119 ކިލޯގެ ޑްރަގް މައްސަލައިގައި ދައުވާ ސާބިތުނުވި ދެމީހުން (ކ-ވ): އަހުމަދު ސުނައިނު އަދި އަހުމަދު މުޖާހިދު

119 ކިލޯގެ ޑްރަގު މައްސަލަ: ސުނައިނުގެ ބައި އިސްތިއުނާފްކޮށް މުޖާހިދުގެ ބައި ދޫކޮށްލަން ނިންމައިފި

މުޖާހިދުގެ ބައި އިސްތިއުނާފު ނުކުރަން ނިންމި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނީ، އޭނާއާ ދެކޮޅަށް މައްސަލަ އިސްތިއުނާފް ކުރި ނަމަވެސް، ކުށް ސާބިތުނުވާ ކަމަށް ނިންމާފައިވާ ނިންމުމަށް ބަދަލުގެނެވިދާނެ ކަމަށް ނުފެނުން

ރާއްޖެއަށް 119 ކިލޯގެ ޑްރަގް އެތެރެކުރި މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުވާކޮށް ކުށް ސާބިތުނުވި ދެ މީހުންގެ ތެރެއިން އަހްމަދު ސުނައިނުގެ ބައި އިސްތިއުނާފްކޮށް، އަހްމަދު މުޖާހިދުގެ ބައި އިސްތިއުނާފްނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ޑިސެމްބަރު 2021ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ އެކި ސަރަހައްދުތަައް ބަލައި ފާސްކޮށް 119 ކިލޯގެ ޑްރަގް އަތުލައިގަތެވެ. އެގޮތުން މެރީ ބްރައުން ކައިރިން ދެ މީހަކު ޓެކްސީއެއްގައި މަސްތުވާތަކެތި ހިފައިގެން ދަތުރުކުރަނިކޮށް ޓެކްސީ ހުއްޓުވައި އޭގެ ތެރޭގައި ތިބި ތިން މީހުން ހައްޔަރުކުރި އެވެ. 

އެ ތިން މީހުންގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލި އެވެ.

ދައުވާ ކުރި މީހުންނަކީ:

  • އަހުމަދު މުޖާހިދު، 29 - ގދ. ހޯޑެއްދޫ/އަލޯރާ

  • އަލީ ޒުބައިރު، 52 - ގދ. ހޯޑެއްދޫ/ގުލޭނޫރަންމާގެ

  • އަހްމަދު ސުނައިނު، 25 - ގދ. ހޯޑެއްދޫ/އިރުމަތީގެ

މި ތިން މީހުންގެ ތެރެއިން ކުށް ސާބިތުވާ ކަމަށް މިދިޔަ މާޗުމަހު ކްރިމިނަލް ކޯޓުން ހުކުމްކުރީ ޒުބައިރުގެ މައްޗަށް އެކަންޏެވެ. އެ މައްސަލާގައި ދެން ހިމެނޭ ސުނައިނާއި މުޖާހިދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.

ތަފްސީލް - ޕީޖީ އޮފީހުން މިއަދު 'ދައުރު' އަށް ބުނިގޮތުގައި ސުނައިނާ ދެކޮޅަށް މައްސަލަ އިސްތިއުނާފް ކުރަން ނިންމީ، އޭނާގެ ބައިގައި ހުކުމަށް ވާސިލުވި ސަބަބުތަކާއި މައްސަލައިގައި ލިބިފައިވާ ހެކި ގަރީނާއަށް ރިއާޔަތްކޮށެވެ.

އަދި މުޖާހިދުގެ ބައި އިސްތިއުނާފުނުކުރަން ނިންމި ސަބަބެއް ކަމަށް ބުނީ، އޭނާއާ ދެކޮޅަށް މައްސަލަ އިސްތިއުނާފް ކުރި ނަމަވެސް، ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލުގެނެވިދާނެ ކަމަށް ޕީޖީ އޮފީހަށް ނުފެނުމެވެ. 

ސުނައިންގެ މައްސަލަ އިސްތިއުނާފްކުރަން އަދި ހައި ކޯޓަށް ހުށައެއްނާޅަ އެވެެ. މި މައްސަލައިގެ އިސްތިއުނާފު މުއްދަތު ހަމަވާނީ އަންނަ ހަފްތާގެ ހޯމަ ދުވަހަށެވެ.

ޕީޖީ އޮފީހުން ބުނީ އެ ތާރީހުގެ ކުރިން އިސްތިއުނާފް ހުށަހަޅާނެ ކަމަށެވެ.

އެނގުން މުހިންމު - މާލޭގެ ހަ އެޕާޓްމެންޓެއް ބަލައި ނުވަ ކިލޯގެ ޑްރަގް އަތުލައިގަތް މައްސަލައެއްގައި ޒުބެއިރާއި ސުނެއިނުގެ މައްޗަށް މީގެ ކުރިން ވެސް ޑްރަގް ޓްރެފިކިންގެ ދައުވާ ކުރި ނަމަވެސް ދައުވާ ސާބިތެއް ނުވެ އެވެ. މި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އެ މީހުން ހައްޔަރުކުރީ 2020 ވަނަ އަހަރު ކުރި ކުރީގެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ދޫކޮށްލާފައި ތިއްބަ އެވެ. 

މި މައްސަލާގައި ސުނޭނު އާއި މުޖާހިދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް އެ ތިން މީހުން މަސްތުވާތަކެތި ހިފައިގެން މާލޭގެ އެކި ސަރަހައްދުތަކުގައި އުޅޭ ކަމަށް ބެލެވޭ ހަތް ފުޓޭޖެއް ފުލުހުން ހުށަހެޅި އެވެ. ނަމަވެސް، އެ ފުޓޭޖުތަކަށް ކްރިމިނަލް ކޯޓުން ބުރަދަނެއް ނުދިން ސަބަބެއް ކަމަށް ހުކުމުގައި ބުނެފައިވަނީ، އެއީ ޖުމްލަ ގޮތެއްގައި ސާފު ފުޓޭޖުތަކެއް ނަމަވެސް ބައެއް މަންޒަރުތައް މީހަކު އަޅާބެލުމަށް އެކަށީގެންވާ މިންވަރަށް ސާފު ނުވުމެވެ.

މީގެ އިތުރުން، މައްސަލާގައި ހުށަހަޅާފައިވާ ކޯލް ރިކޯޑްތަކާއި އިންޓެލިޖެންސް ރިޕޯޓަށް ވެސް ކޯޓުން ބުރަދަނެއް ދީފައިނުވާއިރު، މި ހުކުމާ އެކު ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވަނީ، އެ މައްސަލާގައި ހިމެނޭ އެންމެންގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ހުންނާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް