ކަރެކްޝަންސްއިން ބަލަހައްޓަމުން އަންނަ މާފުށީ ޖަލު (ފައިލް ފޮޓޯ/ ޕީއެސްއެމް)
ޖަމީލުގެ މަރުގެ ތަހުގީގު އަވަސްކުރަން ޓްރާންސްޕޭރެންސީން ގޮވާލައިފިި
މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މިދިޔަ މަހުގެ 28 ވަނަ ދުވަހު މަރުވި މުހައްމަދު ޖަމީލްގެ މަރުގެ ތަހުގީގު އަވަސް ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަމާ ބެހޭ ފަރާތްތަކަށް މިއަދު ގޮވާލައިފި އެވެ.
ވީ ކިހިނެއް؟ - ޖަމީލުގެ މަރާ ގުޅިގެން ޓްރާންސްޕޭރެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހަކު ކުއްލިއަކަށް މަރުވުމަކީ އާއިލާ އާއި ރައްޔިތުން ވެސް ކަންބޮޑުވާނެ ކަމެއް ކަމަށެވެ.
ތަފްސީލް - ރާއްޖޭގެ ޖަލުތައް ހިންގުމުގެ ހާމަކަން އިތުރުކޮށް، ޖަވާބުދާރީވުން ކަށަވަރު ކުރުމަށް އެފަދަ މަރުގެ މައްސަލަތައް ވީހާ ވެސް އަވަހަކަށް ފުރިހަމައަށް ތަހުގީގު ކުރަން ޖެހޭ ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.
އެ ބަޔާނުގައި ބުނީ:
-
ރާއްޖޭގެ ޖަލުތަކުގައި ހުރި ނިޒާމީ ގޮތުން ފުރިހަމަ ނުވާ ކަންތައްތަކާއި އުނިކަންތައް ދެނެގަނެ، އެފަދަ މައްސަލަތައް ހައްލު ކުރުމަށް ދެމެހެއްޓެނިވި އިސްލާހީ ބަދަލުތައް ގެންނަން ޖެހޭ
-
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން، ހާއްސަކޮށް އެންމެ ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންނަށް ލިބެން ޖެހޭ ރައްކާތެރިކަމާއި މިނިވަންކަން ހިމާޔަތް ކުރަން ޖެހޭ
މީގެ އިތުރުން، ޖަލުގައި ތިބޭ މީހުންނާއި ބަންދުގައި ތިބޭ މީހުންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި ސިއްހީ ފަރުވާ ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުންޏެވެ.
"މުހައްމަދު ޖަމީލަކީ ނަފްސާނީ އެހީތެރިކަމާއި ފަރުވާ ބޭނުންވާ ފަރާތެއްކަން ދެނެގަނެވިފައި ވާއިރު، އޭނާއަށް އެންމެ ބޮޑަށް ބޭނުންވާ ނަފްސާނީ ސިއްހީ ފަރުވާ ދިނުމުގެ ބަދަލުގައި ޖަލުގައި ހައްޔަރުކުރެވި، ބެހެއްޓިފައިވާކަމީ މި ޖަމްއިއްޔާ އިން ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ،" އެ ބަޔާނުގައި ބުންޏެވެ.
މީގެ އިތުރުން، ޓްރާންސްޕޭރެންސީ އިން ވަނީ، ވަކި މުއްދަތެއް ނެތް ގޮތަށް "ވާނުވާ" ބަންދުގައި މީހުން ބޭތިއްބުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގެ މުހިއްމު އުސޫލުތަކާއި ހިލާފުކަމެއްކަން ފާހަގަކޮށްފަ އެވެ.
އެ ޖަމްއިއްޔާ އިން ވަނީ ޖަމީލުގެ މަރުގެ މައްސަލަ ތަހުގީގު ކުރަން އެޗްއާރުސީއެމްއަށް ވެސް ގޮވާލައިފަ އެވެ.