ވ. އަތޮޅު ބޮޑުފިނޮޅު؛ މިތަނުގެ ބޮޑު މިނަކީ 0.62 ހެކްޓަރު(ފޮޓޯ/ ހުސެއިން ޝިފާގު)

ބޮޑުފިނޮޅު ވިއްކީ ގަވައިދާ ހިލާފަށް ކަމަށް ބުނެ ނިންމުން ބާތިލު ކުރަން ކައުންސިލުން އެދިއްޖެ

އެކަމަށް އެދި ކައުންސިލުން ޓޫރިޒަމް މިނިސްޓްރީއަށް ފޮނުވި ސިޓީގައި ވާގޮތުން ބޮޑުފިނޮޅު ވިއްކާލާފައިވަނީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި

ވ. ބޮޑުފިނޮޅާއި އެތަނުގެ ވަށައިގެންވާ ފަޅު ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަން އެ ސަރަހައްދު ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވަނީ ވ. އަތޮޅުގެ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެ ނިންމުން ބާތިލްކުރަން އެ ކައުންސިލުން އެދިއްޖެ އެވެ.

މައްސަލައިގެ ފެށުން - ގެސްޓްހައުސް ވިޔަފާރީގައި މަޝްހޫރު 'ކާނި ހޮޓަލްސް'އަށް ސަރުކާރުން ވ. ބޮޑުފިނޮޅު ކުއްޔަށް ދީފައިވަނީ މިދިޔަ މަހުގެ ފަހުކޮޅެވެ. ވ. އަތޮޅު ކައުންސިލްގެ ފަރާތުން ބުނި ގޮތުގައި، އެ ފިނޮޅު ވިއްކާލާފައިވަނީ 729،000 ޑޮލަރު (11.2 މިލިއަން ރުފިޔާ) އަށެވެ.

ވީ ކިހިނެއް؟ - އެކަމާ ކަންބޮޑުވުން ފާޅުކޮށް ވ. އަތޮޅު ކައުންސިލްގެ ފަރާތުން އެ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އިމްތިޔާޒް ސޮއިކުރައްވާ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއަށް މިއަދު ވަނީ ސިޓީއެއް ފޮނުވާފަ އެވެ. އެ ސިޓީގެ ކޮޕީއެއް ވ. ތިނަދޫ ކައުންސިލްގެ ރައީސް ހުސައިން ޝަފީގް 'އެކްސް'ގައި ޕޯސްޓު ކުރެއްވި އެވެ.

އެނގުން މުހިއްމު - ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އަތޮޅު ކައުންސިލް ނިސްބަތްވާ އިދާރީ ދާއިރާގެ ތެރޭގައި ހިމެނޭ އެންމެހައި ފަޅުރަށްތަކާއި ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާއަކުން ބޭނުންކުރަން ވާނީ ނުވަތަ ތަރައްގީކުރަންވާނީ ނުވަތަ އެހެން ފަރާތަކަށް ކުއްޔަށް ނުވަތަ ވަރުވާއަށް ދޫކުރަން ވާނީ އަތޮޅު ކައުންސިލްތަކާއި މަޝްވަރާ ކުރުމަށް ފަހު އެވެ.

ތަފްސީލް - އެ މާއްދާއާ ހަވާލާދީ އަތޮޅު ކައުންސިލްގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ބޮޑުފިނޮޅު ދިގުމުއްދަތަށްް ކުއްޔަށް ދޫކުރީ "ކައުންސިލާ މަޝްވަރާ ކުރުމެއްނެތި ގާނޫނާ ހިލާފަށް" ކަމަށެވެ.

އޭގެ އިތުރުން ވެސް، އެ މުއާމަލާތާ ގުޅިގެން ކައުންސިލްގެ ފަރާތުން ހުރި އިތުރު ކަންބޮޑުވުންތަކެއް ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން:

  • ވ. އަތޮޅަކީ ގެސްޓްހައުސް ޓޫރިޒަމް ހަލުވިކަމާ އެކު ކުރިއަރަމުންދާ އަތޮޅެއް؛ ކައިރި އަތޮޅުތަކުގެ ގެސްޓްހައުސްތަކާއި ސަފާރީތަކުން ވެސް އެ އަތޮޅުގެ ގުދުރަތީ ވަސީލަތްތައް ފަތުރުވެރިކަމުގެ އެކި ކަންކަމަށް (އެކްސްކާޝަން، ޑައިވިން އަދި ސްނޯކަލިން) އަށް ބޭނުންކުރޭ

  • އަތޮޅުގެ ފަޅުތައް ރިސޯޓު ހަދަން ދޫކުރުމުން އެފަދަ ކަންކަމަށް ބޭނުންކުރެވޭނެ އެކަށީގެންވާ ތަންތަނެއް މިހާރަކު ނެތް

  • ބޮޑުފިނޮޅަކީ އެކްސްކާޝަން ދިޔުމަށް ކޮންމެ ދުވަހަކު ބޭނުންކުރަމުންދާ މަދު ތަންްތަނުގެ ތެެރެއިން އެންމެ ގިނައިން ބޭނުންކުރާ ފިނޮޅު

  • ވަކި ފަރާތަކަށް މަންފާވާ ގޮތަށް އެ ފިނޮޅާއި ވަށައިގެންވާ ފަޅު ވިއްކާލުމަކީ ވ. އަތޮޅުގެ ޓޫރިޒަމަށް އަދި އެތަންތަން ބޭނުންކުރަމުންދާ ކައިރި އަތޮޅުތަކުގެ ވިޔަފާރިތަކަށް އަގު ނުކުރެވޭ ވަރުގެ ގެއްލުން ލިބިގެންދާނެ ކަމެއް

ދިގު މުއްދަތަކަށް ބޮޑުފިނޮޅު ކުއްޔަށް ދިނުމަކީ އަތޮޅުގެ އިގްތިސޯދަށާއި އަދި އަތޮޅުގެ ރައްޔިތުންނަށް އެތައް ގޮތަކުން ގެއްލުންވާނޭ ކަމެއް ކަން ފާހަގަކޮށް، ކައުންސިލުގެ ފަރާތުން ބުނެފައިވަނީ، އެ ފިނޮޅު ކުއްޔަށް ދިނުމަކީ ހަމަނުޖެހުމާއި ފަސާދައަށް ހުޅުވިގެންދާ ދޮރަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. ސަބަބަކީ، އެއީ އަތޮޅުގެ ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި ޖުމްލަކޮށް އަތޮޅުގެ ހުރިހާ ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަމަކަށް ވާތީ އެވެ.

އެހެންކަމުން، އަތޮޅު ކައުންސިލްގެ ފަރާތުން އެދިފައިވަނީ:

  • ބޮޑުފިނޮޅު ކުއްޔަށް ދީފައިވަނީ ގަވައިދާ ހިލާފަށްކަމުން، އެތަން ކުއްޔަށްދިން ކަމަށް ސަރުކާރުން ކޮށްފައިވާ އިއުލާނު ބާތިލުކުރަން

  • އަތޮޅުގެ ތަންތަން އެކި ބޭނުންތަކަށް ކުއްޔަށް ދޫކުރުމުގައި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތްތައް ފުރިހަމަ ކުރަން

  • މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވަނީ، ބޮޑުފިނޮޅާއި ގުޅިގެން ނެރުނު އިއުލާނުގައިވާ ސަރަހައްދުކަން ކަށަވަރުކޮށްދީ، ކުއްޔަށް ދޫކޮށްފައިވާ ސަރަހައްދުގެ ފުރިހަމަ މައުލޫމާތު ކައުންސިލާ ހިއްސާކުރަން

ފާހަގަކޮށްލެވޭ - ދިގު މުއްދަތަކަށް ބޮޑުފިނޮޅު ކުއްޔަށް ދީފައިވަނީ ކ. މާފުށީގައި ފުޅާދާއިރާއެއްގައި ގެސްޓްހައުސް އަދި ސިޓީ ހޮޓަލްގެ ވިޔަފާރިކުރާ 'ކާނި ހޮޓެލެސް އެންޑް ޓުއާސް' އަށެވެ. އެ ކުންފުނިން ވަނީ ބޮޑުފިނޮޅުގައި ބީޗު ރޫމްތަކާއި، ވޯޓާ ވިލާ ހިމެނޭހެން 200 ރޫމްގެ ލަކްޝަރީ ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ފަށާފަ އެވެ.

'ކާނި ބީޗު ރިސޯޓް' ނަމުގައި، ވ. އަތޮޅުގައި ތަރައްގީކުރާ މި މަތީ ފެންވަރުގެ ރިސޯޓާ އެކު، ޒަމާނުންސުރެ އާއިލީ ވިޔަފާރީއެއްގެ ގޮތުގައި ހިންގަމުން އަންނަ ގެސްޓްހައުސް ވިޔަފާރީ އިތުރަށް ފުޅާވެގެންދާނެ ކަމަށް ބުނެ އެ ކުންފުނިން ވަނީ ބަޔާނެއް ނެރެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް