ކ. ރިހިވެލި ރިސޯޓް (ދުރުން) އަދި އެ ރަށުގެ ފަޅުތެރޭގައި އޮންނަ ކުޑަ ރަށެއް. (ފޮޓޯ/ރިހިވެލި)

ހައި ކޯޓު

ރިހިވެލި މައްސަލައިގައި ފްރާންސް ކުންފުންޏަށް ދައުވާއެއް ނުކުރެވޭނެ: ހައި ކޯޓު

ދައުވާކުރުމުގެ ހައިސިއްޔަތު ނެތް ފަރާތަކުން ކުރި ދައުވާއަކަށް ވާތީ، ރިހިވެލި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ވަނީ ބާތިލްކޮށްފައި
1 ޑިސެމްބަރު 2021

ރިހިވެލި ރިސޯޓު ހިންގަން ސޭވް ދަ ޑްރީމްއަށް ހަވާލުކުރި ސަބްލީޒް އެގްރީމަންޓް، އެ ރިސޯޓު ހިންގާ ރަށުގެ ހެޑްލީސް ހައްގުތައް އޮންނަ މާހަލް ޓުއާސް އިން ބާތިލުކުރި މައްސަލައިގައި، ސޭވް ދަ ޑްރީމް ފްރާންސަށް ދައުވާކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

މައްސަލައިގެ ފެށުން - މި މައްސަލަ އުފެދުނީ:

  • ސޭވް ދަ ޑްރީމް ފްރާންސާއި މާހަލް ޓުއާސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ 15 ފެބުރުއަރީ 2018ގައި 

  • ސޭވް ދަ ޑްރީމް މޯލްޑިވްސް އަކީ ރިހިވެލި ސަބްލީސްކުރުމަށް ސޭވް ދަ ޑްރީމް ފްރާންސާއި މާހަލް ޓުއާސް އިން ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާ ކުންފުންޏެއް

  • ރިހިވެލި ރިސޯޓް ސަބްލީސްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ 8 މެއި 2018ގައި 

  •  މާހަލް އިން ސަބްލީސް އެގްރީމަންޓް ބާތިލުކުރީ ސޭވް ދަ ޑްރީމް މޯލްޑިވްސްގެ ފަރާތުން ދައްކަންޖެހޭ ސަބްލީސް ކުއްޔާއި ހެޑްލީސް ކުލި ނުދައްކާތީ 

  • ސަބްލީސް އެއްބަސްވުން ބާތިލުކޮށް ޓާމިނޭޝަން ނޯޓިސް ފޮނުވީ 14 ސެޕްޓެމްބަރު 2020 ގައި

އެ މައްސަލައިގައި ސިވިލް ކޯޓުގައި ދައުވާކުރީ ސޭވް ދަ ޑްރީމް ފްރާންސްގެ ފަރާތުންނެވެ. ސިވިލް ކޯޓުން ވަނީ އެއީ ސަބްލީސް އެގްރީމެންޓުގެ ދަށުން ފޮނުވާފައިވާ ސައްހަ ނޯޓިސްއެއް ކަމަށް ކަނޑައަޅައިފަ އެވެ.

އޭގެ އިތުރުން ސިވިލް ކޯޓުން ކަނޑައެޅި ކަންކަމުގެ ތެރޭގައި:

  • ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ނުވަތަ އެ ކުންފުނީގެ ހިއްސާދާރަކަށް ވެސް މާހަލް ޓުއާސްގެ ނުރުހުމުގައި ރިހިވެލި ރިސޯޓުގައި އިތުރަށް ނުތިބެވޭނެކަން

  • އެ ތަނުން މަންފާ ހާސިލްކުރުމުގެ ހައްގު ލިބިގެން ނުވާކަން 

  • ސޭވް ދަ ޑްރީމް އިން ބަދަލެއްގެ ގޮތުގައި މާހަލް ޓުއާސްގެ ކިބައިން ހޯދަން އެދުނު ފައިސާ ޝަރީއަތުން ނަގައިދޭނެ ތަނެއް ނެތްކަން

އެ ހުކުމް ސޭވް ދަ ޑްރީމް އިން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. ހައި ކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު އަބްދުالله ހަމީދު އަދި ފަނޑިޔާރު އަލީ ސަމީރު އެވެ.

ކ. ރިހިވެލި ރިސޯޓުގެ ކޮޓަރިތަކެއް ފެންނަ ގޮތަށް މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/ރިހިވެލި)

ވީ ކިހިނެއް؟ - ހައި ކޯޓުން އެ މައްސަލަ ބެލުމަށް ފަހު އިއްޔެ ކުރި ހުކުމްގައި ބުނީ ދައުވާ ކުރުމާއި ދައުވާ ރައްދު ކުރުމަކީ، ހަމައެއް ލަމައެއް ނެތި ހިތުހުރިހާ ގޮތަކަށް ކުރެވެން އޮންނަ ކަމެއް ނޫން ކަމަށެވެ. އަދި ދައުވާ ރައްދު ކުރުމުގައި އެ ފަރާތެއްގެ މަސްލަހަތާއި އެ ދައުވާއެއް ކުރުމުގެ ގާނޫނީ ހައިސިއްޔަތު އެ ފަރާތަކަށް ހަމަ ހަގީގަތުގައި ވެސް ލިބިފައިވޭތޯ ބަލަންޖެހޭނެ ކަމަށެވެ.

ކޯޓުތަކުން ދައުވާ ބަލައިގަތުމުގައި ދައުވާ ކުރާ ފަރާތަކީ ދައުވާ ކުރުމުގެ މަސްލަހަތު އޮތުމުގެ އިތުރުން، އެ ދައުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތެއްކަން ނުވަތަ ނޫންކަން ބަލަން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމެއްގައިވެ އެވެ.

ހައި ކޯޓުގައި މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ވިދާޅުވީ އިސްތިއުނާފީ މަރުހަލާގައި ވެސް އެކަމަށް ރިއާޔަތްކުރަން ޖެހޭނެ ކަމަށާއި ދަށު ކޯޓުގެ މަރުހަލާގައި ދައުވާއެއް ކުރިއަށް ގެންގޮސްފައި އޮތަތީ، ހަމައެކަނި އެ ސަބަބަށް ބަލައި ދައުވާކުރުމުގެ ހައިސިއްޔަތު ލިބިގެންވާ ކަމަށް ނުބެލޭނެ ކަމަށެވެ.

"ދައުވާކުރުމުގެ ހައިސިއްޔަތު ލިބިފައި ނުވާ ފަރާތަކުން ދައުވާކުރުމުގެ ނަތީޖާއަކަށް ވެގެން ދާނީ އެ ދައުވާ އަކީ ގާނޫނީ ގޮތުން ކުރެވޭނެ ދައުވާއެއް ނޫން ކަމުގައި ކަނޑައެޅިގެން ދިއުން ކަމަށް އަހުރެންނަށް ގަބޫލުކުރެވޭ،" ފަނޑިޔާރު ވިދާޅުވި އެވެ.

ހައި ކޯޓުން ފާހަގަކުރި ގޮތުގައި:

  • ސިވިލް ކޯޓަށް ހުށަހެޅި ދައުވާއަށް ބަލާ އިރު، އެ ދައުވާގެ ބާވަތެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ އެއްބަސްވުމާ ހިލާފު އުފެދިގެން ހުށަހަޅާ މައްސަލައެއް ކަމަށް 

  • އެ ދައުވާ އަކީ މާހަލް ޓުއާސްގެ ފަރާތުން ސޭވް ދަ ޑްރީމް މޯލްޑިވްސްއަށް ފޮނުވި ޓާމިނޭޝަން ނޯޓިސްގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ހުށަހަޅާފައިވާ މައްސަލައެއް ކަމަށް

"މާހަލް ޓުއާސް އިން ރިހިވެލި ބީޗް ރިސޯޓް ސަބްލީސްކޮށްފައި ވަނީ ސޭވް ދަ ޑްރީމް ފްރާންސަކަށް ނޫނެވެ، ސޭވް ދަ ޑްރީމް މޯލްޑިވްސް އަށެވެ،" ހައި ކޯޓުގެ ހުކުމްގައިވެ އެވެ.

އެނގުން މުހިންމު - ރިހިވެލި ރިސޯޓާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އިރު، އެ މައްސަލައަށް ސޭވް ދަ ޑްރީމް ފްރާންސުން ތަދައްހުލުވެ، ވަގުތީ އަމުރަކަށް އެދުމުން، އެ އެއްބަސްވުމުގެ ބައިވެރިއަކަށް ނުވާތީ އެ ފަރާތަށް ވަގުތީ އަމުރަށް އެދުމުގެ ހައިސިއްޔަތު ނެތްކަމަށް ސުޕްރީމް ކޯޓުން ވެސް އޮތީ ކަނޑައަޅައިފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް