ރައީސް މުހައްމަދު މުއިއްޒު ރައީސް އޮފީހުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައި ވާހަކަފުޅުދައްކަވަނީ (ފައިލް ފޮޓޯ/ރައީސް އޮފީސް)

އައިކޮމް

މައުލޫމާތު ނުދޭތީ ރައީސް އޮފީހާ ދެކޮޅަށް އައިކޮމް އިން ޕީޖީއަށް މައްސަލައެއް ހުށަހަޅައިފި

އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވިގޮތުގައި ކުރިއަށް އޮތްތަނުގައި އިތުރު މައްސަލަތަކެއް ވެސް ޕީޖީއަށް ފޮނުވަން ދަނީ ތައްޔާރުވަމުން

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅި ހުށަހެޅުމަށް ރައީސް އޮފީހުން ޖަވާބުދާރީވާން އަމުރުކުރުމުން ވެސް މައުލޫމާތު ހާމަކޮށްފައިނުވާތީ، ރައީސް އޮފީހާ ދެކޮޅަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ތަފްސީލް - އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި:

  • މައުލޫމާތު ހާމަނުކުރާތީ ރައީސް އޮފީހާ ދެކޮޅަށް މިހާރު އެއް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާނެ

  • ކުރިއަށް އޮތްތަނުގައި އިތުރު މައްސަލަތަކެއް ޕީޖީއަށް ފޮނުވަން ވެސް ދަނީ ތައްޔާރުވަމުން

އައިކޮމްއިން ޕީޖީ އޮފީހަށް ފޮނުވީ، ވެކްސިން ޖެހުމާ ގުޅޭ މައުލޫމާތުތަކެއް ހޯދުމަށް، ކުރީގެ ސަރުކާރުގައި 2022 ވަނަ އަހަރު މީހަކު އެދުމުން އެ މައުލޫމާތު ނުދިން މައްސަލައެކެވެ.

އެނގުން މުހިއްމު - އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކަށް އަމަލުނުކޮށް އަދި އެ ނިންމުމެއް އިސްތިއުނާފުނުކުރާ ނަމަ، އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައެއް ކޯޓަށް ހުށަހަޅައިދޭން ޕީޖީ އޮފީހުގައި އެދުމުގެ ބާރު، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުން އައިކޮމްއަށް ލިބިދެ އެވެ.

ގުޅުންހުރި - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅެއްގެ ހަރަދުތަކުގެ ރަސީދުތައް އޭރުގެ ސަރުކާރުން ސިއްރު ކުރި ކުރުން ދިފާއުކޮށް، އެ މައުލޫމާތު ނުދީ ހިފެހެއްޓުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި، މި ސަރުކާރުން ވެސް މިއަދު ވަނީ އެ ނިންމުން އެ ކޯޓުގައި ދިފާއުކޮށްފަ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، މި ސަރުކާރުގައި އެންމެ ބޮޑު އެއް މައްސަލައަކަށް ވެފައި އޮތީ ސިޔާސީ މުވައްޒަފުންނާ ބެހޭ މައުލޫމާތު ނުދިނުމެވެ.

ސިޔާސީ މަގާމުތަކުގެ ތަފްސީލު ހޯދުމަށް އެކި މީހުން ހުށަހަޅައިގެން ވެސް ރައީސް އޮފީހުން އެ މައުލޫމާތު ދީފައި ނުވާތީ، ގާނޫނުގައި ބުނާ މުއްދަތު ހަމަވެގެން އެފަދަ ގިނަ މައްސަލަތަކެއް އައިކޮމް އަށް ވަނީ ހުށަހަޅާފަ އެވެ.

އެ މައްސަލަތަކާ ގުޅިގެން އައިކޮމްގެ ފަރާތުން ވަނީ މައުލޫމާތު ހާމަކުރުމަށް އެކި ފަހަރުމަތިން ރައީސް އޮފީހަށް އަންގާފަ އެވެ. ނަމަވެސް ސަރުކާރުން ތަބާވެފައެއް ނުވެ އެވެ.

ކޮމެންޓް (1)

ޝަރފު

22 ޖުލައި 2024
ޚަބަރު ކިޔާލުމުން މި އެގުނީ މިއީ މިދިޔަ ދައުރުގެ ކަމެއްކަން. މިއަދު ޕީޖީއަށް ފޮނުވި މައްސަލާގެ މި ޚަބަރާއެކު ދއއުލަތް ޖަވާބުދާރީ ކުރެވޭނެކަން އެބަ ހާމަވޭ. ނިމިދިޔަ ސަރުކާރުގައި މިކަން ނުކޮށްއޮތީ ބިރުވެރިކަމާއި ނާއިންސާފުގެ ސަބަބުންކަން ހާމަވެއްޖެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް