ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަނީ (ފައިލްފޮޓޯ/މަޖިލިސް)

މަޖިލިސް މެމްބަރުންގެ އަދަދު 77 ގައި ހިފަހައްޓަން ގާނޫނުއަސާސީ އިސްލާހުކުރާނަން: ރައީސް

ރައީސް ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އަދަދު ވެސް މާގިނަ ކަމަށާއި މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކުރާނެ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 77ގައި ހިފަހައްޓަން ގާނޫނު އަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މިރޭ ވިދާޅުވީ، މިހާރު މިދާގޮތަށް ދާނަމަ އާބާދީ ބޮޑުވަމުންދާ ވަރަކަށް، މަޖިލިސް މެމްބަރުންގެ އަދަދު 100 އިން މައްޗަށް ވެސް އަރައިގެންދާނެ ކަމަށެވެ. ނަމަވެސް، މަޖިލީހުގެ އަދަދު މާބޮޑަށް ކުޑަކޮށްލުމަކީ ވެސް އެންމެ ރަނގަޅު ގޮތަކަށް ނުވާނެކަން ފާހަގަ ކުރެއްވި އެވެ. 

ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ، އެންމެ ރަނގަޅު ގޮތަކަށްވާނީ 77 މެމްބަރުންނަށް މަޖިލީހުގެ މެމްބަރުންގެ އަދަދު ހިފެހެއްޓުން ކަމަށެވެ. އަދި އެ އަދަދަށް ވުރެ މެމްބަރުންގެ އަދަދު އަދަދު ބޮޑުނުވާނެ ގޮތަށް ހިފަހައްޓަން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ ކުރިއަށް އޮތްތަނުގައި ހޮވާ މަޖިލީހަކީ 93 އަށްވުރެ ބޮޑުވެގެންދާ މަޖިލީހަކަށް ވުމުގެ ބަދަލުގައި 77 އަކަށް ނޫނީ ގާތްގަނޑަކަށް އެވަރަށް ކުޑަކޮށް އެޔަށްވުރެ ބޮޑުނުވާނެ ގޮތަކަށް ގާނޫނަށް އިސްލާހު ހުށަހަޅާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭގެ ސަބަބުން މަޖިލީހަށް ކުރަންޖެހޭ ހަރަދުތައް ވެސް، ވަރަށް ބޮޑަށް ކުޑަވާނެ ކަމަށެވެ.

އެނގުން މުހިންމު - ގާނޫނުއަސާސީގެ 71 ވަނަ މާއްދާ މިހާރު އޮންނަ އޮތުން، ކޮންމެ 5،000 މީހަކަށް މެންބަރެއް އިންތިހާބުކުރަން ޖެހެ އެވެ. މިފަހަރު މަޖިލިސް މެންބަރުންގެ އަދަދު ވަނީ 93 މެންބަރުންނަށް އިތުރުވެފަ އެވެ. 

މެމްބަރުންގެ އިނާޔަތާއި މުސާރައަށް ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހޭއިރު މެމްބަރުންގެ އަދަދު އިތުރުވުމަކީ މާލީ ގޮތުން ވަރަށް ބޮޑު ހޭދައެކެވެ. މެމްބަރުންނަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި މަހަކު 82،500ރ. ލިބިވަޑައިގަންނަވަ އެވެ. 

މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކުރާނަން

ރާއްޖޭގައި އުފައްދާފައިހުރި ގިނަ މިނިވަން މުވައްސަސާތައް ހުންނައިރު، އެއިން ކޮންެމެ ތަނެއްްގައި ވެސް 10 ވަރަކަށް މީހުން ތިބެން ނުޖެހޭކަމަށް ރައީސް ވިދާޅުވި އެވެ 

އިހުލާސްތެރިކަމާއެކު، ރައްޔިތުންނަށް ކަމެއް ކޮށްދޭން ބޮޑު ޓީމެއް އޮންނަން ނުޖެހޭ ކަމަށާއި އެއިން ކޮންމެ ކޮމިޝަނެއްގައި ތިބެން ކަނޑައަޅާފައިވާ އަދަދު ވެސް މަދުކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމަށް ވެސް އިސްލާހު ގެންނަން މާގިނަ ދުވަސްތަކެއް ނުވެ އިސްލާހު ހުށަހަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިކަހަލަ އިސްލާހުތަކެއް ގާނޫނު އަސީއަށް ގެނައުމުން އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެ. އެ ފައިސާއިން ރައްޔިތުންނަށް ފައިދާހުރި އެތައް ކަމެއް ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ. 

ކޮމެންޓް (3)

ސިކުނޑި

8 ޖުލައި 2024
މެންބަރުންގެ އަދަދު ބޮޑުކުރާކަށް ބޭނުންމެއްނޫން؟! އަދަދު މަދު ކުރުމަކީވެސް އެންމެ ރަނގަޅުގޮތެއްނޫން؟! ގާނޫނަކުން އެއްވަރެއްގައި ހިފަހައްޓައިފިއްޔާ އާބާދީ އިތުރުވާ ނިސްބަތުން މެންބަރުންގެ އަދަދު ދަށްވާނެ؟! ހަލާދަނޑީގައި އޮންނަނީ ދެ ކޮޅެވެ. މިރައީސް އަބަދުވެސް ތިން ކޮޅު ދައްކައެވެ.
0 0

ޞައްދާމު

8 ޖުލައި 2024
ތިކަންކަން ވެސް ތި އެގެނީ ނޫސްތަކުގަ ލިޔެލިޔެ ބަލިވާފަހުން.
0 0

ޙަސނަ

7 ޖުލައި 2024
މަޖިލިސް އުވާލެވޭކަށް ނެތްތަ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް