މެނިންގޯކޮކަލް ބަލިން ދިފާއުވުމަށް ޖަހާ ވެކްސިން. މި ވެކްސިން ޖަހަން ޖެހެނީ ހަމައެކަނި ހައި-ރިސްކު މީހުން ކަމަށް ހެލްތު މިނިސްޓްރީން ބުނޭ.
މެނިންގޯކޮކަލް ބަލި ނުފެތުރޭ، ވެކްސިން ޖަހަން ޖެހެނީ ހައި-ރިސްކު ނަމަ: ހެލްތު މިނިސްޓްރީ
މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ރާއްޖެއިން ފެނުނު ނަމަވެސް އެ ބަލި ރާއްޖޭގައި ފެތުރެމުން ނުދާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
މައްސަލައިގެ ފެށުން - ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނިފައިވަނީ ހައްޖުގެ އަޅުކަމަށްފަހު ރާއްޖެ އައި މީހެއްގެ ފަރާތުންނެވެ. އެފަދަ ކޭސްއެއް އުޅޭކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަށަވަރު ކޮށްދިނީ އަންގާރަ ދުވަހުގެ ރެ އެވެ.
އެއާއެކު، އެ އިދާރާއިން ދަނީ ކޮންޓެކްޓް ޓްރޭސިން ހަދާ، ބަލިމީހުންނާ ކޮންޓެކްޓް ވެފައިވާ ފަރާތްތަކަށް ދޭން ޖެހޭ ޕްރޮފައިލެކްޓިކް ބޭސް ދެމުންނެވެ.
ވީ ކިހިނެއް؟ - ހެލްތު މިނިސްޓްރީން މިއަދު 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ވާގޮތުން، މިހާތަނަށް ބެލި ބެލުމުން، ރާއްޖޭގައި މެނިންގޯކޮކަލް ބަލި ފެތުރިފައެއް ނުވެ އެވެ.
ތަފްސީލް - ބަލި ފެތުރެމުން ނުދާތީ، މިނިސްޓްރީން ބުނީ، އާންމުންނާއި ސިއްހީ ދާއިރާގެ މަސައްކަތްތެރިން މެނިންޖައިޓިސް ވެކްސިން ޖަހަން ނުޖެހޭ ކަމަށެވެ. ނަމަވެސް ނުރައްކަލަށް ހުށަހެޅިފައިވާ ނުވަތަ 'ހައި-ރިސްކު' މީހުން ވެކްސިން ޖަހަން މިނިސްޓްރީން ލަފާދެ އެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި ހައި-ރިސްކު މީހުންގެ ތެރޭގައި ހިމެނެނީ:
-
ހައްޖަށް ނުވަތަ އުމްރާއަށް ނުވަތަ އެ ނޫން ވެސް އެހެން ބޭނުމަކަށް މެނިންގޯކޮކަލް ބަލި ގިނަ ގައުމުތަކަށް ދަތުރުކުރާ މީހުން
-
ހާއްސަ ހާލަތްތަކެއް ދިމާވެފައިވާ މީހުން؛ ނަމަވެސް އެ ހާލަތްތަކަކީ ކޮބައިކަން މިނިސްޓްރީން ތަފްސީލެއް ނުކޮށްދޭ
🔸Invasive Meningococcal Disease.
— Ministry of Health (@MoHmv) June 27, 2024
Who should get vaccinated? #Invasivemeningococcaldisease @HPA_MV pic.twitter.com/DgMebJyOg6
އެނގުން މުހިއްމު - އިންވޭސިވް މެނިންގޯކޮކަލް ބަލި ޖެހިފައިވާ މީހާއާ އެކު ގިނަ ވަގުތުތަކެއްގައި އެންމެ ގާތްކޮށް އުޅޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ބަލި ޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދު އެވެ.
ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ 'ކްލޯޒް ކޮންޓެކްޓް' އެއް ކަމަށް ބެލެވޭނީ، އެޗްޕީއޭ އިން ބުނި ގޮތުގައި، ހަމައެކަނި:
-
ބަލިމީހުންނާ އެކު އެއް ގެއެއްގައި ދިރިއުޅޭ މީހުން
-
ބަލިމީހާއާ އެކު މަތިންދާބޯޓުން ނުވަތަ ބަހުގައި ވަރަށް ގިނައިރު ވަންދެން ދަތުރުކޮށްފައިވާ މީހުން
-
ބަލިމީހާގެ ކުޅު ފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔައަކަށް ހުށަހެޅިފައިވާ މީހުން
މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދެ އެވެ. މެނިންޖައިޓިސް ވެކްސިން އިން ހަށިގަނޑުގެ ދިފާއީ ބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގާ ކަމަށާއި މި ބަލިން ރައްކާތެރިވުމަށް މަދުވެގެން ދެ ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭ އިން ބުނެފައިވެ އެވެ.
އެހެންކަމުން، މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ވެކްސިން ނުޖެހޭ، ނުވަތަ ވެކްސިން ޖެހުމަށްް ފަހު ފުރުމާ ދެމެދު ދެ ހަފްތާ ހަމަނުވާ މީހަކަށްް މި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެ އެވެ.
އިންވޭސިވް މެނިންގޯކޮކަލްގެ އަލާމާތްތައް:
-
ބޮލުގައި ރިއްސުން
-
ކަނދުރާ ވާންވުން
-
މޭނުބައިކޮށް ހޮޑުލެވުން
-
ވާނުވާ ނޭނގޭ ގޮތްވުން
-
ގައިގައި ރަތް ބިހި ނުވަތަ ލައްތަކެއް ހުރުން
-
ފިޓުޖެހުން
-
އަލި ގަދަވުމުން އުނދަގޫވުން
-
ވަރުދެރަވުން
-
ނޭވާ އަވަސްވުން