22 އޮކްޓޯބަރު 2023 - ފުލުހުން އެފްއޭއެމް އިމާރާތުގެ ބޭރުގައި ހަރަކާތްތެރިވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ސިވިލް ކޯޓު

3 ލައްކަ ރުފިޔާގެ ދަރަންޏެއް ދެއްކުމަށް އަނެއްކާވެސް އެފްއޭއެމްގެ މައްޗަށް އަމުރެއް

ދައުވާގައި ވާގޮތުން މީހެއްގެ އަތުން ނެގި 308،400 ރުފިޔާ ޑޮލަރުން އަދާކުރަން އެފްއޭއެމްއިން ދިން ޗެކްގައި ފައިސާއެއް ނެތް؛ ކޯޓުން އަމުރުކުރީ ކޯޓުގެ ހަރަދާއެކު 335،400 ރުފިޔާ ދެއްކުމަށް

އަނބުރާ ޑޮލަރުން އަދާކުރާ ގޮތަށް މީހެއްގެ އަތުން ފައިސާ ނެގުމަށް ފަހު ނުދީ އޮތް މައްސަލައެއްގައި، 335،400 ރުފިޔާ ކުރިއަށް އޮތް 10 ދުވަސްތެރޭ އަދާކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ވީ ކިިހިނެއް؟ - މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ހަސަން މަނިކު، ހުޅުމާލެ ފްލެޓް ނަންބަރު 19-1-4/މާލެ އެވެ. އޭނާ މި މައްސަލާގައި ބުނެފައިވަނީ:

  • އަނބުރާ ޑޮލަރުން އަދާކުރާ ގޮތަށް އޭނާގެ އަތުން އެފްއޭއެމްއިން މިދިޔަ އަހަރުގެ 14 މެއިގައި 308،400 ރުފިޔާ ނަގާފައިވާ ކަމަށް 

  • އެ ފައިސާ އަދާކުރަން 20،000 ޑޮލަރުގެ ޗެކެއް އެފްއޭއެމްއިން އޭނާއަށް ދޫކޮށްފައިވިޔަސް، އެ ޗެކްގައި ފައިސާ ނެތުމުން އަނބުރާ ރައްދުވެފައިވާ ކަމަށް

އެ ފައިސާއާ އެކު، ގެއްލުމުގެ ބަދަލާއި ކޯޓަށް މައްސަލަ ހުށަހަޅަންޖެހުމުން ދިޔަ ހަރަދު ހޯދުމަށް ހަސަން މަނިކު އެފްއޭއެމްއާ ދެކޮޅަށް މައްސަލަ ހުށަހެޅީ މިދިޔަ 2 މެއިގަ އެވެ.

ތަފްސީލް - މި މައްސަލާގައި އިއްޔެ ސިވިލް ކޯޓުން އިއްވި ހުކުމުގައި އެފްއޭއެމްގެ މައްޗަށް އަމުރުކޮށްފައިވަނީ، ހަސަން މަނިކުއަށް ދޭންޖެހޭ 20،000 ޑޮލަރު އަދާކުރުމަށެވެ. އަދި، ކޯޓުގެ ހަރަދުގެ ގޮތުގައި 27،000 ރުފިޔާ ހިމެނޭހެން، ޖުމްލަ 335،400 ރުފިޔާ 10 ދުވަސްތެރޭ ދެއްކުމަށް އަންގާފައިވެ އެވެ.

އެ މައްސަލާގައި ގެއްލުމުގެ ބަދަލު ނަގައިދީފައެއް ނުވެ އެވެ. ސަބަބެއް ކަމަށް ހުކުމްގައި ބުނީ، ގެއްލުމުގެ ބަދަލާ މެދު ގޮތް ކަނޑައެޅޭ ވަރަށް، މޫސާ މަނިކަށް ގެއްލުންވިކަމާއި އެ ބަދަލުގެ މިންވަރު ބުނެދެވިފައިނުވުމެވެ.

ފާހަގަކޮށްލެވޭ - މި ހުކުމް ސިވިލް ކޯޓުން އިއްވާފައިވަނީ އެފްއޭއެމްގެ ގައިރު ހާޒިރުގަ އެވެ. އެއީ ދައުވާއަށް ޖަވާބުދާރީވާން އެފްއޭއެމްއަށް ދިން ފުރުސަތުގައި ކޯޓަށް ޖަވާބުދާރީވެފައިނުވާތީ ކަމަށް ހުކުމްގައި ވެ އެވެ.

އެނގުން މުހިންމު - އެފްއޭއެމްގެ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެ، އެތަނުގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިމެނޭހެން، ބައެއް އިސްވެރިންގެ މައްޗަށް ކުރާ ދައުވާތަކެއް ވެސް މިހާރު ކޯޓުގައި ދަނީ ހިނގަމުންނެވެ. އަދި ބައެއް މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެފްއޭއެމްއިން އެކި ތަންތަނަށާއި މީހުންނަށް ދައްކަންޖެހޭ ފައިސާގެ އެކި މައްސަލަތަކާއި މީގެ ކުރިން އެފްއޭއެމްގެ މައްޗަށް ދައްކަން އަމުރުކޮށްފައިވާ ފައިސާ ނުދައްކައިގެން ހުކުމްތައް ތަންފީޒު ކުރުމުގެ އިތުރު މައްސަލަތައް ވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.

އެފްއޭއެމްއަށް ރައްދުވާ ފައިސާގެ ބޮޑެތި މައްސަލަތަކަކީ:

  • ސްޓެލްކޯއަށް ނުދައްކާ އޮތް 6.5 މިލިއަން ރުފިޔާ؛ އެ މައްސަލާގައި އެފްއޭއެމްގެ އިމާރާތުން ކަރަންޓު ކަނޑާލި

  • ކުޅުންތެރިންނަށް ލިބެން ޖެހޭ އިނާމު ފައިސާ

  • 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކޯޗު، ނެދަލެންޑްސްގެ ރެނޭ ހިޑިންކްއަށް ދޭން ޖެހޭ 2.9 މިލިއަން ރުފިޔާ

  • 2021 ވަނަ އަހަރު އޭޑީކޭ ހޮސްޕިޓަލުން ހޯދާފައިވާ ހިދުމަތްތަކުގެ ފައިސާ؛ އެ ތަނަށް ދައްކަން ޖެހޭ 1.7 މިލިއަން ރުފިޔާ މަސްދުވަހުގެ ތެރޭގައި ހަލާސް ކުރުމަށް މިދިޔަ އަހަރު ސިވިލް ކޯޓުން އަމުރުކުރި

  • އެފްއޭއެމް އިން އެޕޯލޯ ހޯލްޑިންސްއަށް ދައްކަން ޖެހޭ 13 މިލިއަން ރުފިޔާގެ ބަދަލުގައި ހުޅުމާލޭގެ ފުޓުބޯޅަ ޓްރެއިނިން ފެސިލިޓީން 5،000 އަކަ ފޫޓުގެ ބިމެއް 25 އަހަރަށް މިހާރު އޮތީ އެ ކުންފުންޏަށް ކުއްޔަށް ދީފައި

  • ބްރައިޓް ބްރަދާސްއަށް ދޭންޖެހޭ 170،000 ރުފިޔާ

  • ބީހައިވް ހޮޓެލްސްއަށް ދައްކަން ޖެހި ނުދައްކާ އޮތް 32،426 ޑޮލަރު (500،000 ރުފިޔާ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް