ނިއު ޔޯކް ދަތުރުފުޅުގައި ފުރާވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވީއައިއޭގައި. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ސުޕްރީމް ކޯޓު

ރައީސްގެ ނިއުޔޯކް ދަތުރުގެ ހަރަދު ސިއްރުކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް

މައްސަލަ ބަލައި ނުގަންނަނަން ނިންމީ، ހައި ކޯޓުގެ ނިންމުން ގޯސްކަމަށް ބަލަންޖެހޭ ސަބަބެއް ދައުލަތުން ހުށަހަޅާފައި ނުވާތީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުތައް ހާމަކުރުމަށް، އިންފޮމޭޝަން ކޮމިޝަނަރު އެންގި އެންގުން ތަންފީޒުކުރުން ހުއްޓުވަން ރައީސް އޮފީހުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައި ނުގަންނަން އެ ކޯޓުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އެމެރިކާގެ ނިއު ޔޯކަށް ދަތުރުކުރެއްވީ 2021 ވަނަ އަހަރު އެވެ. އެ މަނިކުފާނާ އެކު ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ވަޑައިގެންނެވި އެ ދަތުރުފުޅުގައި ހަރަދުތައް ވަރަށް ބޮޑުވެގެން ދިޔަ ކަމަށް ސޯޝަލް މީޑިއާގައި ވާހަކަދެކެވުނެވެ.

އޭގެ ފަހުން:

  • އެ ދަތުރުފުޅުގެ ރަސީދުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އެންގި

  • އެ އެންގުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފައި

  • ހައި ކޯޓުން ނިންމި އެ ނިންމުން، ދައުލަތުން މި މަހުގެ 9ގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވޭ

ތަފްސީލް - ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން އެނގޭ ގޮތުގައި، މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމާފައިވަނީ އިއްޔެ އެވެ. ރަޖިސްޓްރާގެ ނިންމުމުގައިވާ ގޮތުން، މައްސަލަ ބަލައި ނުގަންނަނަން ނިންމީ، ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ބަލަން ޖެހޭ ސަބަބެއް ދައުލަތުން ހުށަހެޅި އިސްތިއުނާފްގައި ސާފުކޮށްދީފައި ނުވާތީ އެވެ. 

އެނގުން މުހިއްމު - ރައީސް އެމެރިކާއަށް ވަޑައިގެންނެވި އެ ދަތުރުފުޅަކީ، އދ.ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އޭރު އާންމު މަޖިލީހުގެ ރިޔާސަތުގައި އިންނެވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް