ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިހާބުވި މެމްބަރުންނަށް ބޭއްވި އިންޑަކްޝަން ޕްރޮގްރާމްގައި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ. (ފޮޓޯ/މަޖިލިސް)

ކަންބޮޑުނުވޭ، ސުޕަ މެޖޯރިޓީ ނަހަމަ ގޮތުގައި ބޭނުމެއް ނުކުރާނަން: އަބްދުއްރަހީމް

މާދަމާ ފަށާ އާ މަޖިލީހުގައި ޕީއެންސީއަކީ ސުޕަ މެޖޯރިޓީ ކޮންޓްރޯލްކުރާ ޕާޓީ. އާ މަޖިލިހުގެ ރައީސްއަކަށް ވުން އެންމެ ކައިރި އަބްދުއްރަހީމް ވިދާޅުވީ އެއީ ރައްޔިތުން ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫން ކަމަށް

ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނުމަކީ ރައްޔިތުން އެއްގޮތަކަށް ވެސް ކަންބޮޑުވާން ޖެހޭނެ ކަމެއް ނޫން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންސީއިން ވަނީ 66 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދި މިނިވަން ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވައި، ގޮނޑި ކާމިޔާބުކުރެއްވި ބައެއް މެމްބަރުން ވެސް އެ ޕާޓީއާ ގުޅިވަޑައިގަތުމާ އެކު 20 ވަނަ މަޖިލީހުގައި ތިއްބަވާނެ ޕީއެންސީ މެމްބަރުންގެ އަދަދު ވަނީ 74އަށް އަރައިފަ އެވެ.

އެނގުން މުހިންމު - މިދިޔަ ބުދަދުވަހު މުލިއާގޭގައި ބޭއްވި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި އާ މަޖިލީހުގެ ރައީސްގެ މަގާމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ އަބްދުއްރަހީމްގެ ނަން ހުށަހަޅުއްވައިފަ އެވެ. މަޖިލިސް ރައީސްގެ އިތުރުން ނައިބު ރައީސް އާއި ޕާލިމެންޓްރީ ގްރޫޕުގެ އިސް މަގާމުތަކާއި ބައެއް ކޮމެޓީތަކުގެ މުގައްރިރުންނަށް ތިއްބަވާނެ މެމްބަރުން ވެސް އެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.

  • ރައީސް މުއިއްޒާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އަބްދުއްރަހީމް ނުކުމެވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ޕީއެންސީގެ ބައެއް މެމްބަރުން މުލިއާގޭގެ ބޭރުގައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
  • މިދިޔަ ބުދަދުވަހު މުލިއާގޭގައި ރައީސް މުއިއްޒުއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ހއ. ދިއްދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުލް ލަތީފް (ވ) ނުކުމެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ތަފްސީލު - އަބްދުއްރަހީމް މިއަދު ފޯނުން 'ދައުރު'އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ކުރިއަށް އޮތީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާނެ މަޖިލީހެއް ކަމަށެވެ.

ސުޕަ މެޖޯރިޓީ ދިނުމާ މެދު ރައްޔިތުން އެއްވެސް ވަރަކަށް ކަންބޮޑުވާން ނުޖެހޭނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ޕީއެންސީން ބޭނުންވަނީ ހަމައެކަނި ސުޕަ މެޖޯރިޓީގެ ނަމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސުޕަ މެޖޯރިޓީ ލިބުނު ނަމަވެސް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނެ އެވެ.

"ނޫން ނޫން، އެއްގޮތަކަށް ވެސް އެހެނެއް ނުކުރާނަން. އަޅުގަނޑުމެން ހަމަ ދައްކައިދޭން ބޭނުން ރައްޔިތުން ސުޕަ މެޖޯރިޓީއެއް ދިނީމަ، ރައްޔިތުންގެ ހައްގުގައި މި މަޖިލީހުން މަސައްކަތް ކުރާކަން،" މީގެ ކުރިން ދެ ދައުރެއްގައި ފޮނަދޫ ތަމްސީލްކުރެއްވި މެމްބަރު ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ މަސައްކަތް ކުރާކަން މި މަޖިލީހުން އަމަލީ ގޮތުން ދައްކާނެ ކަމަށެވެ. އެއީ ރައީސް މުއިއްޒު ވެސް ބޭނުންފުޅުވާ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރުގެ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ދިނީމަ، ތިމަންނަމެން ބޭނުންވި ގޮތަށް އެ މަޖިލީސް އެބަ މަސައްކަތް ކުރެޔޭ [ބުނާ ވަރަށް]، އެ ފެންވަރަށް އަޅުގަނޑުމެން މިކަން ކުރާނަން،" އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ، އެއްގޮތަކަށް ވެސް ކަންބޮޑުވެވަޑައި ނުގަންނަވާށޭ، ތިޔަ ބޭފުޅުން އަޅުގަނޑުމެންނަށް، ރައީސް މުއިއްޒަށާއި އެމަނިކުފާނުގެ ޕާޓީއަށް ތިޔަ ދެއްވި ސުޕަ މެޖޯރިޓީގެ ފައިދާ ތިޔަ ބޭފުޅުންނަށް ކުރާނޭ، އިރާދަކުރެއްވިއްޔާ."

އާ މަޖިލީހުގެ މެމްބަރުން ހުވާކުރުމުގެ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގަ އެވެ.

ކޮމެންޓް (2)

ސިކުނޑި

29 މޭ 2024
ރާމާމަކުނުގެ އުސޫލު ގެންގުޅޭ މީހެއްގެ ބަސް އިންސާނުން ގަބޫލެއް ނުކުރާނެ!
0 0

ސިޔާސީ ވިސްނުން...

27 މޭ 2024
އަދުރޭ ވެރިކަމާއި ފިޔަވަޅަކަށް ގާތްވެލީ.. އިދިކޮޅުން ނޫނީ ކުރީގެ ބްރޯ އަށް އަދުރޭ ބޯ ކާލައިގެން ރައީސް އަޒުލު ކުރުމުގެ ވިސްނައިފިއްޔާ ދެން ކިހިނެއް ހަދާނީ..؟ މަޖިލިސް ރައީސްކަން ބޭނުމެއް ނޫނޭވެސް ބުނި..
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް