އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ތަށި އިންޑިއާ ކުޅުންތެރިން، ގަލޮޅު ދަނޑުގައި އުފުލާލަނީ: އެފްއޭއެމުން ދޭން ޖެހޭ ފައިސާގެ އިނާމު އަދިވެސް ނުދޭ -- (ފޮޓޯ/އިމޭޖްސް އެމްވީ)

އެފްއޭއެމް

އެފްއޭއެމް އޮތީ ސާފްއަށް ވެސް ދަރާފައި، އެއާ އެކު ބައްދަލުވުން ހޫނުވެއްޖެ

ރާއްޖޭގައި 2021ގައި ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ އަގާއި ޗެމްޕިއަން ޓީމަށް ލިބެން ޖެހޭ ފައިސާގެ އިނާމު ވެސް އެފްއޭއެމުން ދީފައެއް ނުވޭ
10 ޖޫން 2024

ރާއްޖޭގެ އެކި ތަންތަނަށް ދަރާފައި އޮތުމުގެ އިތުރުން ސަރަހައްދީ ފުޓްބޯޅަ ޖަމިއްޔާ ސާފްއަށް ވެސް އެފްއޭއެމް ދަރާފައި އޮތްކަން އެނގިއްޖެ އެވެ. ބަންގްލަދޭޝްގައި އިއްޔެ އޮތް ސާފްގެ އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރު ގައުމުތަކުގެ މެދުގައި އެފްއޭއެމްއާ މެދު ވަނީ ހޫނު ޒުވާބެއް ވެސް ހިނގައިފަ އެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ބަންގްލަދޭޝް ޕޯސްޓްއިން ރިޕޯޓްކުރި ގޮތުން ނަމަ 2021ގައި މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ އަގާއި ޗެމްޕިއަން ޓީމަށް ދޭން ޖެހޭ ފައިސާގެ އިނާމު ވެސް އެފްއޭއެމުން ދީފައެއް ނުވެ އެވެ. ސީދާ ވަކި އަދަދެއް ބުނެފައި ނުވިޔަސް އެ ނޫހުން ލިއެފައި ވަނީ 'އެކަށީގެންވާ ބޮޑު އެއްޗަކުން އެފްއޭއެމް ދަރާފައި އޮތް' ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ދެމުން އައީ 50،000 ޑޮލަރު (771،000ރ) އެވެ.

ރާއްޖޭގައި އޮތް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އިންޑިއާ އެވެ. މި މުބާރާތުގައި ވާދަކުރި ކޮންމެ ގައުމަކަށް ވެސް ބައިވެރިވުމުގެ ފީއެއް އެފްއޭއެމުން ދޭން ޖެހެ އެވެ. ނަމަވެސް އޭގެ އެއްވެސް ފައިސާއެއް ދައްކާފައި ނުވާތީ މެމްބަރު ގައުމުތަކުގެ ހިތްހަމަނުޖެހުން ބޮޑެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގައި ރާއްޖެއިން ފުރަތަމަ ގޯލް ޖެހުމުން ސަޕޯޓަރުން ފެންސު ފަޅާލާފަ ދަނޑައް އަރައިގަންނަނީ. (ދައުރު ފޮޓޯ/ އަބދުﷲ އަނޫފް ޖުނައިދު)

މީޑިއާ ރިޕޯޓް ބުނާ ގޮތުގައި މި ދަރަނި ނުދައްކައިގެން އެ މައްސަލައިގެ ތެރެއަށް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (އޭއެފްސީ) ވެސް ވަނީ ވައްދައިފަ އެވެ. އެކަމަކު ރާއްޖެއާ މެދު އަޅާނެ ފިޔަވަޅަކާ ދޭތެރޭ ގޮތެއް ނުނިންމެ އެވެ.

އޮންލައިންކޮށް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ، ބަންގްލަދޭޝް ޕޯސްޓްއިން ރިޕޯޓްކުރި ގޮތުގައި، ވަރަށް އަވަހަށް ދަރަނި ދައްކާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވި ކަަމަށް ވަނީ ކުރިއަށް އޮތް ތިން މަހެއްހާ ދުވަހުގެ ތެރޭގައި އެފްއޭއެމްގެ އާ އިންތިހާބު ބާއްވައި، ކަންކަން ހައްލުކުރެވޭނެ ކަމަށެވެ.

އެފްއޭއެމްއަށް ބޭރުން ލިބުނު ފައިސާ ބޭނުންކުރައްވައިގެން މަނީ ލޯންޑަރިން ހިންގެވިކަމުގެ ތުހުމަތުގައި ބައްސާމްގެ މައްޗަށް މިހާރު ވަނީ ދައުވާ ވެސް ކޮށްފަ އެވެ. އެ ޝަރީއަތް ނިމެންދެން އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ. 

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު އެފްއޭއެމް އިމާރާތުގެ ބޭރުގައި

އެފްއޭއެމްއަށް ދަރަނި ނުދެއްކޭ ނަމަ ސާފްގެ ހުރިހާ މުބާރާތަކުން ރާއްޖެ ސަސްޕެންޑްކުރުން ކައިރި އެވެ. ނަމަވެސް އެފަދަ ނިންމުމަކާ ހަމައަކަށް ސާފްއިން އަދި ނުދެ އެވެ.

އެފްއޭއެމްގެ އިންތިހާބު ބާއްވަން ދެ ފަހަރަށް ކުރި މަސައްކަތް ވެސް ވަނީ ފީފާ އާއި އޭއެފްސީގެ އެންގުމަށް ހުއްޓާލައިފަ އެވެ. ފުރަތަމަ އިއުލާންކުރި އިންތިހާބަށް ބައްސާމް ކުރިމައްޗެއް ނުލައްވަ އެވެ. ނަމަވެސް ދެވަނަ ފަހަރަށް އިއުލާންކުރުމުން އޭނާ ފޯމް ހުށައެޅުއްވި އެވެ. މި ދެ ފަހަރު ވެސް، އެފްއޭއެމްގެ މިހާރުގެ މެނޭޖްމަންޓްގެ ކެންޑިޑޭޓާ ވާދައަށް ނުކުންނެވީ، އެފްއޭއެމްގެ ކުރީގެ ރައީސް އަދި ގައުމީ ޓީމުގެ ކުރީގެ ފޯވަޑް، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް