ކ. ރިހިވެލި ރިސޯޓް (ދުރުން) އަދި އެ ރަށުގެ ފަޅުތެރޭގައި އޮންނަ ކުޑަ ރަށެއް. (ފޮޓޯ/ރިހިވެލި)
ރިހިވެލި ރިސޯޓް އާ މެނޭޖްމަންޓެއްގެ ދަށުން އަލުން ހުޅުވައިފި
ކ. މަހާނެޅިހުރާގައި ހިންގާ ރިހިވެލި ރިސޯޓް، ބޮޑު މަރާމާތަކަށް ފަހު އާ މެނޭޖްމަންޓެއްގެ ދަށުން އިއްޔެ އަލުން ހުޅުވައިފި އެވެ.
ވީ ކިހިނެއް؟ - ރިހިވެލި ރިސޯޓް ހިންގަން، އެ ރަށުގެ ހެޑްލީސް އޮންނަ ދިވެހި ކުންފުނި، މާހަލް ޓުއާސް އިން ވަނީ ފްރާންސްގެ ބަޔަކު ހިއްސާވާ ސޭވް ދަ ޑްރީމް ކިޔާ ކުންފުންޏަކަށް ސަބްލީސް އެއްބަސްވުމެއްގެ ދަށުން 2018ގައި ހަވާލުކޮށްފަ އެވެ. ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ސަބްލީސް ފީ ނުދައްކާ ގިނަ ދުވަސްތަކެއް ވުމުން މާހަލް ޓުއާސް އިން ވަނީ މިިދިޔަ އަހަރުގެ ތެރޭގައި އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.
ސިވިލް ކޯޓުން ވަނީ މާހަލް ޓުއާސްގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. އެ މައްސަލައިގެ އިސްތިއުނާފް މަރުހަލާ ހައި ކޯޓުގައި މިހާރު ހިނގަމުން އަންނަ އިރު، މާހަލް ޓުއާސް އިން ވަނީ، ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހިއްސާވެވަޑައިގަންނަވާ ކުންފުންޏަކަަށް، އެ ރަށް ހިންގަން ސަބްލީސް އެއްބަސްވުމެއްގެ ދަށުން ދީފަ އެވެ.
ތަފްސީލް - އާ މެނޭޖްމަންޓުގެ ދަށުން ރިހިވެލި އިއްޔެ ހުޅުވާފައިވަނީ 'ރިހިވެލި މޯލްޑިވްސް ރިސޯޓް'ގެ ނަމުގަ އެވެ. އެތައް ދުވަހަކު އަޅާނުލާ އޮތުމުގެ ސަބަބުން ވީރާނާވަމުން ދިޔަ ރިސޯޓުގެ ކޮޓަރިތަކާއި އެ ނޫން ވެސް ތަންތަން އެއްކޮށް މަރާމާތުކޮށް، ބައެއް ބަދަލުތައް ވެސް ވަނީ ގެނެސްފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ލޯންޗެއްގައި ގާތްގަނޑަކަށް 40 މިނިޓުން ދެވޭ މި ރިސޯޓް އަލުން ހުޅުވީ:
-
50 ކޮޓަރިއާ އެކު - ތަފާތު ފަސް ވައްތަރެއް ހިމެނޭ
-
ރެސްޓޯރަންޓަކާއި ބާއެއް ހުރޭ
-
އަމިއްލަ ކޮޓަރީގައި ނުވަތަ ރަށުގެ ކޮންމެވެސް ސަރަހައްދެއްގައި ކެއުމުގެ އިންތިޒާމު ވެސް ހަމަޖައްސައިދޭނެ
-
ޑައިވް ސެންޓަރެއް ހުރޭ
-
މޫދު ކުޅިވަރުގެ ހިދުމަތް ދޭނެ
-
ތަފާތު އިންޑޯ އަދި އައުޓްޑޯ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ގާއިމްކޮށްފައިވޭ
-
ސްޕާއެއް ހުރޭ
އިތުރަށް ކިޔާލަން -
-
1-