އެމްޑީޕީގެ ލީޑާޝިޕުން މިއަދު މަޖިލިސް ރައީސް އަބްދުއްރަހީމްއާއެކު ބޭއްވި ބައްދަލުވުމުމުގެ ތެރެއިން (ފޮޓޯ/ މަޖިލިސް)

އެމްޑީޕީން އަބްދުއްރަހީމް އަރިހަށް؛ ހައްގުތައް ކަށަވަރުކޮށްދޭން އެދުނު

ޕީޕިއެމްގެ ފުރަތަމަ ސަރުކާރުގައި އޮތް 18 ވަނަ މަޖިލީހުގައި ކަންކަން ހިނގައިދިޔަ ގޮތަށް ކަންކަން ދިޔުމަށް ފުރުސަތު ނުދިނުމަށް އެމްޑީޕީގެ ފަރާތުން އެދުނު

މަޖިލީހުގެ މައިނޯރިޓީ ޕާޓީ، އެމްޑީޕީގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް އެދި، އެ ޕާޓީގެ ލީޑާޝިޕުން މަޖިލީހުގެ ރައީސް އަބްދުރައްހީމް އަބްދުﷲއާ މިއަދު ބައްދަލުކޮށްފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ހިމެނޭ ގޮތަަށް އެ ޕާޓީގެ ލީޑާޝިޕްގެ ފަރާތުން އަބްދުއްރަހީމްއާ ބައްދަލުކޮށްފައި ވަނީ މަޖިލީހުގެ އިދާރާގަ އެވެ. އެއަށް ފަހު، އެ ބައްދަލުވުމާ ގުޅޭ ގޮތުން އެ ޕާޓީން 'އެކްސް'ގައި ވަނީ ޕޯސްޓެއް ކޮށްފަ އެވެ.

ބުނީ ކީކޭ؟ - "މަޖިލީހުގައި މައިނޯރިޓީ ޕާޓީގެ ހައްގުތައް ހިމާޔަތްކޮށް، ވީހާ ވެސް ފުޅާކޮށް މަސައްކަތް ކުރުމުގެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ޗެއާޕާސަން އެދިވަޑައިގެންނެވި،" އެމްޑީޕީގެ ޕޯސްޓުގައިވެ އެވެ.

އޭގެ އިތުރުން، ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި އޭރު އޮތް 18 ވަނަ މަޖިލީހުގައި "ކަންކަން ހިނގައިދިޔަ ގޮތަށް ފުރުސަތު ނުދެއްވުމަށް ވެސް" އެ ބައްދަލުވުމުގައި އިލްތިމާސްކޮށްފައިވާ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ގުޅުން ހުރި - މި ބައްދަލުވުމުގައި އަބްދުއްރަހީމްގެ އިތުރުން، މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް އާއި ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރުން އިބްރާހިމް ފަލާހު ވެސް ބައިވެރިވެވަޑައިގެންނެވެ.

އެމްޑީޕީން ފައްޔާޒުގެ އިތުރުން ދެން ބައިވެރިވެވަޑައިގެންނެވީ، އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު އާއި ތަރުޖަމާނު އަނަސް އަބްދުއްސައްތާރު އަދި ސެކެޓްރީ ޖެނެރަލް ޝާޒްލީ ޝަފީގެވެ.

އެނގުން މުހިންމު - އެމްޑީޕީގެ ޕޯސްޓުގައި ފާހަގަކުރި 18 ވަނަ މަޖިލީހުގައި އަބްދުއްރަހީމް އަކީ އޭރު ވެރިކަމުގައި އޮތް ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕުގެ އިސް މެންބަރެކެވެ. ޕީޕީއެމްގެ ބާރު އޮތް އެ މަޖިލީހުގައި އިދިކޮޅަށް އެތައް ގޮތަކުން ހަނިކޮށް، ސަރުކާރާ ދެކޮޅުވީ މެންބަރުންގެ ގޮނޑި "ގެއްލުވާލައި" ހުރަސްތަކެއް އޭރު ކުރިމަތިވި އެވެ.

މިހާރު އޮތް 20 ވަނަ މަޖިލީހުގައި ޕީއެންސީއަށް ނިސްބަތްވާ 75 މެންބަރުން އެބަތިއްބެވެ. ޖުމްލަ 93 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެ މަޖިލީހުގައި އެމްޑީޕީގެ ތިބެނީ 12 މެންބަރުންނެވެ.

އެމްޑީޕީން މިފަހުން ވަނީ ޕީއެންސީން މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަަމަވެސް، ޕީއެންސީން ބުނަމުން ދަނީ އެމްޑީޕީއަށް އަބަދުވެސް ހަމަހަމަ ފުރުސަތު އޮންނާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް