ވ. އަތޮޅު ބޮޑުފިނޮޅު؛ މިތަނުގެ ބޮޑު މިނަކީ 0.62 ހެކްޓަރު(ފޮޓޯ/ ހުސެއިން ޝިފާގު)

ޓޫރިޒަމް

ކާނި ހޮޓަލްސްއިން ވ. އަތޮޅުން ބޮޑު ފަޅެއް ގަނެފި

ވ. އަތޮޅު ކައުންސިލުން ބުނަނީ އެ އަތޮޅު ބޮޑުފިނޮޅު ކާނި ހޮޓަލްސައަށް ދިގު މުއްދަތަކަށް ދިނީ 11.2 މިލިއަން ރުފިޔާއަށް ކަމަށް

ވ. އަތޮޅު ބޮޑުފިނޮޅު، ގެސްޓްހައުސް ވިޔަފާރީގައި މަޝްހޫރު ކާނި ހޮޓަލްސްއަށް ސަރުކާރުން ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާ ކަމަށް ވ. އަތޮޅު ކައުންސިލުން ބުނެފި އެވެ. 

ވީ ކިހިނެއް؟ - ރީތިބޮޑު ފަޅެއްގެ ތެރޭ އޮންނަ ބޮޑުފިނޮޅަކީ އެ އަތޮޅުގެ އިތުރުން ކ. އަތޮޅުގައި ހިންގާ ޓޫރިސްޓް ރިސޯޓުތަކުންނާއި ގެސްޓް ހައުސްތަކުން ގިނަ އަދަދެއްގެ ފަތުރުވެރިންދާ ފިނޮޅެކެވެ. މިތަން ދިގު މުއްދަތަށް ރިސޯޓް ހަދަން ކުއްޔަށް ދިން ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ވ. ތިނަދޫ ކައުންސިލުގެ ރައީސް ހުސެއިން ޝިފާގު އެވެ.

ބުނީ ކީކޭ؟ - އެކަމާ ކަންބޮޑުވުން ފާޅުކޮށް އޭނާގެ އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން، އެ ފިނޮޅު ވިއްކާލާފައިވަނީ 729،000 ޑޮލަރު (11.2 މިލިއަން ރުފިޔާ) އަށެވެ.

ޝިފާގު 'ދައުރު' އަށް މިއަދު ވިދާޅުވީ އެ ފިނޮޅު މިދިޔަ މަހުގެ ފަހުކޮޅުގައި ވިއްކާލާފައިވަނީ ކ. މާފުށީގައި ހިންގާ ކާނި ހޮޓަލްސްއަށް ކަމަށެވެ. ކާނި ހޮޓަލްސްއަކީ މާފުށީގައި އެންމެ ފުޅާދާއިރާއެއްގައި ސިޓީ ހޮޓާ ހިންގާ ކުންފުންޏެވެ. 

އެ މުއާމަލާތާ ގުޅޭ ގޮތުން ކާނި ހޮޓަލްސްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. 

ތަފްސީލް - ވ. އަތޮޅުގެ ޓޫރިޒަމަށް ބޮޑު މަންފާއެއް ހޯދަމުންދިޔަ ބޮޑުފިނޮޅު ވަކި ވިޔަފާރިވެރިއަކަށް ސަރުކާރުން ދިނުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ޝިފާގު އިތުރަށް ވިދާޅުވި ގޮތުގައި އެ ފިނޮޅަކީ ވ.އަތޮޅާއި ކ.އަތޮޅުގެ ގެސްޓްހައުސްތަކުން އަދި ރިޒޯޓްތަކުން އާއްމުކޮށް ދުވާލަކު 200 އަށްވުރެ ގިނަ ފަތުރުވެރިން އަންނަމުންދިޔަ އެ އަތޮޅުގައި ނުގިރައި ސަލާމަތުން އޮތް ހަމައެނި ފިނޮޅެވެ. 

"ނުވިއްކާ ބޭއްވި ނަމަވެސް ދައުލަތަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރު ވީސް. ވ. އަތޮޅަކުން ބޭނުމެއް ނުވޭ މިފަދަ ތަނެއް ވިއްކާލާކަށް. މިދިޔަ ސަރުކާރުގައި ވެސް މި އަތޮޅުގެ އަންބަރާ ވެސް، ބޮޑުމޮހަރާ ވެސް ވިއްކާލީ. ދެން މިތަން ވެސް ވިއްކާލީމާ މި އަތޮޅުގައި ނެތް ލޯކަލް ޓޫރިޒަމް ފުޅާކުރާނެ ގޮތެއް. ކޯޗެއް މާކެޓުކޮށްގެންތޯ އަޅުގަނޑުމެން ފަތުރުވެރިން ގެންނާނީ؟" ޝިފާގު ވިދާޅުވި އެވެ.

ވ. އަތޮޅު ބޮޑުފިނޮޅު؛ މިތަނަކީ އެއަތޮޅުގެ އިތުރުން ކ. އަތޮޅުގެ ގިނަ ރިސޯޓުތަކާއި ގެސްޓުހައުސްތަކުންވެސް މަންފާ ހޯދާތަނެއް(ފޮޓޯ/މެޕް)

އެނގުން މުހިންމު - ޓޫރިސްޓު ބޭނުމަށް ތަރައްގީކުރަން މިދިޔަ 30 މޭ ގައި ސަރުކާރުން ހުޅުވާލި ތަންތަނުގެ ތެރޭގައި މި ފިނޮޅު ހިމެނެ އެވެ. ނަމަވެސް، އެ ލިސްޓުގައި ސީދާ މި ފިނޮޅުގެ ނަން ހިމަނާފައެއް ނުވެ އެވެ. އަދި، މި ލިސްޓުގައި ހިމެނޭ ތަންތަނުގެ ތެރެއިން މިހާތަނަށް ވިކިފައިވާ ތަންތަނުގެ ލިސްޓެއް ވެސް މިހާތަނަށް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައެއް ނުވެ އެވެ.

މިނިސްޓްރީން އިއުލާން ކުރި ލިސްޓުގައި އެތަނުގެ އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި ހިމަނާފައިވަނީ، 729،000 ޑޮލަރެވެ. މިތަނުގެ ބޮޑުމިނަކީ 0.62 ހެކްޓަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް