މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގެ ތެރެއިން (ފޮޓޯ/ މަޖިލިސް)
ރިސޯޓުތަކުގެ މުއްދަތު އިތުރު ކުރުމަށް ލުއިދޭ އިސްލާހުގެ މަސައްކަތް އެއް ދުވަސް ތެރޭ ނިންމާލައިފި
ރިސޯޓުތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ލުއި ދިނުމާ ގުޅޭ ގޮތުން ސަރުކާރުގެ ފަރާތުން ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް މިއަދު ފަށައި އެެއް ދުވަސް ތެރޭ އެ ބިލުގެ މަސައްކަތް ނިންމައި ކޮމިޓީން ފާސްކޮށްފި އެވެ.
ވީ ކިހިނެއް؟ - ރިސޯޓުތައް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރަން ފައިސާ ދައްކަން ދޭ މުއްދަތު ދެ އަހަރުން ހަ މަހަށް ކުޑަކޮށް، ކުޑަ އަގު ދައްކައިގެން މުއްދަތު އިތުރުކުރެވޭ ގޮތް ހަދަން ޓޫރިޒަމް ގާނޫނަށް ދަނގެތި ދާއިރާގެ ޕީއެންސީ މެންބަރު އިސްލާހު ހުށަހެޅުއްވީ، މިދިޔަ އަންގާރަ ދުވަހު އެވެ. އަދި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ބިލުގެ ބަހުސް ފެށުމަށްފަހު، ބިލު ބަލައިގަތުމަށް ވޯޓަށް އެހި އެވެ.
ތަފްސީލު - އާންމުކޮށް މަޖިލިސްގެ ޖަލްސާތައް ބާއްވަނީ، ހޯމައިން ފެށިގެން ބުދަ ދުވަހަށެވެ. އެހެން ނަމަވެސް ބުރާސްފަތި ދުވަހު ޖަލްސާ ބޭއްވުމަށް ނިންމީ ވެސް ބެލެވޭ ގޮތުގައި މި ބިލު ފާސްކުރުމަށެވެ. މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ވެސް ހަމައެކަނި މި ބިލުގެ މަސައްކަތް ކުރިއަށް ގެންދިޔުމެވެެ.
ބިލު ބަލައިގަތުމަށް 75 މެންބަރުން ވޯޓު ދެއްވުމާ އެކު، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް ބިލު ފޮނުއްވީ މުޅި މަޖިލީހުގެ ކޮމިޓީއަކަށެވެ. އެއާއެކު މިއަދުގެ ޖަލްސާ ނިންމާލެއްވުމަށް ފަހު، މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުން އަބްދުއްރަހީމް ފެއްޓެވި އެވެ.
ފާހަގަކޮށްލެވޭ - އާންމުކޮށް މުޅި މަޖިލީހުގެ ޖަލްސާއަށް ބިލެއް ފޮނުވަނީ އެ ބިލެއްގެ މަސައްކަތް އަވަސް ކުރުމުގެ ބޭނުމުގަ އެވެ.
ގާތްގަނޑަކަށް 15 މިނެޓް ހޭދަވި މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވީ އިތުރަށް ބަހުސް ކުރުމަކާ ނުލާ ސަރުކާރުން ފޮނުވާފައިވާ ގޮތަށް ބިލު ފާސް ކުުރުމަށެވެ. ސަބަބެއް ކަމަށް ވިދާޅުވީ:
-
މިއަދުގެ ޖަލްސާގައި ބިލަށް ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް އެ ބިލަށް ތައީދުކޮށް ވާހަކަ ދައްކަވާފައިވާތީ
-
އެ ހުށަހެޅުއްވުމަށް ބާރަށު ދާއިރާގެ ޕީއެންސީ މެންބަރުން އިބްރާހިމް ޝުޖާއު ތާއީދު ކުރެއްވި
ބިލުގެ މަސައްކަތް އަވަސްކޮށްލައިގެން ކުރިއަށް ގެންދާތީ އެމްޑީޕީގެ ފަރާތުން ކޮމިޓީގެ ބައްދަލުވުމުގައި ކަންބޮޑުވުން ފާޅު ކުރި އެވެ.
"ވަރަށް އަވަސް ގޮތަކަށް މުޅި ބިލު ނިމިގެންދާތަން މި ފެންނަނީ. މިއީ މިވަގުތަށް އެންމެ ރަނގަޅު ގޮތްތޯ؟ ކޮބާތޯ މީގެ މަގްސަދަކީ؟ ހާސިލް ކުރެވޭ ކަންތައްތަކަކީ ކޮބާތޯ؟ މިކަމުން މުޅި ގައުމަށާއި މުސްތަގުބަލަށް ކުރާނެ ފައިދާއަކީ ކޮބާތޯ؟،" ކޮމިޓީގެ ރިޔާސަތުގައި އިންނެވި އެ ކޮމިޓީގެ މުގައްރިރު، އަބްދުއްރަހީމްއަށް އަމާޒުކޮށް، އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ސުވާލު ކުރެއްވި އެވެ.
ނާޒިލްގެ އެ ސުވާލުތަކާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، ބިލުގެ ކޮމިޓީ މަސައްކަތް މިހާރު ވަނީ ފެށިފައިކަމަށެވެ. އަދި މުގައްރިރުގެ ހައިސިއްޔަތުން ނާޒިލް ކުރެއްވި "ސުވާލަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ގަބޫލު" ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ނާޒިލް ދެއްކެވި ވާހަކައަށް ރައްދު ދެއްވައި މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވީ އެ ބިލަކީ ކޮންމެހެން ވެސް ވީހާ އަވަހަކަށް ފާސް ކުރަން ޖެހޭ ބިލެއް ކަމަށެވެ. އަދި މިއީ، "ވަގުތުން ވަގުތަށް" ފަތުރުވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކާ ކުރަން ޖެހިފައި އޮތް ކަމެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
"ބިލު އަވަސް ވެގެން އެކަމާ ކަންބޮޑުވާ ފަރާތްތަކަކީ ރާއްޖޭގައި ޓުއަރިޒަމް އިންވެސްޓްމަންޓާ ދެކޮޅަށް ފާއިތުވި ތަނުގައި ވެސް މަސައްކަތް ކުރެއްވި ބޭފުޅުން. އެހެންވީމަ އަޅުގަނޑު އެެދެނީ މި ބިލު ވީހާވެސް އަވަކަަށް ލަސްނުކޮށް ފާސް ކުރުން،" އޭނާ ވިދާޅުވި އެވެ.
ކޮމިޓީގައި ވާހަކަ ދެއްކުމުގެ ފުރުސަތަކަށް އެދިވަޑައިގެންނެވި މަދު މެންބަރުންގެ ތެރެެއިން އެއްވެސް މެންބަރު ބިލުގައި އޮތް އެެއްޗަކާ ގުޅޭ ގޮތުން ވާހަކަ ނުދައްކަވަ އެވެ. އަދި އިތުރު އިސްލާހެއް ހުށައެއްނާޅުއްވަ އެވެ.
ބިލު ކޮމިޓީން ފާސްވީ، އެމްޑީޕީގެ މެންބަރުގެ ވެސް ވޯޓާއެކު ޖުމްލަ 76 މެންބަރުންގެ ތާއީދު ލިބިގެންނެވެ.