ކާނި ހޮޓެލްސްއިން ހިންގާ ގެސްޓްހައުސްއެއް އަދި ރިސޯޓް ހަދަން ރާވާފައިވާ ގޮތުގެ ކޮންސެޕްޓް (ފޮޓޮ/ކާނި ހޮޓެލްސް)

ގެސްޓްހައުސް

ކާނި ގެސްޓްހައުސް ބޮޑުވެ 200 ކޮޓަރީގެ ރިސޯޓެއް ހަދަނީ

'ކާނި ބީޗް ރިސޯޓު'ގެ ނަމުގައި ތަރައްގީކުރާ މި ރިސޯޓް ހަދަނީ ވ. ބޮޑުފިނޮޅުގައި؛ އެ ފަޅު ސަރުކާރުން އެ ކުންފުންޏަށް ދިނީ 11.2 މިލިއަން ޑޮލަރަށް

ކ. މާފުށީގައި ފުޅާދާއިރާއެއްގައި ގެސްޓްހައުސް އަދި ސިޓީ ހޮޓަލްގެ ވިޔަފާރިކުރާ 'ކާނި ހޮޓެލެސް އެންޑް ޓުއާސް'ގެ ވިޔަފާރި ފުޅާވެ، ބީޗު ރޫމްތަކާއި، ވޯޓާ ވިލާ ހިމެނޭހެން 200 ރޫމްގެ ލަކްޝަރީ ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެކަން އެ ކުންފުނިން ހާމަކުރީ ވ. އަތޮޅުގެ ބޮޑުފިނޮޅާއި އެތަނުގެ ވަށައިގެންވާ ފަޅު ކާނި ހޮޓެލްސްއަށް ސަރުކާރުން ކުއްޔަށްދިންކަން މިއަދު ހާމަވުމާ އެ ކުންފުނިން ނެރުނު ބަޔާނެއްގަ އެވެ.

ބުނީ ކީކޭ؟ - ބޮޑުފިނޮޅުގެ ބިޑް ކާމިޔާބުވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްކަން ފާހަގަކޮށް ނެރުނު އެ ބަޔާނުގައި ކާނި ހޮޓަލްސްއިން ބުނެފައި ވަނީ އެ ފަޅު އެ ކުންފުނިން ގަނެފައިވަނީ ރިސޯޓެއް ތަރައްގީކުރަން ކަމަށެވެ.

'ކާނި ބީޗު ރިސޯޓް' ނަމުގައި، ވ. އަތޮޅުގައި ތަރައްގީކުރާ މި މަތީ ފެންވަރުގެ ރިސޯޓާއެކު، ޒަމާނުންސުރެ އާއިލީ ވިޔަފާރީއެއްގެ ގޮތުގައި ހިންގަމުން އަންނަ ގެސްޓްހައުސް ވިޔަފާރީ އިތުރަށް ފުޅާވެގެންދާނެ ކަމަށް އެ ބަޔާނުގައި އެ ކުންފުނިން ބުންޏެވެ. 

"އަލަށް މި ފަށާ ކާނި ބީޗު ރިސޯޓް މަޝްރޫއު ވެގެންދާނީ ކާނި ހޮޓެލްސްގެ ޒަމާންވީ ވިޔަފާރިއަށް ބޮޑު އިންގިލާބީ ބަދަލެއް ގެންނާނެ ކަމަކަށް،" ބަޔާނުގައި ވެއެވެ.

ބަޔާނުގައި ވާގޮތުން:

  • ކްލަބް ސްޓައިލަށް ތަރައްގީ ކުރާ މި ރިސޯޓުގައި 200 ރޫމް ހިމެނޭނެ

  • އޭގެތެރޭގައި މަތީ ފެންވަރުގެ 120 ބީޗް ރޫމް، އަދި 80 ވޯޓާ ވިލާ ނުވަތަ މޫދު ކޮޓަރި ހިމެނޭނެ

  • ކާނި ބީޗް ރިސޯޓް މަޝްރޫއުގެ ސަބަބުން އަތޮޅުގެ އިގްތިސާދަށް އާ ފުރުސަތުތަކެއް ހުޅުވޭނެ

"މި ލިބުނު ކާމިޔާބީއާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވޭ. ވ. ފަޅުގެ ބިޑު ކާމިޔާބުވުމަކީ ކާނި ހޮޓަލަސްގެ ވިޔަފާރީގެ އާ ބާބެއްގެ ފެށުން. އެއީ އަޅުގަނޑުމެން ޓީމުގެ ބުރަ މަސައްކަތުގެ ނަތީޖާ، އަދި ރާއްޖޭގެ ގުދުރަތީ ރީތިކަން މުޅިން އާ ގޮތަކަށް ގެސްޓުންނާ ހިއްސާކުރުމަށް މިތިބީ ކެތްމަދުވެފައި،" ކާނި ގްރޫޕްގެ ސީއީއޯ އަދި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސްކަން ކުރައްޗވާ އަބްދުﷲ ނަޝީދު ވިދާޅުވި އެވެ.

އެނގުން މުހިންމު - ކާނި ހޮޓެލްސް އެންޑް ޓުއާސް ފެށިގެން އައީ މީގެ 12 އަހަރުކުރިން، 18 ރޫމްގެ ގެސްޓްހައުސްއަކުންނެވެ. މި ވިޔަފާރި ފުޅާވެ، މިހާރު ކާނިން ދަނީ 199 ރޫމްގެ ހަތަރު ގެސްޓްހައުސް ހިންގަމުންނެވެ. މީގެ އިތުރަށް: 

  • ކާނި ހެވެން ބީޗު އަދި ކާނި ޑްރީމް ބީޗްގެ ނަމުގައި އިތުރު ދެ ގެސްޓްހައުސް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަދޭ

  • 2025ވަނަ އަހަރު މި ގެސްޓްހައުސް ހުޅުވި ހިދުމަތްދޭން ފެށުމުން ކާނި ހޮޓެލްސްއިން ހިންގާ ގެސްޓްހައުސްތަކުގެ ރޫމްގެ އަދަދު 411 އަށް އަރާނެ

އެނގުން މުހިންމު - ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފައިވާ ގޮތުގައި ބޮޑު ފިނޮޅުގެ އެކުއިޒިޝަން ކޮސްޓް ނުވަތަ ކުއްޔަށް ނަގަން އެއް ފަހަރާ ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 729،000 ޑޮލަރު (11.2 މިލިއަން ރުފިޔާ) އެވެ. 

ގުޅުންހުރި ކަމެއް - ވ. އަތޮޅުގައި ހިންގާ ގެސްޓްހައުސްތަކުން އެކްސްކާޝަން ފަދަ ކަންކަމުގައި ފަތުރުވެރިން ގެންގޮސް ބޭނުންކުރަމުން ގެންދިޔަ ބޮޑުފިނޮޅު ވަކި ވިޔަފާރިވެރިއަކަށް ސަރުކާރުން ދިނުމާ ގުޅިގެން އެ އަތޮޅު ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވ. ތިނަދޫ ކައުންސިލުގެ ރައީސް ހުސެއިން ޝިފާގު ވިދާޅުވީ، އެ ފިނޮޅަކީ ވ.އަތޮޅާއި ކ.އަތޮޅުގެ ގެސްޓްހައުސްތަކުން އަދި ރިޒޯޓްތަކުން އާއްމުކޮށް ދުވާލަކު 200 އަށްވުރެ ގިނަ ފަތުރުވެރިން އަންނަމުންދިޔަ، އެ ސަރަހައްދުގެ ލޯކަލް ޓޫރިޒަމަށް ބޮޑު ފައިދާއެއް ވަމުންދިޔަ ތަނެއް ކަމަށެވެ.

ކޮމެންޓް (1)

ހަސަން

4 ޖުލައި 2024
11.2 މިލިއަން ރުފިޔާ. ޑޮލަރެއް ނޫން
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް