އެމްޑީޕީން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/ އަޒްމީ އަހުމަދު)

އެމްޑީޕީ

ނިޒާމަށް ބަދަލު ގެނައުމުގެ ކުރިން ރައްޔިތުންގެ މަޝްވަރާ ހޯދަން ޖެހޭ: ފައްޔާޒު

ހަރަދު ކުޑަކުރުމުގައި ސަރުކާރުގެ އިހުލާސްތެރި ނިޔަތެއް އޮތް ނަމަ މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި

ރާއްޖޭގެ ވެރިކަންކުރާ ނިޒާމުގެ ބައެއް ކަންކަމަށް ބަދަލުތަކެއް އަންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ނަމަވެސް، އެކަން ކުރަން ޖެހޭނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރޭ ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު މުއިއްޒު ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ވެރިކަމުގެ ނިޒާމުތަކުގެ ބައެއް ކަންކަމަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެކަން އިއުލާނު ކުރައްވާފަ އެވެ. އެގޮތުން ސަރުކާރުން ނިންމާފައިވާ ކަންކަމުގެ ތެރޭގައި:

  • ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 77ގައި ހިފަހައްޓަން ގާނޫނުއަސާސީއަށް ބަދަލު ގެނައުން

  • ލޯކަލް ކައުންސިލްތަކުގެ ސައިޒު ކުޑަކޮށް، ކައުންސިލަރުންގެ އަދަދު މަދުކުރަން ގާނޫނުތަކަށް ބަދަލު ގެނައުން

  • ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކީގައި ބާއްވާ ގޮތަށް ގާނޫނުއަސާސީއަށް ބަދަލު ގެނައުން

ބުނީ ކީކޭ؟ - ރައީސް މުއިއްޒު އިއުލާން ކުރެއްވި ބަދަލުތަކާ ގުޅިގެން ކުރީ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ވެސް ކުރެއްވި ފައްޔާޒު މިއަދު ވަނީ 'އެކްސް'ގައި ޕޯސްޓެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި:

  • ކައުންސިލަރުންގެ އަދަދު މަދުކުރުމާއި މަޖިލިސް މެމްބަރުންގެ އަދަދު މަދުކުރުން ފަދަ ކަންކަން ކުރުމުގެ ކުރިން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ފުޅާ ދާއިރާއެއްގައި ހޯދަން ޖެހޭ 

  • 'ދެބޯގެރި ދުއްވުމުގެ ބަދަލުގައި' މިހާރުން މިހާރަށް ކުރެވެން ހުރި ކަންކަން ކުރުން މުހިންމު

"މާލިއްޔަތު ރަނގަޅު ކަމަށް ވަޒީރުން ވިދާޅުވާއިރު އާންމު ރައްޔިތުން ހިތި ބޭސް ބޯންޖެހޭ ވާހަކަ ދެއްކީމައި މާލިއްޔަތު އަދި އިގްތިސާދު ރަނގަޅަށް އޮތަސް ރައްޔިތުން އަދި އިންވެސްޓަރުންނާއި ފައިނޭންސަރުންގެ އިތުބާރު ގެއްލި ނުބައި ދިމާލަކަށް ގޮސްދާނެ،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ސަރުކާރުން ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގައި އިހުލާސްތެރިކަމެއް ހުރިކަމަށް ނުފެންނަ ކަމަށެވެ. 

އިހުލާސްތެރި ނިޔަތެއްގައި އަމަލުކުރާ ނަމަ، މިހާރުން މިހާރަށް ކުރަންޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވާ ބައެއް ކަންކަން ވެސް ފާހަގަކުރެއްވި އެވެ. އޭގެތެރޭގައި:

  • ވިޔަފާރިތަކާއި ކިޔަވަން ބޭރުގައި ތިބި ދަރިވަރުންނަށް ދޭން ޖެހޭ ފައިސާ ދޭނެ ގޮތެއްގެ ވާހަކަ ސަރުކާރުން ހާމަކުރުން 

  • އިތުބާރު ހޯދުމަށް ވައުދުވެފައިވާ ގޮތަށް ކަންކަން އަދި ހާލަތު އޮތްގޮތް މުޅިން ސާފުވާ ގޮތަށް ހާމަކުރުން

  • ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުން، އަދި ރަށްރަށުގެ ކައުންސިލަރުން މަދުކުރުމުގެ ކުރިން ރައީސް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ސިޔާސީ މުވައްޒަފުން މަދުކުރާކަން ހާމަކުރުން 

"މި ކަންކަން ހާމަކުރުމަކީ އެއްވެސް ވަރަކަށް އުނދަގޫކަމެއް ނޫން އަދި މިވަގުތު ވެސް ސަރުކާރަށް އެނގެންޖެހޭ މައުލޫމާތު. ނޭނގޭ ނަމަ އެއީ އަދި މާ ކަންބޮޑުވާން ޖެހޭ ކަމެއް،" ފައްޔާޒު ވިދާޅުވި އެވެ.

ރައްޔިތުން ބަލައިގަންނާނެ ހަރުދަނާ ބަދަލުތަކަށް އެމްޑީޕީން މަރުހަބާ ކިޔާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ. ނަމަވެސް، މާލީ ހާލަތު 'ވާނުވާ'ގައި ބާއްވައިގެން ގައުމަށް ލިބޭނެ އެއްވެސް ކުރިއެރުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

ފާހަގަކޮށްލެވޭ - ސަރުކާރުން ގެންނަން ނިންމާފައިވާ ބޮޑެތި ބަދަލުތައް ރޭ އިއުލާނު ކުރުމާއެކު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ އޭގެ ބައެއް ބަދަލުތަކަށް ދެކޮޅު ހައްދަވާފަ އެވެ.

އޭނާ ރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި، ސަރުކާރުން ރަށު ކައުންސިލަރުންގެ އަދަދު މަދުކުރަން މަސައްކަތް ކުރަނީ ރައްޔިތުންގެ ބާރު ކަނޑުވާލަން ކަމަށް ތުހުމަތު ކުރެއްވި އެވެ.

"ލާމަރުކަޒީ ނިޒާމުގެ ޅަފަތުގައި، ރައްޔިތުންގެ ބާރު ކަނޑުވާލަން، އަނެއްކާ ވެސް ރަށްރަށުގެ އާންމުހާލަތު ސާފުނުވާ ބަޔަކު މާލޭގެ ފިނިކޮޓަރީގައި ތިބެގެން ރަށްރަށުގެ ކަންހިންގުމުގެ ބާރު އެ ފިނި ކޮޓަރިއަށް ޖަމާކުރުމަށް އެއްބަހެއް ނުވެވޭނެ،" މިދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރުގައި ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް