އެޓާނީ ޖެނެރަލް އޮފީހުގައި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް ބޭއްވި ބައްދަލުވުމެއްގެ ތެެރެއިން. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

ސުޕްރީމް ކޯޓު

ސޯލިހުގެ އެމެރިކާ ދަތުރުގެ ރަސީދުތައް ސިއްރުކުރުން މި ސަރުކާރުން ވެސް ދިފާއުކޮށްފި

ދައުލަތުން މިއަދު ކޯޓުގައި ބުނީ، ހޯދަން އެދުނު ހަރަދުތަކުގެ ތަފްސީލުތައް ހިއްސާކޮށްފައި ވާއިރު، އެ ހަރަދު ހިމެނޭ ރަސީދުތަކަކީ މައުލޫމާތު ހޯދަން އެދުނު މީހާއަށް ކޮންމެހެން ދޭންޖެހޭނެ އެއްޗެއް ނޫން ކަމަށް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތަކުގެ ރަސީދުތައް އޭރުގެ ސަރުކާރުން ސިއްރު ކުރި ކުރުން ދިފާއުކޮށް، އެ މައުލޫމާތު ނުދީ ހިފެހެއްޓުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ މި ސަރުކާރުން ވެސް މިއަދު އެ ކޯޓުގައި ދިފާއުކޮށްފި އެވެ. 

ވީ ކިހިނެއް؟ - ރައީސް އެމެރިކާގެ ނިއު ޔޯކަށް ދަތުރުކުރެއްވީ 2021 ވަނަ އަހަރު އެވެ. އެ މަނިކުފާނާ އެކު ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ވަޑައިގެންނެވި އެ ދަތުރުފުޅުގައި ހަރަދުތައް ވަރަށް ބޮޑުވެގެން ދިޔަ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވުނެވެ.

އޭގެ ފަހުން:

  • އެ ދަތުރުގެ ހަރަދުތަކުގެ ތަފްސީލުތައް ހޯދަން ރައީސް އޮފީހަށް ހުށަހެޅުމުން އެ ހަރަދުތަކުގެ ތަފްސީލުތައް ދިން؛ ނަމަވެސް ހޯދަން އެދިފައިވާ ހަރަދުތަކުގެ ރަސީދުތައް ދޫނުކުރެވޭނެކަން އެންގި 

  • އެ މައްސަލާގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގީ އެ ރަސީދުތައް ދިނުމަށް

  • އެ ރަސީދުތައް ދިނުން ހުއްޓުވަން ރައީސް އޮފީހުން ހައި ކޯޓަށް ދިއުމުން، ރަސީދުތައް ދޫކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުމަށް ހައިކޯޓުން ތާއީދުކުރި

  • ހައި ކޯޓުން ނިންމި އެ ނިންމުން، ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ ފުރަތަމަ އެ މައްސަލަ ބަލައެއް ނުގަންނަވާ؛ ނަމަވެސް، އެ ނިންމުން މުރާޖައާކޮށް، މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި ފަނޑިޔާރުންގެ މަޖިލީހުން ވަނީ އެ މައްސަލަ ބަލައިގަތުމަށް ނިންމާފައި 

ތަފްސީލް - އެ މައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި އެޓާނީ ޖެނަރަލް (އޭޖީ)ގެ އޮފީހުން ވަނީ، ރަސީދުތައް ސިއްރުކުރަން މިދިޔަ ސަރުކާރުން ނިންމި ނިންމުން ދިފާއުކޮށް ވާހަކަދައްކަވާފަ އެވެ.

ރަސީދުތައް ހާމަކުރަން ޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި އެންގުމަށް ހައި ކޯޓުން ތާއީދުކުރި ނިންމުން ބާތިލުކޮށްދިނުމަށް ވެސް ދައުލަތުން އެދުނެވެ.

ދައުލަތުން ކޯޓުގައި ބުނީ:

  • ހޯދަން އެދިފައިވާ ހުރިހާ ހަރަދުތައް ވަކިވަކިން އެނގޭނެ ގޮތަށް ލިސްޓެއް ތައްޔާރުކޮށް ރައީސް އޮފީހުން ހިއްސާކޮށްފައިވޭ

  •  އެ ހުރިހާ ތަފްސީލުތަކަކީ ރަސީދުތަކަށް ބިނާކޮށް ހިއްސާކޮށްފައިވާ މައުލޫމާތު ކަމަށްވާއިރު، އެ ރަސީދުތަކުގެ ކޮޕީއަކީ މައުލޫމާތު ހޯދަން އެދުނު މީހާއަށް ހިއްސާކުރަން ޖެހޭނެ މައުލޫމާތެއް ނޫން

  • ހަރަދުތަކުގެ ރަސީދުގެ ކަރުދާސްކޮޅަކީ މައުލޫމާތުގެ މާނައިގެ ތެރެއަށް ފެތޭ އެއްޗެއް ކަމަކަށް ދައުލަތުން ނުދެކެން

  • ރަސީދުތަކުގެ ކޮޕީ މައުލޫމާތު ހޯދަން އެދުނު ފަރާތާ ހިއްސާކުރަން ހައި ކޯޓުން އަންގާފައިވަނީ ރަނގަޅަކަށް ނޫން

މި ވާހަކަތަކުގެ ރައްދުގައި އައިކޮމް އިން މިއަދު ކޯޓުގައި ބުނީ، އެ ދަތުރުގެ ހަރަދުތަކުގެ ރަސީދުތައް ހިއްސާކުރުމަށް މައުލޫމާތު ހޯދަން އެދުނު ފަރާތުން އެދިފައި އޮތީ، ރައީސް އޮފީހުން ހިއްސާކުރި ހަރަދުތަކުގެ ތަފްސީލުގެ ސަައްހަކަން ކަށަވަރަކުރަންކަން ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ހައި ކޯޓުގެ ނިންމުން ދަމަހައްޓައިދިނުމަށް އައިކޮމް އިން އެދުނެވެ.

އައިކޮމް އިން ބުނީ:

  • ރައީސް އޮފީހުން އެ ރަސީދުތައް ހިއްސާނުކުރެވޭނެ ކަމަށް އޭރު އަންގާފައިވަނީ، އެ ރަސީދުތަކުގައި ޒާތީ މައުލޫމާތުތަކެއް ހިމެނޭތީ ސަލާމަތީ ސަބަބުތަކަށްޓަކައި 

  • އެ ރަސީދުތަކަކީ މައުލޫމާތުގެ މާނައިގެ ތެރެއަށް ނުފެތޭ އެއްޗެއް ކަމަށް އެންމެ ފުރަތަމަ މަރުހަލާގައި ވެސް ދައުލަތުން ވަކާލާތުކޮށްފައި ނުވާއިރު، މިހާރު މި މަރުހަލާގައި އެގޮތަށް ވަކާލާތު ނުކުރެވޭނެ

  • ދައުލަތުގެ އިދާރާއަކުން ކޮންމެ ސިފައެއްގައި ބަލަހައްޓާ ކޮންމެ އެއްޗަކީ ވެސް މައުލޫމާތެއް؛ އެ މައުލޫމާތެއް ދޫކުރަން ޖެހޭނެ

  • ރަސީދުތަކުގެ ކޮޕީ ހިއްސާކުރުމަށް އައިކޮމްއިން އަދި ހައި ކޯޓުން ވެސް އަންގާފައިވަނީ، އިސްތިސްނާވާ ހާލަތަކަށް ފެތޭ ޒާތީ މައުލޫމާތެއް ހިމެނޭ ނަމަ އެ މައުލޫމާތެއް އުނިކުރުމަށް ފަހު ހިއްސާކުރުމަށް

އެނގުން މުހިއްމު - ސޯލިހް އެމެރިކާއަށް ވަޑައިގެންނެވި އެ ދަތުރުފުޅަކީ އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އޭރު އާންމު މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް