ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވާހަކަދައްކަވަނީ. (ފޮޓޯ/ ރައީސް އޮފީސް)

އައިކޮމްއިން ޕީޖީއަށް ހުށަހެޅީ މި ސަރުކާރާ ބެހޭ މައްސަލައެއް ނޫން: ހީނާ ވަލީދު

ހީނާ މިހެން ވިދާޅުވި ނަމަވެސް، ކުރީ ސަރުކާރުތަކުން ސިއްރު ކޮށްފައިވާ ކަންކަން ހާމަ ކުރުމުގެ އިހުތިޔާރު އެއިރަކު އޮންނަ ސަރުކާރަކަށް ލިބޭ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ނުދީގެން ޖިނާއީ ދައުވާކޮށްދިނުން އެދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައަކީ މި ސަރުކާރާ ގުޅުން ހުރި މައްސަލައެއް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އައިކޮމްއިން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ވެކްސިން ޖެހުމާ ގުޅޭ މައުލޫމާތުތަކެއް ހޯދުމަށް، ކުރީގެ ސަރުކާރުގައި 2022 ވަނަ އަހަރު މީހަކު އެދުމުން އެ މައުލޫމާތު ނުދިން މައްސަލައެކެވެ.

އެކަމާ ގުޅިގެން މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ، އެއީ މި ސަރުކާރު ފެށުމުގެ މާކުރިން ހުށަހަޅާ، އޭރު މައުލޫމާތު ނުދީ އޮތް މައްސަލައެއް ކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ - އައިކޮމް އިން ދައުވާ ކުރަން ފޮނުވި މައްސަލާގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތޯ ބަލަން ތަހުގީގެއް ހިންގަން ޕީޖީން ވަނީ އިއްޔެ ފުލުހުންނަށް މައްސަލަ ފޮނުވައިފަ އެވެ.

އެނގުން މުހިއްމު - ކުރީ ސަރުކާރުތަކުގައި ސިއްރުކޮށްފައިވާ މައުލޫމާތު ހާމަކުރުމުގެ އިހުތިޔާރު ފަހުން އަންނަ ސަރުކާރުތަކަށް ލިބެ އެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅެއްގެ ހަރަދުތަކުގެ ރަސީދުތައް އޭރުގެ ސަރުކާރުން ސިއްރު ކުރި ކުރުން ދިފާއުކޮށް، އެ މައުލޫމާތު ނުދީ ހިފެހެއްޓުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި، މި ސަރުކާރުން ވެސް އިއްޔެ ވަނީ އެ ނިންމުން އެ ކޯޓުގައި ދިފާއުކޮށްފަ އެވެ. އެކަމާ ގުޅިގެން ސަރުކާރަށް އާންމުންގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.

ގުޅުންހުރި - ޕީޖީއަށް ހުށަހަޅާފައިވާ މައްސަލައަކީ މި ސަރުކާރާ ގުޅުންހުރި މައްސަލައެއް ނޫން ކަމަށް ހީނާ ވިދާޅުވި އިރު، މި ސަރުކާރުން އާރުޓީއައިގެ ދަށުން އެދޭ މައުލޫމާތު ނުދޭކަމުގެ ޝަކުވާ އާއި އެކަމާ ގުޅިގެން އައިކޮމްއަށް ހުށަހަޅާ މައްސަލަތަކުގެ އަޑުއެހުންތަކަށް ނުދާ ކަމުގެ ޝަކުވާ ވެސް ވަނީ ވަރަށް ބޮޑުވެފަ އެވެ.

މީގެ އިތުރުން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، ސިޔާސީ މުވައްޒަފުންނާ ބެހޭ މައުލޫމާތު ނުދިނުމުގެ މައްސަލަ ވެސް މި ސަރުކާރުގައި ވަނީ ވަރަށް ބޮޑުވެފަ އެވެ.

ސިޔާސީ މަގާމުތަކުގެ ތަފްސީލު ހޯދުމަށް އެކި މީހުން ހުށަހަޅައިގެން ވެސް ރައީސް އޮފީހުން އެ މައުލޫމާތު ދީފައި ނުވާތީ، ގާނޫނުގައި ބުނާ މުއްދަތު ހަމަވެގެން އެފަދަ ގިނަ މައްސަލަތަކެއް އައިކޮމް އަށް ވަނީ ހުށަހަޅާފަ އެވެ.

އެ މައްސަލަތަކާ ގުޅިގެން އައިކޮމްގެ ފަރާތުން ވަނީ މައުލޫމާތު ހާމަކުރުމަށް އެކި ފަހަރުމަތިން ރައީސް އޮފީހަށް އަންގާފަ އެވެ. ނަމަވެސް ސަރުކާރުން ތަބާވެފައެއް ނުވެ އެވެ.

ކޮމެންޓް (1)

ސިކުނޑި

24 ޖުލައި 2024
ސަރުކާރު ހިންގުމާއި ހަވާލުވަނީ އަރަންޏާއި ދަރަނި އަދި ރައްޔިތުންނާއި ހަވާލުވެގެން! ކާކުބުނެގެން ރިޔާސީ ރޭހަށް ނިކުތީ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް