އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ނިންމުން ބަދަލުކޮށް، ސޯލިހުގެ ދަތުރުގެ ރަސީދުތައް ހާމަކުރަން އޭޖީ ލަފާ ދީފި

ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ވަނީ ކުރީގެ ސަރުކާރުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އަނބުރާ ގެންދިޔުމަށް ނިންމައި، އެ މައްސަލަ ބާތިލްކޮށްދިނުމަށް ކޯޓުގައި އެދިފައި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ރަސީދުތައް ހާމަކުރުމަށް ސުޕްރީމް ކޯޓުގައި ދެކޮޅު ހެދުމަށް ފަހު، އެ މައްސަލަ އަނބުރާ ގެންނަން ބަންޑާރަ ނައިބުގެ (އޭޖީ) އޮފީހުން އިއްޔެ ނިންމައިފި އެވެ. އަދި އެ ތަފްސީލުތައް ހާމަ ކުރަން ރައީސް އޮފީހަށް އޭޖީ ވަނީ ލަފާދީފަ އެވެ.

މައްސަލައިގެ ފެށުން - ސޯލިހު އދ.ގައި ތަގުރީރު ކުރެއްވުމަށް އެމެރިކާގެ ނިއު ޔޯކަށް ދަތުރުކުރެއްވީ 2021 ވަނަ އަހަރު އެވެ.  ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ވަޑައިގެންނެވި އެ ދަތުރުފުޅުގައި ހަރަދުތައް ވަރަށް ބޮޑުވެގެން ދިޔަ ކަމަށް ވާހަކަދެކެވުމަށް ފަހު:

  •  ދަތުރުގެ ހަރަދުތަކުގެ ތަފްސީލުތައް ހޯދަން ރައީސް އޮފީހަށް ހުށަހެޅުމުން އެ ތަފްސީލުތައް ދިން؛ ނަމަވެސް ހޯދަން އެދުނު ރަސީދުތަކުގެ ކޮޕީ ދޫނުކުރެވޭނެކަން އެންގި 

  • އެ މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން އެންގީ ރަސީދުތައް ހާމަކުރުމަށް

  • ރަސީދުތަކުގެ ކޮޕީ ދިނުން ހުއްޓުވަން ރައީސް އޮފީހުން ހައި ކޯޓަށް ދިއުމުން، ރަސީދުތައް ދޫކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައި ކޯޓުން ތާއީދުކުރި؛ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ އަހަރު ޖުލައިގައި އޭރުގެ ސަރުކާރުން

ވީ ކިހިނެއް؟ - އެ މައްސަލައިގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އޭޖީ އޮފީހުން ވަނީ، ރަސީދުތައް ސިއްރުކުރަން މިދިޔަ ސަރުކާރުން ނިންމި ނިންމުން ދިފާއުކޮށް ވާހަކަދައްކާފަ އެވެ. އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވި އެވެ.

މި މައްސަލައާ ގުޅޭގޮތުން އޭޖީ އޮފީހުން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

ތަފްސީލް - އޭޖީ އޮފީހުގެ ބަޔާނުގައި ބުނީ ހައި ކޯޓުގެ ނިންމުން އަލުން ދިރާސާކުރުމަށް ފަހު، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ އަނބުރާ ގެންދިޔުމަށް އެ އޮފީހުން މިހާރު ނިންމާފައި ކަމަށެވެ.

"އެހެންކަމުން، މި ނިންމުމާ އެއްގޮތަށް މި މައްސަލައިގެ އިސްތިއުނާފު ފޯމު ބާޠިލްކޮށްދެއްވުން އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވާނީ ހުށަހަޅާފައެވެ،" ބަޔާނުގައިވެ އެވެ.

އަދި ހައި ކޯޓުން ނިންމާފައިވާ ގޮތަށް، ރަސީދުތަކުގެ ކޮޕީ، މައްސަލަ ހުށަހެޅި ފަރާތަށް ދިނުމަށް ރައީސް އޮފީހަށް މިހާރު ލަފާ ދީފައިވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ގުޅުންހުރި - ސޯލިހުގެ ދަތުރުގެ ރަސީދުތައް ހާމަނުކުރި މައްސަލައިގައި އޭޖީ އޮފީހުގެ ނިންމުން ބަދަލުކޮށްފައިވާއިރު، މިދިޔަ ސަރުކާރުގައި އައިކޮމްއަށް ހުށަހެޅި އެހެން މައްސަލައެއްގައި މައުލޫމާތު ނުދީގެން އައިކޮމްއިން ވަނީ ރައީސް އޮފީހާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވާފަ އެވެ. ޕީޖީ އޮފީހުން ވަނީ، އެކަމުގައި ޖިނާއީ ކުށެއް ހިމެނޭތޯ ބެލުމަށް ތަހުގީގު ކުރުމަށް ފުލުސް އޮފީހުގައި އެދިފަ އެވެ. 

އޭގެ އިތުރުން، މި ސަރުކާރުގައި ރައީސް އޮފީހުން މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތައް ޖަވާބު ނުލިބޭތީ، މައުލޫމާތު ނުދޭކަމުގެ ޝަކުވާ އާއި އެކަމާ ގުޅިގެން އައިކޮމްއަށް ހުށަހަޅާ މައްސަލަތަކުގެ އަޑުއެހުންތަކަށް ނުދާކަމުގެ ޝަކުވާ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ. މީގެ ކުރިން އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ވެސް ވަނީ އެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ކޮމެންޓް (2)

ޑޮލަރޭ

24 ޖުލައި 2024
ރަސީދު ވެސް ދީ. ދެން ޑޮލަރު ވެސް އަގުހެޔޮކޮށްބަލަ
1 0

ސިކުނޑި

24 ޖުލައި 2024
ތިޔަ ބުނާ ރަސީދެއް އަނބުރާ މާލެ ނާދެއޭ ބުނީމާ ތިކަމެއް ތިޔަ ނިމުނީ! ރައީސް އޮފީހާއި ދެކޮޅަށް ދައުވާ ކުރަން ފޮނުވުމަކީ ޖޯކެއް! އޮފީހަކީ އޭގެ ޒާތުގައި އެއްވެސް ކަމެއް ކުރާ ބައެއްނޫން! ތަހުގީގެއް ނުކޮށް މައުލޫމާތެއް ހޯދަން އެދުމުން ޝަރުޢީ މަރުހަލާތެރޭން އެކަން ކުރަން ދައުލަތަށް މަޖުބޫރު ކުރާވަރުގެ ގާނޫނެއް އޮވެއްޖިއްޔާ އެ ބަދަލުކުރަންވީ! ތިޔަ މައްސަލާގައި ޖިނާޢީ ކުށެއް ކަރަޕްޝަނެއް އެކުލެވޭނަމަ އެކަން ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރާއިރު ގަރީނާއަކަށް ތިޔަބުނާ ރަސީދު ހޯދިދާނެ! އަކުރުގައި ފިލި ޖަހާތީ ކޮންމެ މީހަކުވެސް ދިވެހި ލިޔުން މާނަ ކުރަނީ އެމީހަކު ބޭނުންވާގޮތަށް ފިއްޔަށް ބަލައިގެން!
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް