އެމްޑީޕީ ގައުމީ މަޖިލީހުގެ ރައިސް ކަމުގެ މާގަމަށް ވާދަ ކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަދި ޔޫތް ވިންގް މެންބަރު އައިކު
އެމްޑީޕީގެ ގައުމީ މަޖިލީހަށް މާރިޔާ އާއި އައިކް ވާދަކުރަނީ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ ކުރިމަތިލައްވައިފި އެވެ. މާރިޔާއާ އެކު އެ މަގާމަށް ދެން ވާދަ ކުރައްވަނީ އެ ޕާޓީގެ ޒުވާނުންގެ ހިތްވަރުގެ މެންބަރު އައިކް އަހްމަދު އީސާ އެވެ.
ވީ ކިހިނެއް؟ - މި މަހުގެ 1 ވަނަ ދުވަހު އެމްޑީޕީން ދާއިރާތަކުގެ ބައި-އިލެކްޝަންއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު މިދިޔަ އާދިއްތަ ދުވަހަށް ވަނީ ހަމަވެފަ އެވެ. އެ ޕާޓީން މިހާރު ވަނީ ކުރިމަތިލި ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށްފަ އެވެ.
ތަފްސީލު - ކެންޑިޑޭޓުންގެ ލިސްޓުގައި ފާހަގަކޮށްލެވޭ ގިނަ ދުވަސްވީ ސިޔާސީ ބޭފުޅުންގެ ތެރެއިން އެކަކަކީ މާރިޔާ އެވެ. އެމްޑީޕީގެ މިދިޔަ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅުންނަށް މިހާރު އޮތް ގައުމީ މަޖިލީހުގައި ތިއްބެވުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެއާ އެކު، މާރިޔާ އަކީ އަދިވެސް ގައުމީ މަޖިލީހުގެ މެންބަރެކެވެ.
ގަލޮޅު އުތުރު ދާއިރާގެ ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވައި މާރިޔާ ވަނީ މި މަހުގެ 1 ވަނަ ދުވަހު 'އެކްސް'ގައި ޕޯސްޓެއް ކުރައްވާފަ އެވެ.
"ގައުމު މިއޮތް ހާލަތުން އަރައިގަނެ އެމްޑީޕީން އާ ޖީލެއް އުފެއްދުމަށް ކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ތަޖްރިބާ އާއި ލަފާ ގައުމީ މަޖްލީހަށް ބޭނުންވާނެ ކަމަށް ދެކި، އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާ ރައީސްގެ ބައި-އިލެކްޝަންގައި އެ މަގާމަށް އަޅުގަނޑު ކުރިމަތިލާން ގަސްދު ކުރަމެވެ،" އެ ޕޯސްޓުގައި މާރިޔާ ލިޔުއްވާފައިވެ އެވެ.
ޤައުމް މިއޮތް ހާލަތުން އަރައިގަނެ MDP އިން އައު ޖީލެއް އުފެއްދުމަށް ކުރާ މަސައްކަތުގައި އަޅުގަނޑުމެންގެ ތަޖްރިބާ އާއި ލަފާ ޤައުމީ މަޖްލިސް އަށް ބޭނުންވާނެ ކަމަށްދެކި MDP ގެ ގަލޮޅު އުތުރު ދާއިރާ ރައީސް ގެ ބައި އިލެކްޝަންގައި އެ މަޤާމަށް އަޅުގަނޑު ކުރިމަތިލާން ޤަސްދު ކުރަމެވެ.
— Mariya Didi 🎈 (@MariyaDidi) July 1, 2024
"އެމްޑީޕީން މިކުރަން ޖެހިފައިވާ މި ބިޔަ، ބޮޑު މަސައްކަތައް އަޅުގަނޑަށް ބައިވެރިވެވޭނެ މަގު ފަހިކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ."
'އެމްޑީޕީގެ މަންމަ'އާ ވާދަ ކުރުމަކީ ޝަރަފެއް: އައިކް
މީގެ ކުރިން ސިޔާސީ އެއްވެސް ވަޒީފާއެއް އަދި އިންތިހާބީ މަގާމެއް ފުރުއްވާފައި ނުވާ، އުމުރުން 26 އަހަރުގެ އައިކްއަށް މިއީ އޭނާގެ ފުރަތަމަ އިންތިހާބެވެ. އައިކް ގަބޫލު ކުރައްވާ ގޮތުގައި، މާރިޔާ ފަދަ ބޭފުޅަކާ މި އިންތިހާބުގައި ވާދަކުރަން ލިބުމަކީ ލިބޭނެ "ވަރަށް ބޮޑު ޝަރަފެ"ކެވެ. އޭގެ ސަބަބުތައް ވެސް އޭނާ ވިދާޅުވެދެއްވި އެވެ.
"އެއީ ޕާޓީގެ ޗެއާޕާސަންކަން ކުރައްވާފައި. ހާއްސަ މަޖިލިސްގެ މެންބަރުކަން ކުރައްވާފައި، މައްޗަންގޮޅީގެ މެންބަރުކަން ކުރައްވާފައި އަދި ރާއްޖޭގެ އެންމެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރުކަން ކުރައްވާފައި ހުރި ބޭކަނބަލަކާ ވާދަ ކުރުމަށް، ނިކަމެތި އަޅުގަނޑަށް ލިބުމަކީ، އަޅުގަނޑު ދެކޭ ގޮތުގައި ވަރަށް، ވަރަށް، ވަރަށް ބޮޑު ޝަރަފެއް،" މާރިޔާ ފަދަ ތަޖުރިބާކާރު، ދުވަސްވީ ސިޔާސީ ލީޑަރަކާ ވާދަ ކުުރުމަކީ ކިހާ ވަރެެއްގެ ޗެލެންޖެއްތޯ އެހުމުން އައިކް ވިދާޅުވި އެވެ.
"މީގައި ނެތް އަޅުގަނޑަކަށް ބައްޔެއް. އެއީ އަޅުގަނޑު ބަލިވިޔަސް މި ބަލިވަނީ އެމްޑީގެ މަންމައާ ވާދަކޮށް، އެމްޑީޕީގެ މަންމަގެ އަތުން. މަންމަގެ އަތުން ނުވާނެ ބައްޔެއް، މަންމަގެ އަތުން އަބަދުވެސް ލިބޭނީ ނަސޭހަތާއި ފިލާވަޅު."
ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންްނެވި އައިކު ވިދާޅުވި ގޮތުގައި، މިއީ ޝަރަފެއް ކަމަށް އޭނާ ދެކިވަޑައިގެންނެވި ނަމަވެސް، ދާއިރާގެ ރައްޔިތުން އޭނާ ނޫން ކެންޑިޑޭޓަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް އޮތް ކަމަކަށް ވެސް ގަބޫލެއް ނުކުރައްވަ އެވެ.
"އެއީ، ކޮންމެ ބޭފުޅަކު ކުރިމަތިލާފައި ހުރި ނަމަވެސް، ދާއިރާގެ ރައްޔިތުންނަށް ވެސް މިހާތަނަށް ދައްކާދީފާވާނެ އައިކްއަށް މިކަން ކުރެވޭނެކަން،" މިދިޔަ މަޖިލިސް އިންތިހާބުގައި މިހާރުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)ގެ ކެމްޕެއިން މެނޭޖަރުކަން ކުރެއްވި އައިކް ވިދާޅުވި އެވެ.
އުމުރުން 16 އަހަރުން ފެށިގެން އެމްޑީޕީގެ މަސައްކަތަށް ވެންނެވި ގޮތަށް މިއަދާ ހަމައަށް ހުންނެވީ އެ ޕާޓީގައިކަން ފާހަގަކުރައްވައި އައިކް އެދިވަޑައިގެންނެވީ މި ފުރުސަތު ދާއިރާގެ މެންބަރުން އޭނާއަށް ދެއްވުމަށެވެ.
ދާއިރާގެ ރައީސް ކަމަށް ކުރިމަތިލާން ނިންމި މައިގަނޑު ސަބަބެއް ކަމަށް އައިކް ވިދާޅުވީ:
-
މިހާތަނަށް ނުއިއްވި އޮތް ދާއިރާގެ ރައްޔިތުންގެ އަޑު އިއްވުމަށް
-
އެމްޑީޕީގެ ތެރެއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް
-
ޕާޓީގެ ކުރީ ސަފަށް އާ މޫނުތަކެއް ގެނައުމުގެ މަސައްކަތް ކުރަން
"މި އިންތިހާބުން ނިންމާނީ ދެން ޕާޓީ ކުރިއަށްދާނީ ކިހިނެއްތޯ. ވަރަށް ބައިވަރު ގޮނޑި ގައުމީ މަޖިލީހަށް މިފަހަރު އިންތިހާބު މި ކުރަނީ. އެހެންވީމަ، ޕާޓީ ކުރިއެރުވުމަށް މި ލިބޭ ރަނުގެ ފުރުސަތު ގެއްލުވާނުލުމަށް އެދެން،" އެމްޑީޕީގެ ބައެއް ޕޮލިސީ ކޮމިޓީތަކުގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ އައިކް ވިދާޅުވި އެވެ.
އެނގުން މުހިންމު - ގައުމީ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ ރައީސްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އާމިނަތު ޒާހިރާ، އޭރު އުފެއްދި ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތުމަށް އެމްޑީޕީން ވަކިވުމާ ގުޅިގެންވެ. ޑިމޮކްރެސްޓްއާ ގުޅިވަޑައިގަތުމަށް ވަކިވި މެންބަރުން އޭރު ފުރުއްވި މަގާމުތައް ހިމެނޭހެން، މިފަހަރު 20 ދާއިރާގެ ރައީސުން މި އިންތިހާބުގައި ހޮވާ އެވެ. އޭގެ ތެރޭގައި އަލަށް އުފެއްދި ހަ ދާއިރާ ވެސް ހިމެނެ އެވެ.
ކޮމެންޓް (2)
ގައުމުގެ ފޭރާން ހަލާކުކޮށްލި ބަގަ
ޕާޓީގެ މަންމަގެ ފިރިމީހާގެ އަންހެނުން