރި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާ ބައްދަލުކުރައްވައި އެ ފުލުހުންގެ މަސައްކަތަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަލީ ޝުޖާއު މިއަދު ތައުރީފު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - މަރާލާނެ ކަމުގެ އިންޒާރުދީ ކަރުގައި ވަޅި ޖައްސައިގެން ރޭ ރަހީނުކުރި އަންހެންމީހާ ސަލާމަތް ކުރަން ފުލުހުންގެ ޓީމެއް ވަނީ ހަރަކާތްތެރިވެފަ އެވެ. އެ ޓީމުގެ މަސައްކަތުން އެ އަންހެންމީހާއަށް މާ ބޮޑު އަނިޔާއެއް ނުވެ ވަނީ ސަލާމަތްވެފަ އެވެ. އަދި އެކަން ކުރަން އުޅުނު ފިރިހެންމީހާ ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.

ރޭގެ ހާދިސާގައި އަންހެންމީހާ ސަލާމަތްކުރުމަށް ހަރަކާތްތެރިވި ފުލުހުންގެ ޓީމުގެ ކޮމާންޑަރުންނާ އަދި އެ ހާދިސާގައި ހަރަކާތްތެރިވި ހުރިހާ ފުލުހުންނާ ބައްދަލުކޮށް މަސައްކަތަށް ތައުރީފް ކުރެއްވީ މިއަދު އިސްކަންދަރު ބިލްޑިންގައި ފުލުހުންގެ ސީނިއާ މެނޭޖްމަންޓްގެ ބައެއް އޮފިސަރުންނާ އެކު ޝުޖާއު ބޭއްވި ބައްދަލުވުމެއްގަ އެވެ.

ބުނީ ކީކޭ؟ - މި ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ، މިއީ އަލަށް ދިމާވި ނުރައްކާތެރި ހާދިސާއެއް ނަމަވެސް ވަރަށް ކާމިޔާބު ކަމާއި ޕްރޮފެޝަނަލްކަމާއެކު ހާދިސާގެ ނުރައްކާތެރިކަން ހުއްޓުވާފައިވާ ކަމަށެވެ. އަދި މިއީ ކާމިޔާބު މަސައްކަތެއްކަމާއި އެކަމަށްޓަކައި އެ ތަނުގައި ހަރަކާތްތެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށް ޝުޖާއު ވިދާޅުވި އެވެ.

"ރޭގެ އޮޕަރޭޝަންގައި ކޮމިއުނިކޭޝަން ދިޔައީ ވަރަށް ރަނގަޅަށް. މިއީ ކޯޑިނޭޝަން ރަނގަޅު އޮޕަރޭޝަނެއް. ހާލަތާއި ނުކުމެދާނެ ނަތީޖާއަށް ބަލާއިރު ނިއުޓްރަލައިޒް ކުރުމުގައި ނިންމި ނިންމުން ރަނގަޅު. ﷲގެ އިރާދާފުޅާ އެކު ވިކްޓިމްއަށް އަދި ތުހުމަތުކުރެވޭ މީހާއަށް ވެސް ބޮޑު އަނިޔާއެއް ނުވެ ނިއުޓްރަލައިޒް ކުރެވުނު،" ޝުޖާއު އެ ބައްދަލުވުމުގައި ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ:

  • މި ހާދިސާގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާ މެދު ފަހުރުވެރިވޭ؛ މިއީ ރައްޔިތެއްގެ ފުރާނަ ސަލާމަތް ކުރަން ކުރަންޖެހޭ މަސައްކަތެއް ކުރުމުގައި ފުލުހުން ޖެހިލުން ނުވާނެކަމުގެ މިސާލެއް 

  • ފުލުހުން ރޭ ހިންގި އޮޕަރޭޝަނަށް ރައްޔިތުންގެ ތައުރީފް އަދި އިތުރަށް ރަނގަޅު ކުރުމަށް ހިޔާލުތައް ވެސް ލިބެމުން ދޭ؛ އެކަންކަން ބަލައިގަންނަން 

  • މިފަދަ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން އިތުރު ތަމްރީންތައް ހަދަމުން ގެންދިއުމުގެ މުހިއްމުކަން ބޮޑު

އެނގުން މުހިންމު - އަންހެންމީހާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ފިރިހެންމީހާއަށް ވަނީ އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދީފަ އެވެ. ފުލުހުން މިއަދު ބުނި ގޮތުގައި އޭނާ މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު މިހާރު އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

މި ހާދިސާގައި އަންހެންމީހާއަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗްގައި ފަރުވާދީފައިވެ އެވެ. އޭނާ ވެސް މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު ޝުޖާއު ވަނީ އޭނާއާ ބައްދަލުކޮށް ވެސް ހާލު ބައްލަވާފަ އެވެ.

ކޮމެންޓް (3)

ސިކުނޑި

31 އޯގަސްޓު 2024
ފުލުހުން ކުރިކަމަކުން އެމީހާއަށް ލިބުނު ގެއްލުމާމެދު އެއްވެސް ހަމްދަރުދީއެއްނެތް! އެހަނަސް ފުލުހުން ކަންކުރި ގޯސްވާ ސަބަބީ ރަހީނު ކުރެވިފައިހުރި އަންހެން މީހާގެ ސަލާމަތާއި ރައްކާތެރި ކަމަށް ނުބަލައި އެޕްރޯޗް ކުރުން! އެ މީހާގެ އެފަދަ ނިޔަތެއް އޮތްނަމަ، އަންހެން މީހާ ސަލާމަތް ނުވީސް!! އެހެންވީމާ ޓެކްޓިކަލީ ވިސްނައިފިއްޔާ ފުލުހުން ކަންކުރިގޮތް ވަރަށްބޮޑަށްވެސް ގޯސް!!
0 0

ފަޚުރުވެރިވުން

31 އޯގަސްޓު 2024
ފުލުހުން ކުރެއްވީ ދިވެހީންގެ ރާއްޖޭގެ ދިވެހިން ފަޚުރުވެރިވުން ހައްގު މަސައްކަތެއް. އެކަހަަލަ މަންޒަރުތައް މީގެ ކުރިން ފެނިފައި ވަނީ ފިލްމުތަކުން ކަމުގައި ވިޔަސް މިއަދު އެފުނުނީ ހަމަލޮލުން ހަގީގަތް. ދިވެހި ފުލުހުންނަށް ސާބަސް. އަދި އިތުރު ތަމުރީނު ހައްދަވާ، އިތުރު ޓްރޭނިން ހޯއްދަވައިގެން މިމުޖުތަމައުގައި އުޅޭ ނުރައްކާތެރި މީހުން ހިފަހައްޓަވާ.
2 0

ދާއިމް

31 އޯގަސްޓު 2024
ފުލުހުންގެ އެއްވެސް މައްސަލައެއް ނެތް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް