ފިނޭންސް މިނިސްޓަރު ޑރ. ޝަފީގް މީގެ ކުރިން ބޭއްވެވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން ދެން؛ އިސްލާހީ ފިޔަވަޅުތަކާ އެކު ރޭޓިން ރަނގަޅުވާނެ: މާލީ ވުޒާރާ
ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކޭ ހާލަތަކަށް ރާއްޖެ ދިއުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ބަލައި ރާއްޖޭގެ ރޭޓިން، ފިޗުން މިއަދު ދައްކުރި ނަމަވެސް ބަރާބަރަށް ދަރަނި ދެއްކޭނޭ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ދީފި އެވެ.
ވީ ކިހިނެއް؟ - ފިޗުން މިއަދު ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު ވަނީ "ބީ މައިނަސް"އިން "ސީސީސީ ޕްލަސް"އަށް ދަށްކޮށްފަ އެވެ. އެ ރޭޓިންއަކީ:
-
ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑު ގައުމުތަކަށް ދޭ ރޭޓިންއެއް
ފިޗްގެ އެ ރޭޓިންއާ ގުޅިގެން މާލީ ވުޒާރާއިން މިރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.
ފިޗްގެ ރޭޓީންތައް -
ތަފްސީލް - އެ ބަޔާނުގައި މާލީ ވުޒާރާއިން ބުނީ ދައުލަތުގެ ހަރަދާއި އާމްދަނީގެ ސިޔާސަތު ނުވަތަ ފިސްކަލް ސިޔާސަތަށް ގެންނަން ސަރުކާރުން ވިސްނަމުން އަންނަ އިސްލާހީ ބަދަލުތަކާ އެކު ހަރަދުތައް ހަމަޖައްސަން ބޭރުގެ އެކި ފަރާތްތަކުން ހޯދަން ޖެހޭ ފައިސާގެ އަދަދު ދަށްވެ ދަރަނީގެ ހާލަތު ރަނގަޅުވާނޭ ކަމަށް ފިޗުން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ.
މާލީ ވުޒާރާއިން އަދި ބުނީ:
-
އެކަން ތަންފީޒުކުރުުމުގެ ގޮތުން ސަރުކާރުގެ ހަރަދުތައް ކުޑަކޮށް އަދި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި އަޅަން ނިންމާފައިވާ ކަމަށް
"ދަރަނީގެ ހާލަތު ރަނގަޅު ކުރަން އަމާޒުކޮށްގެން ހަރަދާއި އާމްދަނީގެ ސިޔާސަތަށް ގެންނަ ބަދަލުތަކާ އެކު، އަދި އިގްތިސާދު ސިންދަފާތު ކުރުމާއި ބޭރުގެ ލޮޅުންތަކުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރަން ކުރާ މަސައްކަތުގެ ސަބަބުން ފިޗުގެ ރޭޓިން ދެން މުރާޖައާކުރާއިރު ހެޔޮ ބަދަލެއް އަންނާނެ،" އިނގިރޭސިން ނެރުނު މާލީ ވުޒާރާގެ އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރަށް މާލީ ވުޒާރާއިން ދިން ޔަގީންކަމަކީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި މުސްތަގުބަލު ރަނގަޅުވާނެ ކަމެވެ. އަދި އެ ޔަގީންކަން ބޭރުގެ އެންމެހާ ފަރާތްތަކަށް ދޭ ކަމަށް ވެސް މާލީ ވުޒާރާއިން ބުންޏެވެ. މާލީ ވުޒާރާއިން ބުނި ގޮތުގައި ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ވާނީ އިގްތިސާދީ ކުރިއެރުން ދެމެހެއްޓޭނޭ ގޮތެއްގެ މައްޗަށެވެ.
"ސަރުކާރުން ހުރިހާ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިތައް ވެސް ކަނޑައަޅާފައިވާ މުއްދަތުތަކުގައި ދައްކަމުން ދާނޭ ކަމުގެ ޔަގީންކަން އަރުވަމެވެ." ބަޔާނުގައިވެ އެވެ.
ފާހަގަކޮށްލެވޭ - ފިޗުން މިއަދު ރާއްޖޭގެ ރޭޓިން ދައްކުރި މައިގަނޑު ސަބަބުތަކަކީ:
-
ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފައިސާ ހޯދުމަށް ހުރި ހުރަސްތައް އިތުރުވުން
-
ރާއްޖޭގެ ދަރަންޏާއި މާލީ ހާލަތު ނާޒުކުވަމުން ދިޔުން
ސީސީސީ ޕްލަސް ރޭޓިންއާ އެކު ބޭރުން ފައިސާ ހޯދަން ރާއްޖެއިން ވިއްކާ ބޮންޑުތަކުގެ އިންޓަރެސްޓް ރޭޓް ބޮޑުވެ އަދި މިފަދަ ބޮންޑުތަކަށް އިންވެސްޓް ކުރަން މީހުންގެ ޝައުގުވެރިކަން ކުޑަވެގެން ދާނެ އެވެ.
ކޮމެންޓް (2)
މުޝާރަކާ
މުދާރަބާ