މެނިންގޯކަލް ޖެހިފައިވާ މީހެއްގެ ފައި: މިއީ ފުރާނައަށް ނުރައްކާތެރި ބައްޔެއް

ސިއްހަތު

އިންވޭސިވް މެނިންގޯކޮކަލް: ކިހާ ނުރައްކާތެރި ބައްޔެއް؟

ބަލީގެ ނުުރައްކާ އެންމެ ބޮޑީ ދިފާއީ ނިޒާމު ދަށް މީހުންނަށް

މިއީ ގައިން ގަޔަށް އަރާ، މެނިންގޯކަލް ބަލި ރާއްޖޭން ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ؛ އެކަމަކު އަހަރުތަކަކަށް ފަހު އަނެއްކާ ވެސް އެ ބަލި ފެނި އަދި ބަލީގައި މީހަކު މަރުވުމާ އެކު އެކަމުގެ ބިރުވެރިކަން އާއްމުންގެ މެދުގައި ވަނީ އުފެދިފަ އެވެ.

ކިހާ ނުރައްކާތެރި ބައްޔެއް؟

ހައްޖުގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އައި، މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް ނިއާވީ، މި ބަލީގައި ކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އަޅުކަމަށް ފަހު އޭނާ އެނބުރި ރާއްޖެ އައިތާ ވާނީ ދުވަސްކޮޅެކެވެ. ބަލި ޖެހުމަށް ފަހު، މީހާގެ ފުރާނައަށް ވެސް ނުރައްކާވާން ނަގަނީ މަދު ދުވަސްކޮޅެއް، އަދި ބައެއް ހާލަތްތަކުގައި މަދު ގަޑިއިރުތަކެކެވެ.

މިހާ ނުރައްކާތެރި ބައްޔަކަށް މެނިންގޯކަލް ވަނީ ވެސް މަދު ވަގުތުކޮޅެއްގެ ތެރޭގައި މަރާ ހަނގުރާމަ ކުރަން ޖެހޭތީ އެވެ.

ބަލީގެ ދިރާސާތައް ބަޔާންކޮށްފައިވާ ބައެއް ކަރުދާސްތަކުގައި ބުނާގޮތުގައި މެނިންގޮކޯކަލް ޖެހެނީ ނިސޭރިއާ މެނިންޖިޓައިޑިސް ކިޔާ ބެކްޓީރިއާއަކުންނެވެ. މީގެން އެންމެ އާއްމުކޮށް ފެންނަނީ މެނިންޖައިޓިސް އާއި އެ ބެކްޓީިރިއާއިން ލޭގައި އުފައްދާ އިންފެކްޝަނެކެވެ.

މެނިންގޮކޯކަލް މެނިންޖައިޓިސްގެ ހަމަލާ އެންމެ ފުރަތަމަ ވެސް އަމާޒުވަނީ ސިކުނޑި އާއި މައިބަދައިގެ ވަށައިގެންވާ ފަށަލަ އަށެވެ. މި ބެކްޓީރިއާގެ އަސަރު ސިކުނޑިއާއި ބުރަކަށީގެ ސްޕައިނަލް ކޯޑަށް ކުރުމުން ވަރަށް ބޮޑަށް އިންފެކްޓްވެ ދުޅަވެ އެވެ.

ބަލީގެ ނުރައްކާ އެންމެ ބޮޑީ ކޮން ބަޔަކަށް؟

ކުޑަކުދިންނާއި ދިފާއީ ނިޒާމު ދަށް މީހުންނަށް މި ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑު ނަމަވެސް ކޮންމެ އުމުރެއްގެ މީހަކަށް ވެސް މި ބަލި ޖެހިދާނެ އެވެ. އެގޮތުން؛

  • އުމުރުން ދުވަސްވީ މީހުން

  • އަހަރު ނުވާ ތުއްތު ކުދިން

  • އުމުރުން 16 އަހަރާއި 23 އަހަރާއި ދެމެދުގެ ޒުވާނުން

  • ދާއިމީ ބޭސް ކާ މީހުންނާއި އެހެން ބަލިތަކުގައި އުޅޭ މީހުން

  • ބަލި ޖެހިފައިވާ މީހުންނާ އެންމެ ގައިގޯޅިކޮށް އުޅޭ މީހުން

ބަލީގެ ފުރަތަމަ އަލާމާތްތަކަކީ ހަމަ ގިނަ ބަލިތަކުގެ ވެސް އަލާމާތްތަކެކެވެ. އެހެންވެ، ފުރަތަމަކޮޅު ބަލި ދެނެގަންނަން އުނދަގޫވެ އެވެ. 

މެނިންގޯކަލް ޖެހުމުން ފެންނާނެ ބައެއް އަލާމާތްތައް

ބަލީގެ އަލާމާތްތަކަކީ؟

  • ހުން އައުން އަދި ހޮޑުލުން

  • ނިދި ގިނަވުން، ނުވަތަ ހޭލަން އުނދަގޫވުން

  • އަބަދު ވަރުބަލިވެފައި ހުރުން

  • ބޮލުގައި ރިއްސާ ވާނުވާ އޮޅޭގޮތްވުން

  • އަވަސް އަވަހަށް ނޭވާލުން ނުވަތަ ނޭވާލާން އުނދަގޫވުން

  • ކަރު އަނބުރާ ހަދަން އުނދަގޫވުން

  • ގައިގެ އެކިތަންތަނާއި ހުޅުތަކުގައި ރިއްސުން

  • އަތްފައި ފިނިވުން

  • މި ނޫން ވެސް އަލާމާތްތައް ހުރޭ

ބަލި ފެތުރެނީ ކިހިނެއް؟ އަދި ރައްކާތެރިވާނީ ކިހިނެއް؟

މި ބަލި ފެތުރެނީ، ބަލި ޖެހިފައިވާ މީހާގެ ކުޅުންނެވެ. އެހެންވެ، ކެއްސާ ކިނބިހި އަޅާއިރު މާސްކް އަޅައިގެން އުޅުން މުހިއްމެވެ. އެކަމަކު މިއީ ކުޅުންފެތުރޭ ބައްޔަކަށް ވުމުން، އާއްމު ގޮތެއްގައި، އެހާ ފަސޭހައިން ފެތުރޭ ބައްޔެއް ނޫނެވެ. ބަލިމީހާ އާ އެކު ގިނަ ވަގުތު ހޭދަކުރާ މީހުންނަށް އަދި އޭނާއާ ގައިގޯޅިވެ އުޅުނު މީހުންނަށް ފުރުސަތު ބޮޑެވެ.

ބަލިން ރައްކާތެރިވުމަށް، ބައްޔަށް ހާއްސަ ވެކްސިން ޖެހުން މުހިއްމެވެ. ހާއްސަކޮށް ބައްޔަށް ހުށަހެޅިއްޖެ ނަމަ، ނުވަތަ ފެތުރެމުންދާ ނަމަ، ނުރައްކާ ބޮޑު އުމުރު ފުރާތަކުގެ މީހުންނަށް ވެކްސިން ދިނުން މުހިއްމެވެ. އެކަމަކު ވެކްސިންގެ އަސަރު ހަށިގަނޑަށް ކުރަން ދެ ހަފުތާވަރު ނަގަ އެވެ.

ބައްޔަށް ހުށަހެޅިފައިވާ މީހުންނަށް، ދެން ދެނީ އެންޓި ބަޔަޓިކްސް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް