ރައީސް އޮފީސް އިމާރާތް.

އައިކޮމް އިން ފޮނުވި މައްސަލަ ތަހުގީގު ކުރަން ޕީޖީން ފުލުހަށް ހުށަހަޅައިފި

އައިކޮމްއިން ޕީޖީ އޮފީހަށް ފޮނުވީ، ވެކްސިން ޖެހުމާ ގުޅޭ މައުލޫމާތުތަކެއް ހޯދުމަށް، ކުރީގެ ސަރުކާރުގައި 2022 ވަނަ އަހަރު މީހަކު އެދުމުން އެ މައުލޫމާތު ނުދިން މައްސަލައެއް

އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކަށް އަމަލުނުކުރުމުގެ ސަބަބުން ރައީސް އޮފީހާ ދެކޮޅަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް ފޮނުވި މައްސަލާގައި ޖިނާއީ ކުށެއް ހިމެނޭތޯ ބަލަން ތަހުގީގެއް ހިންގަން ޕީޖީން ފުލުހުންނަށް މައްސަލަ ފޮނުވައިފި އެވެ.

އެނގުން މުހިއްމު - އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކަށް އަމަލުނުކޮށް އަދި އެ ނިންމުމެއް އިސްތިއުނާފުނުކުރާ ނަމަ، އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅައިދޭން ޕީޖީ އޮފީހުގައި އެދުމުގެ ބާރު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުން އައިކޮމްއަށް ވަނީ ލިބިދީފަ އެވެ. 

ނަމަވެސް، އަމުރަށް ނުކިޔަމަންތެރިވުން ފަދަ ޖިނާއީ ދައުވާއެއް ކުރާ ނަމަ، އެކަން ކުރެވޭނީ ފުލުހުންގެ ތަހުގީގަކަށް ފަހު، އެ މައްސަލާގައި ޒިންމާވާ މީހަކު ދެނެގަނެވިގެންނެވެ. އިދާރާއެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ނުކުރެވޭނެ އެވެ.

ވީ ކިހިނެއް؟ - އައިކޮމްއިން ޕީޖީ އޮފީހަށް ފޮނުވީ، ވެކްސިން ޖެހުމާ ގުޅޭ މައުލޫމާތުތަކެއް ހޯދުމަށް، ކުރީގެ ސަރުކާރުގައި 2022 ވަނަ އަހަރު މީހަކު އެދުމުން އެ މައުލޫމާތު ނުދިން މައްސަލައެކެވެ.

ބުނީ ކީކޭ؟ - އެ މައްސަލާގައި ޖިނާއީ ކުށުގެ އެއްވެސް އަމަލެއް ހިމެނޭތޯ ބަލަން ތަހުގީގެއް ހިންގައިދިނުމަށް އެދި ޕީޖީ އޮފީހުން ފުލުހަށް މައްސަލަ ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުގެ ތަރުޖަމާނު އަހުމަދު ޝަފީއު މިއަދު 'ދައުރު'އަށް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު މިއަދު 'ދައުރު'އަށް ވިދާޅުވީ، އަދި މިހާތަނަށް އެންމެ މައްސަލައެއްގައި ދައުވާ ކުރަން އެދުނު ނަމަވެސް، ކުރިއަށް އޮތްތަނުގައި ރައީސް އޮފީހުން އައިކޮމްގެ ނިންމުންތަކަށް އަމުރު ކޮށްފައި ނުވާ އިތުރު މައްސަލަތަކެއްގައި ވެސް ދައުވާ ކުރަން ފޮނުވާނެ ކަމަށެވެ.

ގުޅުންހުރި - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅެއްގެ ހަރަދުތަކުގެ ރަސީދުތައް އޭރުގެ ސަރުކާރުން ސިއްރު ކުރި ކުރުން ދިފާއުކޮށް، އެ މައުލޫމާތު ނުދީ ހިފެހެއްޓުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި، މި ސަރުކާރުން ވެސް މިއަދު ވަނީ އެ ނިންމުން އެ ކޯޓުގައި ދިފާއުކޮށްފަ އެވެ.

މީގެ އިތުރުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، ސިޔާސީ މުވައްޒަފުންނާ ބެހޭ މައުލޫމާތު ނުދިނުމުގެ މައްސަލަ ވެސް މި ސަރުކާރުގައި ވަނީ ވަރަށް ބޮޑުވެފަ އެވެ.

ސިޔާސީ މަގާމުތަކުގެ ތަފްސީލު ހޯދުމަށް އެކި މީހުން ހުށަހަޅައިގެން ވެސް ރައީސް އޮފީހުން އެ މައުލޫމާތު ދީފައި ނުވާތީ، ގާނޫނުގައި ބުނާ މުއްދަތު ހަމަވެގެން އެފަދަ ގިނަ މައްސަލަތަކެއް އައިކޮމް އަށް ވަނީ ހުށަހަޅާފަ އެވެ.

އެ މައްސަލަތަކާ ގުޅިގެން އައިކޮމްގެ ފަރާތުން ވަނީ މައުލޫމާތު ހާމަކުރުމަށް އެކި ފަހަރުމަތިން ރައީސް އޮފީހަށް އަންގާފަ އެވެ. ނަމަވެސް ސަރުކާރުން ތަބާވެފައެއް ނުވެ އެވެ.

ކޮމެންޓް (1)

ކިނބޫ

23 ޖުލައި 2024
ވަޅެއް ނުތެޅޭނެ. ދާނި ތެޅޭނީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް