އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް (ކ) މިއަދު ވިދާޅުވީ ޖަމީލަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނެތް ކަމަށް (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ފުލުހުން

"ޖަމީލަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނެތް، ފޮޓޯއިން ފެންނަނީ މަރުވުމަށް ފަހު އަންނަ ބޮޑީ ޑިސްކަލަރޭޝަން"

ޖަމީލުގެ ހަށިގަނޑު ބެލި ޑޮކްޓަރުންނާއި، ފުލުހުންގެ ތަހުގީގުން ވެސް މީހަކު ގޯނާކޮށްފައިވާ ކަމަށް ނުދައްކާ ކަމަށް ފުލުހުން ބުނި

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ މަރުވި މުހައްމަދު ޖަމީލަށް އެއްވެސް ކަހަލަ ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަން ތަހުގީގުން ހާމަނުވާ ކަމަށާއި އާންމުވި ފޮޓޯތަކުން ފެންނަން އެހެރީ މަރުވުމަށް ފަހު ހަށިގަނޑަށް އަންނަ "ޑިސްކަލަރޭޝަން"ގެ ސަބަބުން ފެންނަން ހުރި ނިޝާންތަކެއް ކަމަށް ފުލުހުން މިއަދު ބުނެފި  އެވެ.

ވީ ކިހިނެއް؟ - ޖަލުގައި ޖަމީލަށް އަނިޔާކުރި ކަމަށް އާއިލާއިން ތުހުމަތުކުރާ ކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ރޭ ވަނީ ފެތުރިފަ އެވެ. އޭނާގެ މޫނާއި ގައިގެ އެހެން ބައެއް ހިސާބުތައް ނޫފައިގެންފައިވާ ނިޝާންތަކެއް ފެންނަ ފޮޓޯއެއް ވެސް އާންމުވި އެވެ.

ބުނީ ކީކޭ؟ - އެކަމާ ގުޅޭ ގޮތުން ހޯމްލޭންޑް ސެކިއުރިޓީން މިހާރު ކުރިއަށްގެންދާ ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޗީފް އިންސްޕެކްޓާ މުހައްމަދު ސާމިހް ވިދާޅުވީ ޖަމީލަށް ޖިސްމާނީ އަނިޔާއެއް ވެފައި ނެތް ކަމަށް އޭނާގެ ހަށިގަނޑު ބެލި ޑޮކްޓަރުން ވެސް ވިދާޅުވެފައިވާ ކަމަށެވެ.

"މިހާރު ފޮޓޯތަކުން ފެންނަން ތިހިރަ ނިޝާންތަކަކީ އިންސާނާ މަރުވުމަށް ފަހު އެ ހޭދަވާ ވަގުތުތައް، މީގެ ތެރެއަށް ވަރަށް ބައިވަރު ފެކްޓާސް ވެސް އެބަ ފޯލްވޭ. އޭގެތެރޭގައި ހޭދަވާ ވަގުތާއި، އޮންނަ ތަނާއި ތަނުގެ ޓެމްޕަރޭޗާ، އެތައް ކަމެއް އެބަ ހިމެނޭ. އާންމުވެގެން އުޅޭ ފޮޓޯތަކުން ފެންނަ ނުވަތަ ތަހުގީގަށް ފާހަގަކުރެވިފައި ހުރި ނިޝާންތަކަކީ އެއްވެސް ފަރާތެއްގެ ގޯނާއަކުން ލިބިފައި ހުރި ނިޝާންތަކެއް ނޫން،" ސާމިހް ވިދާޅުވި އެވެ.

"މިއީ މަރުވުމަށް ފަހު ހަށިގަނޑަށް އައިސް ހުންނަ ބަދަލުތަކާ އެކު އަންނަ ޗޭންޖެސް. މެޑިކަލް ޓާމްސް އިން ދަންނަވާ ނަމަ ބޮޑީ ޑިސްކަލަރޭޝަން، އާންމުވި ފޮޓޯތަކުން ފެންނަ ފަދައިން ބުރަކަށީގައި އެންމެ ބޮޑަށް އެހުރީ ޑިސްކަލަރޭޝަން. ދެންހުރި ނިޝާންތަކަކީ ސަޖިދައިގައި އެ ޕޯސްގައި އޮންނައިރު ގުނަވަންތައް އެޖެހިފައި ހުންނަ ތަންތަން އެ ޕްރެޝާއިން އައިސް ހުރި ޗޭންޖެސް."

މާފުށީ ސިއްހީ މަރުކަޒުން ޖަމީލުގެ މަރު ސާބިތުކުރުމަށް ފަހު އިތުރު ތަހުގީގަށް ވަނީ ހަށިގަނޑު މާލެ ގެނެސްފަ އެވެ. އަދި އައިޖީއެމްއެޗުން ޖަމީލުގެ ސީޓީ ސްކޭނެއް ހެދި ކަމަށާއި އޭގެ ނަތީޖާ ނުލިބޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިއަދުގެ ނޫސް ކޮންފަރެންސްގައި ވިދާޅުވި އެވެ.

އިހްސާން ވިދާޅުވީ ޖަމީލުގެ ޕޯސްޓްޕޯޓަމް ނުހަދަން ނިންމީ ފުލުހުންގެ ތަހުގީގާއި އެޗްއާރްސީމް އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް ޕޯސްޓްމޯޓަމް ހަދަން ޖެހޭ ހާލަތެއް ނެތް ކަމާއި ޖަމީލުގެ މަރަކީ ގުދުރަތީ މަރެއް ކަމަށް ޑޮކްޓަރުން ވެސް ނިންމާފައިވާތީ ކަމަށެވެ. ނަމަވެސް ހަށިގަނޑު އާއިލާއާ ހަވާލުކުރި ފަހުން ދައުރުވި ފޮޓޯތަކާ އެކު ޖަމީލުގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން އަލުން ނިންމި ނަމަވެސް އެއީ ގުދުރަތީ މަރެއް ކަމަށް އާާއިލާއިން ގަބޫލުކޮށް ޕޯސްޓްމޯޓަމް ހަދަން ބޭނުންނުވުމުން ވަޅުލަން ހުއްދަ ދިނީ ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ކަރެކްޝަނަލް އިން މިއަދު ބުނީ:

  • ޖަމީލު ބަހައްޓާފައި ހުރީ ސަރުކާރުގެ އިއްޒަތްތެރިން ކުރިން ޖަލަށް ހުކުމްކުރީމަ ބަހައްޓާ ޔުނިޓްތަކުގެ ގޮޅިތަކުގެ ގޮޅިއެއްގައި

  • ޔުނިޓުގައި ހުންނާނީ ކެމެރާ ހަރުކޮށްފައި، ފުރަތަމަ ކެމެރާ ޖަމީލު ހަލާކު ކުރުމުން ދެވަނަ ކެމެރާ ހަރުކުރި، އޭގައި ޖަމީލު ހުރީ ދަތްއުނގުޅާ ބޭސް ހާކާފައި

  • އެ ޔުނިޓް ހެނދުނު 7 އިން ރޭގަނޑު 9 އަށް ހުންނާނީ ހުޅުވާފައި. ގައިދީން ނުކުމެ އުޅޭނީ ޔާޑުގައި، އެއްކޮށް ބަންދުކޮށްފައި ހުންނަ ޔުނިޓެއް ނޫންވީމަ ގަޑިއަކު އެއްފަހަރު ސްޓޭޓަސްއެއް ނުބަލާނެ.

  • މަރުވި ދުވަހު ވެސް 7 ޖެހިއިރު ޔުނިޓް ހުޅުވި، އޭރު އިނީ ނަމާދަށް. 

  • 9:15ގައި ސައި ގެންދާ ގައިދީ ދިޔައިރު ވެސް ނަމާދަށް [ސަޖިދައިގައި] އޮތީމަ ސައި ހުރި ކަމަށް ބުނެފައި ދިޔައީ

  • ޖަމީލު ބޭރަށް ނުނުކުންނާތީ 11:34 ހާއިރު އޮފިސަރުން ގޮސް ބަލާފައި ޖަމީލަށް އެޓެންޑްވީ

ގުޅުން ހުރި ކަމެއް - ޖަމީލުގެ ނަފްސާނީ މައްސަލަތަކެއް ހުންނަ ކަމަށް ކަރެކްޝަންސް އާއި މީގެ ކުރިން ފުލުހުން ވެސް ބުނެފައިވެ އެވެ. 

މިއަދުގެ ނޫސްކޮންފަރެންސްގައި ފުލުހުން ވަނީ ޖަމީލުގެ އެންމެ ފަހުގެ ހަރަކާތްތައް ފެންނަ ސީސީޓީވީ ފޫޓޭޖެއް ވެސް އާންމުކޮށްފަ އެވެ. އެއިން ފެންނަ ގޮތުގައި ޖަމީލު ސަޖިދައަށް ގޮސް ތެދުވެފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް