މި މަހު ކުރިއަށްދިޔަ ހައްޖުގެ އަޅުކަމަށް ފަހު ހައްޖުވެރިން އެނބުރި މާލެ އައުން: ވެކްސިން ޖެހުމަށްް ފަހު ހައްޖަށް ފުރުމާ ދެމެދު ދެ ހަފްތާ ހަމަނުވާ މީހަކަށްް ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސްކުރޭ. (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)
މެނިންގޯކޮކަލް ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދަނީ
ރާއްޖެއިން މެނިންޖައިޓިސްގެ ވައްތަރެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލްގެ ބަލިމީހަކު ފެނުމާ ގުޅިގެން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ އިން) މިރޭ ބުނެފި އެވެ.
އެ އިދާރާއިން މިރޭ އެކްސްގައި ބުނިގޮތުގައި އެ ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ދަނީ އަޅަމުންނެވެ.
ފާހަގަކޮށްލެވޭ - ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނިފައިވާކަން އެޗްޕީއޭ އިން ކަށަވަރުކޮށްދީފައިވާ އިރު، އަޑުފެތުރިފައިވާ ގޮތުގައި އެ ބަލި ޖެހިފައިވަނީ ހައްޖުގެ އަޅުކަން ނިންމާލުމަށް ފަހު އެނބުރި އައިތަނާ ބަލި ހާލަތު ދަށްވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިއަދު ހަވީރު ނިޔާވި ފުޓުބޯޅަ ތަރި މުހައްމަދު އާރިފް (ބަކާ) އަށެވެ.
ތަފްސީލް - އެޗްޕީއޭ އިން ބުނިގޮތުގައި މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދެ އެވެ. މެނިންޖައިޓިސް ވެކްސިން އިން ހަށިގަނޑުގެ ދިފާއީ ބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގާ ކަމަށާއި މި ބަލިން ރައްކާތެރިވުމަށް މަދުވެގެން ދެ ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
އެނގުން މުހިއްމު - ބަލި ޖެހުނު މީހާ ވެކްސިން ޖަހާފައިވޭތޯ ސުވާލުކުރުމުން އެޗްޕީއޭ އިން ވަނީ ޖަވާބު ދޭން އުޒުރުވެރިވެފަ އެވެ. އެ އިދާރާއިން ބުނިގޮތުގައި ވެކްސިން ޖެހުމާ ބެހޭ ތަފްސީލްތަކަކީ ވަކިވަކި ފަރުދުންގެ ޒާތީ މައުލޫމާތަކަށް ވާތީ އެކަން ހާމައެއް ނުކުރެވޭނެ އެވެ.
މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެއްވެސް ސަބަބަކާ ހުރެ ވެކްސިން ނުޖެހޭ، ނުވަތަ ވެކްސިން ޖެހުމަށްް ފަހު ފުރުމާ ދެމެދު ދެ ހަފްތާ ހަމަނުވާ މީހަކަށްް މި ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސްކުރި އެވެ.
އެނގުން މުހިއްމު - އިންވޭސިވް މެނިންގޯކޮކަލް ބަލި ޖެހިފައިވާ މީހާއާ އެކު ގިނަ ވަގުތުތަކެއްގައި އެންމެ ގާތްކޮށް އުޅޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ބަލި ޖެހޭތާ އެއް ދުވަހާއި 10 ދުވަހާ ދެމެދު އެވެ.
އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން މިހާރު ކުރަމުންދާ ކަންތައްތަކުގެ ތެރޭގައި އެޗްޕީއޭ އިން ފާހަގަކުރީ:
-
ކަމާ ބެހޭ މައުލޫމާތު އެއްކުރުން
-
ކޮންޓެކްޓް ޓްރޭސިން ހެދުން
-
ބަލީމީހާއާ ކޮންޓެކްޓްވީ މީހުންނަށް މައުލޫމާތު ދިނުން
-
ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށް ދޭ ޕްރޮފައިލެކްޓިކް ބޭސް ދިނުން
ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ 'ކްލޯޒް ކޮންޓެކްޓް' އެއް ކަމަށް ބެލެވޭނީ، އެޗްޕީއޭ އިން ބުނި ގޮތުގައި، ހަމައެކަނި:
-
ބަލިމީހުންނާ އެކު އެއް ގެއެއްގައި ދިރިއުޅޭ މީހުން
-
ބަލިމީހާއާއެކު މަތިންދާބޯޓުން ނުވަތަ ބަހުގައި ވަރަށް ގިނައިރު ވަންދެން ދަތުރުކޮށްފައިވާ މީހުން
-
ބަލިމީހާގެ ކުޅު ފަދަ ނޭވާލާ ނިޒާމުން އުފެދޭ ދިޔަ އަކަށް ހުށަހެޅިފައިވާ މީހުން
އެޗްޕީއޭ އިން ބުނި ގޮތުގައި ބަލި މީހާއާ އެކު އެއް ފެން ފުޅިއަކުން ފެން ބޮއެ، އެކުގައި ކައިބޮއި ހަދާފައިވާ މީހުންނާއި ބަލި މީހާއާ ކުޑަ ވަގުތުކޮޅަކަށް ދިމާވެފައިވާ މީހުން އަދި ބަަލި މީހާގެ ކޮންޓެކްޓުންނާ ދިމާވެފައިވާ މީހުންނަކީ 'ކްލޯޒް ކޮންޓެކްޓް' އެއް ކަމަކަށް ނުބެލެވޭނެ އެވެ.
🔸އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ވަނީ ފެށިފައެވެ. pic.twitter.com/jt7dtzmKXI
— Health Protection Agency (@HPA_MV) June 25, 2024
އިންވޭސިވް މެނިންގޯކޮކަލްގެ އަލާމާތްތައް:
-
ބޮލުގައި ރިއްސުން
-
ކަނދުރާ ވާންވުން
-
މޭނުބައިކޮށް ހޮޑުލެވުން
-
ވާނުވާ ނޭނގޭ ގޮތްވުން
-
ގައިގައި ރަތް ބިހި ނުވަތަ ލައްތަކެއް ހުރުން
-
ފިޓުޖެހުން
-
އަލި ގަދަވުމުން އުނދަގޫވުން
-
ވަރުދެރަވުން
-
ނޭވާ އަވަސްވުން
ގުޅުންހުރި - މޯލްޑިވްސް ހައްޖު ކޯޕަރޭޝަން އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި، އެ ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިޔަ ހުރިހާ އެންމެން ވެސް މެނިންޖައިޓިސް ވެކްސިން ޖަހާފައިވާ ކަމުގެ ޔަގީންކަން ދިނެވެ.
އެނގުން މުހިއްމު - އައިސީޔޫގައި ފަރުވާދެނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވި އާރިފް ހައްޖަށް ދިޔައީ ސައުދީ ރަސްގެފާނުގެ ހާއްސަ ދައުވަތުގައި ސައުދީ އެމްބަސީން ހައްޖަށް ފޮނުވި މީހުންގެ ތެރޭގަ އެވެ.