ރިހިވެލި ރިސޯޓު --
ރިހިވެލި މައްސަލައިގައި ވަގުތީ އަމުރެއް ނެރެނުދިން
ރިހިވެލި ރިޒޯޓު ހިންގަން ސޭވް ދަ ޑްރީމް އަށް ހަވާލުކުރި ސަބްލީޒް އެގްރީމަންޓް މާހަލް ޓުއާސްއިން ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުމާ މެދު ހައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން، ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން އިއްޔެ ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މާހަލް ޓުއާސްއިން ސަބްލީޒް އެގްރީމަންޓް ބާތިލުކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރީ އޮގަސްޓް 31 ގަ އެވެ. އެ ހުކުމް ސޭވް ދަ ޑްރީމްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރި އިރު، ހައި ކޯޓުން މައްސަލަ ބަލައި ނިމެންދެން، ސިވިލް ކޯޓުގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކަށް އެދުނެވެ.
ތަފްސީލް - ވަގުތީ އަމުރާ ގުޅޭގޮތުން ހައި ކޯޓުން އިއްޔެ ނިންމި ނިންމުމުގައި ބުނީ، ދަށުކޯޓުން މައްސަލަ ކާމިޔާބުވި ފަރާތަށް ލިބުނު ނަތީޖާގެ މަންފާ އެފަރާތަށް އެ ހިނދުން ފެށިގެން ގާނޫނީ ގޮތުން ހައްގު ވާނެތީ، އިސްތިއުނާފަށް މައްސަލައެއް ހުށަހެޅުމަކީ އޭގެ ޒާތުން ދަށުކޯޓުގެ ހުކުމް ތަންފީޒުކުރުން ހުއްޓުމަކަށް އަންނާނެ ކަމެއް ނޫން ކަމަށެވެ.
ހައި ކޯޓުން ބުނީ މައްސަލައެއް އިސްތިއުނާފުކުރުމާ ގުޅިގެން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދޭ ފަރާތުން އެ ހުކުމަކަށް ތަބާވުމުން ލިބޭނެ ގެއްލުމަކީ އެ މައްސަލަ ކާމިޔާބުވީ ފަރާތަށް އެ ހުކުމަށް އަމަލުކުރުން ފަސްކުރުމުން ލިބޭނެ ގެއްލުމަށް ވުރެ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއްކަން ކޯޓަށް ގަބޫލުކުރެވޭނެ ފަދައަކުން ބަޔާންކޮށް ދިނުމަކީ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދޭ ފަރާތުގެ ޒިންމާއެއް ކަމަށެވެ.
ނަމަވެސް އެކަން ޝަރީއަތަށް ގަބޫލުކުރެވޭ ފަދައަކުން ސޭވް ދަ ޑްރީމް އަށް ބަޔާންކޮށްދެވިފައިނުވާ ކަމަށް ހައި ކޯޓުން ބުންޏެވެ.
ސޭވް ދަ ޑްރީމް އަކީ ރިހިވެލި ރިސޯޓުގެ ސަބްލީޒްގެ މަސްލަހަތު އޮތް ފަރާތެއް ކަމަށް ވީނަމަވެސް، އެ ރިސޯޓުގެ ހެޑްލީޒް އޮތީ މާހަލް ޓުއާސް ޕްރައިވެޑް ލިމިޓެޑަށް ކަމުގައި ހައި ކޯޓުން ފާހަގަކުރި އެވެ. އަދި ރިސޯޓުގެ ހެޑްލީޒް އޮތް ފަރާތުން އެ ރިސޯޓު ސަބްލީޒް ކޮށްފައިވާއިރު، މާހަލް ޓުއާސް އަށް ދައްކަންޖެހޭ ކުލި ދައްކާފައިވާ ކަމާމެދު ސުވާލު އުފެދިފައިވާކަން ވެސް ކޯޓުން ފާހަގަކުރި އެވެ.
ކުލި ދައްކާފައިނުވުމުން ދައުލަތަށް ދައްކަންޖެހޭ ކުލި ނުދެއްކި މާހަލް ޓުއާޒްގެ އަތުން އެ ރަށް ގެއްލުމުގެ ފުރުސަތު އޮތްކަން މާހަލް އިން އޮތީ ފާހަގަކޮށްފަ އެވެ. އޭރުން އެ މައްސަލަ ކޮންމެ ކޮޅަކަށް ނިމުނު ނަމަވެސް ސަބްލީޒް ކުރާނެ ރަށެއް ނޯންނާނެ ކަމަށް ބުންޏެވެ. ހައި ކޯޓުން ބުނީ މާހަލްގެ ވާހަކައަށް ބުރަދަން ދެވޭ ވަރު ބޮޑު ކަމަށެވެ.
ހައި ކޯޓުގެ ބަސް - "ކުއްޔާ މެދު ސުވާލު އުފެދިފައި ވަނިކޮށް، އިސްތިއުނާފުކުރާ ފަރާތުން އެދޭ ފަދައިން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެފިނަމަ، އިސްތިއުނާފުން ކޮންމެ ކޮޅަކަށް މައްސަލަ ކާމިޔާބުވި ނަމަވެސް، ހުކުމްގެ މަގުސަދު ހާސިލުނުވެ ދިއުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވެ އެވެ."
ނިންމުން - އެހެންކަމުން، މި މައްސަލައިގައި ދެ ފަރާތަށް ވެސް އެންމެ މަސްލަހަތު ބޮޑު އަދި އިންސާފުވެރި ގޮތަކީ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެނުދިނުން ކަމަށް ބުރަވެވޭ ކަމަށް ހައި ކޯޓުން ބުންޏެވެ. ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ، ސޭވް ދަ ޑްރީމް އިން އެދުނު ގޮތަށް ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެނުދިނުމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު އަބްދުﷲ ހަމީދު، އަދި ފަނޑިޔާރު އަލީ ސަމީރު އެވެ.
އެނގުން މުހިންމު - ސަބްލީޒް އެގްރީމަންޓް ބާތިލްކުރި މައްސަލަ ހައި ކޯޓުގައި ހިނގަމުން އަންނަ އިރު، މާހަލް އިން ވަނީ އެ ރިސޯޓު ހިންގުން އެހެން ބަޔަކާ ހަވާލުކޮށްފަ އެވެ.