އެޗްއާރުސީއެމްއިން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ/ ޕީއެސްއެމް)

އެޗްއާރުސީއެމް

ޖަމީލުގެ މަރާ ގުޅިގެން މައުލޫމާތު އެއްކޮށް، ކަންކަން ބަލަން: އެޗްއާރުސީއެމް

އެ މަރާ ގުޅިގެން ކޮމިޝަނުން މިހާރު ވެސް ބައެއް މައުލޫމާތުތައް އެއްކޮށްފައިވާނެ ކަމަށް ބުނެފައިވޭ

ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ހުއްޓާ މަރުވި މުހައްމަދު ޖަމީލުގެ މަރާ ގުޅިގެން މައޫލޫމާތުތައް އެއްކޮށް، ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ހިއުމަން ރައިޓް ކޮމިޝަން (އެޗްއާރުސީއެމް)އިން ރޭ ބުނެފި އެވެ.

ވީ ކިިހިނެއް؟ - މިދިޔަ ބުދަ ދުވަހު މާފުށީ ޖަލުގެ ގޮޅީގައި ހުއްޓާ މަރުވި ޖަމީލުގެ މަރާ ގުޅިގެން އެޗްއާރުސީއެމްއިން އިއްޔެ ވަނީ އެކަން ހިނގިތާ ދެ ދުވަސް ފަހުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަފަ އެވެ.

 ތަފްސީލު - އެ ކޮމިޝަނުން ރޭ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ، ގައިދީއަކު މަރުވުމާ އެކު މަރުވި މީހާގެ ހަށިގަނޑު ބެލުމަށް އެޗްއާރުސީއެމްގެ ރެޕިޑް ރެސްޕޮންސް ޓީމު (އާރުއާރުޓީ) ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އެ އުސޫލުން ޖަމީލުގެ މަރުގެ މައްސަލައިގައިވެ ސް އަމަލުކޮށްފައިވާނެ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

"[ޖަމީލު] ނިޔާވި ހަބަރު ކޮމިޝަނަށް ލިބުމުން ކޮމިޝަނުގެ އާރުއާރުޓީއިން ވަގުތުން ހަރަކާތްތެރިވާން ފަށާފައިވެ އެވެ. މިގޮތުން، މުހައްމަދު ޖަމީލުގެ ހަށިގަނޑު ބަލައި ފޮޓޯ ނަގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ފަރާތުންނާއި އާއިލާގެ ފަރާތުން މައުލޫމާތު ސާފުކޮށް، މުހައްމަދު ޖަމީލްގެ މެޑިކަލް ފައިލް ބަލާފައިވާނެ އެވެ،" އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

އޭގެ އިތުރުން ވެސް މި މައްސަލައިގައި މިހާތަނަށް ކޮށްފައިވާ ބައެއް މަސައްކަތްތައް އެ ޕޯސްޓުގައި ހިމަނާފައިވެ އެވެ. އެގޮތުން، އެ ތަނުން ބުނީ:

  • މާފުށީ ޖަލަށް ޒިޔާރަތްކޮށް، މި ހާދިސާގެ ސީސީޓީވީ ފުޓޭޖު ބަލާފައި ވާނެ

  •  ޖަމީލު ހުރި ގޮޅި ބަލާފައި ވާނެ

  • އެ ޔުނިޓުގައި ތިބި ބަންދު މީހުންގެ ފަރާތުންނާއި ޖަމީލު ކުރިން ހުރި ގޮޅީގައި ތިބި ބަންދު މީހުންގެ ފަރާތުން މައުލޫމާތު ސާފުކޮށްފައިވާނެ

"މީގެ އިތުރުން ވެސް މި މައްސަލައިގައި ބަލަން ޖެހޭ އިތުރުކަންކަން ކޮމިޝަނުން ބަލަމުންދާ ވާހަކަ ދަންނަވަމެވެ،" އިތުރު ތަފްސީލެއް ނުދީ އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޖަމީލު މަރުވުމަށް ފަހު ހިނަވާގޭގައި އޮއްވާ ނަގާފައިވާ އޭނާ ހަށިގަނޑުގެ ފޮޓޯތަކެއް ވަނީ އާންމުވެފަ އެވެ. އޭގެން ފެންނަ ގޮތުގައި ހަށިގަނޑުގައި ކޮންމެވެސް ވަރެއްގެ ނިޝާންތަކެއް ފެންނަން ހުރި އެވެ. އަދި ހަށިގަނޑުގެ ކުލައަށް ބަދަލުތަކެއް އައިސްފައިވެ އެވެ. އެއާ އެކު، އޭނާގެ މަރާ ގުޅިގެން ކަރެކްޝަންސްތައް ތުހުމަތުތަކެއް ކުރެވުނެވެ.

ނަމަވެސް، މި މަރާ ގުޅިގެން ހޯމް މިނިސްޓްރީ އާއި ކަރެކްޝަންސް އަދި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތުހުމަތުތައް ދޮގުކޮށްފައިވެ އެވެ. އަދި މިއީ ގުދުރަތީ މަރެއް ކަމަށް އެ ތަނުން ވަނީ ބުނެފަ އެވެ.

މި މަރާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވެސް ވަނީ އިއްޔެ ކަންބޮޑުވުން ފާޅުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް