ވީއައިއޭގައި ޓޫރިސްޓުންތަކެއް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ޓޫރިޒަމް ރަނގަޅުވުމުން ފިޗް ރޭޓިންގައި ރާއްޖެއަށް ކުރިއެރުން ލިބިއްޖެ
ކޮވިޑަށް ފަހު ރާއްޖޭގެ ޓޫރިޒަމް ލަފާކުރި ވަރަށް ވުރެ މާ ބާރަށް ކުރިއަރަމުން އަންނާތީ އާއި ރާއްޖޭގެ ދަރަނީގެ ހާލަތަށް ކުރިއަށް އޮތް ތަނުގައި ކުރިއެރުން ލިބޭނޭ ކަމަށް ލަފާ ކުރެވޭތީ ކްރެޑިޓް ރޭޓިން ކުންފުނި ފިޗުން ރާއްޖޭގެ ރޭޓިން "ސީސީސީ" އިން "ބީ މައިނަސް"އަށް މައްޗަށް ޖައްސައިފި އެވެ.
މުހިންމުވަނީ ކީއްވެ؟ - ދުނިޔޭގެ އެންމެ އިތުބާރު ހިފޭ އެއް ކްރެޑިޓް ރޭޓިން ކުންފުނި ފިޗްގެ ރޭޓިން ރާއްޖެއަށް މުހިންމު ވަނީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ލޯނުތައް ދިނުމާއި އިންވެސްޓް ކުރުމުގައި މި ރޭޓިންއަށް ބަލާނެތީ އެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދި އަދި މާލީ ހާލަތު ބޭރަށް ދައްކުވައިދޭ މިންގަނޑެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފިޗުން ވަނީ ދަރަނި ނުދެއްކިގެން މާލީ ހާލަތު ގޯސްވެފައިވާ ގައުމުތަކަށް ދޭ ރޭޓިން، ސީސީސީއަށް ރާއްޖޭގެ ރޭޓިން ވައްޓާލައިފަ އެވެ.
މިފަހަރު ދިން "ބީ މައިނަސް" ރޭޓިން އަކީ ކޮބާ؟
-
ރިސްކުތައް ހުރި ނަމަވެސް ރާއްޖޭގެ މާލީ ހާލަތު ނުރައްކާ ނޫންކަން
-
އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާ ބަރާބަރަށް ދެއްކޭނެކަން
-
މުސްތަގުބަލުގައި ވިޔަފާރި އާއި އިގްތިސާދަށް ހުރި ރިސްކުތައް ބޮޑު ނަމަވެސް ފޯކާސްޓް ރަނގަޅު
ފިޗްގެ ބަސް - އަހަރެއްހާ ދުވަސް ފަހުން ފިޗުން ރާއްޖޭގެ ހާލަތު ބެލުމަށް ފަހު "ބީ މައިނަސް"އަށް ރާއްޖޭގެ ރޭޓިން ރަނގަޅު ކުރި ސަބަބުތަކުގެ ގޮތުގައި އެ އެޖެންސީން ފާހަގަކުރީ:
-
ކޮވިޑުގެ ކުރިން ރާއްޖޭގެ ޓޫރިޒަމް ހުރިވަރުގެ %70 އަށް ޓޫރިޒަމް ރަނގަޅުވެފައި ވާތީ
-
ބެޑް ނައިޓްސް ލަފާކުރި ވަރަށް ވުރެ ބޮޑަށް ކުރިއެރި އަދި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ދުވަސް އިތުރުވި
-
އަންނަ އަހަރު ޓޫރިޒަމް %80އަށް ރަނގަޅުވާނެ؛ 2023ގައި އެއްކޮށް ރިކަވާ ވާނެ
-
ސްކޫކު ބޮންޑެއް ވިއްކާ އަންނަ އަހަރު ޖުލައިގައި ފައިސާ ދައްކަން ޖެހޭ ޑޮލަރު ބޮންޑެއްގެ ފައިސާ ހަލާސްކުރުން
-
ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި އަންނަ އަހަރު %107.6 ކުޑަކުރެވޭނެ
-
ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖިޑީޕީ އަންނަ އަހަރު %29.4 ކުރިއަރާނެ
ކަންބޮޑުވުމަކީ ބޮޑު ދަރަންޏާއި ހަރަދު އިތުރުވުން
ރާއްޖޭގެ އިގްތިސާދާއި އަދި މާލީ ހާލަތަށް ހުރި ނުރައްކާތަކުގެ ގޮތުގައި ފިޗުން ފާހަގަކުރީ ރާއްޖޭގެ ދަރަނި އަދިވެސް ބޮޑުވުމާއި އެ ފައިސާ ދެއްކުމަށް ބޭރުގެ އެކި ފަރާތްތަކުން ރާއްޖެއިން ބަރޯސާވާން ޖެހުމެވެ. އަދި ރާއްޖެ އަދިވެސް ޓޫރިޒަމް ސިނާއަތަށް ބަރޯސާވާވަރު ބޮޑުވުމާ އެކު ކޮވިޑުގެ ބަލިމަޑުކަން އަދި މުޅިން ރަނގަޅު ނުވާތީ ޓޫރިޒަމަށް ނުބައި އަސަރު ކުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް ފިޗުން ފާހަގަ ކުރެ އެވެ.
މީގެ އިތުރުން، ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނާތީ ސަރުކާރުގެ ހަރަދުތައް އިތުރުވުމަކީ ވެސް ފިޗުގެ ކަންބޮޑުވުމެކެވެ.