މިދިޔަ ސެޕްޓެމްބަރުގައި ބޭއްވި 'ވިއަވަތި ރާއްޖެ' މަހާސިންތާގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. (ފޮޓޯ/ރައީސް އޮފީސް)

އިގްތިސާދު

އިގްތިސާދީ ތަސައްވަރު ބަނަޔަސް ފިޗުން ރާއްޖޭގެ ރޭޓިން ދަމަހައްޓައިފި

އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފިޗުން ފާހަގަކުރީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ދިއުން
13 އޮކްޓޯބަރު 2022

ރާއްޖޭގެ އިގްތިސާދީ ހާލަތު ވަޒަންކުރުމަށް ފަހު ރޭޓިން ދޭ ދުނިޔޭގެ ދެ ރޭޓިން އެޖެންސީގެ ތެރެއިން ފިޗުން ރާއްޖެއަށް ދީފައިވާ 'ބީ މައިނަސް' ރޭޓިން މިއަދު ދަމަހައްޓައިފި އެވެ. ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިއުމާ ގުޅިގެން ރާއްޖޭގެ ރިޒާވްއަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހާލަތު ކުރިއަށް ލަފާ ކުރާ ގޮތް ނުވަތަ އައުޓްލުކް އެ އެޖެންސީން ވަނީ ދަށްކޮށްފަ އެވެ.

ވީ ކިހިނެއް؟ - ރާއްޖެއަށް ރޭޓިން ދެނީ ދުނިޔޭގެ އެންމެ ބޮޑެތި ރޭޓިން އެޖެންސީތަކުގެ ތެރޭގައި ހިމެނޭ ފިޗުގެ އިތުރުން މޫޑީޒް އިންނެވެ. އެ ދެ އެޖެންސީން އަހަރަކު އެއް ފަހަރު ރޭޓިން މުރާޖައާކުރާއިރު، ފިޗުން ވަނީ ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ދޭ ރޭޓިން މިއަދު އާންމުކޮށްފަ އެވެ.

ފިޗުން މިދިޔަ އަހަރު ރާއްޖެއަށް ދިން 'ބީ މައިނަސް' ރޭޓިން ދަމަހައްޓާފައި ވިޔަސް، ރާއްޖޭގެ އިގްތިސާދީ ތަސައްވަރު 'ސްޓޭބަލް' ނުވަތަ ރަނގަޅު ފައްތަރަކުން 'ނެގެޓިވް' ނުވަތަ ބޮޑެތި ގޮންޖެހުންތަކެއް ހުރި މިންގަނޑަށް ވަނީ ދަށްކޮށްފަ އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ތަފްސީލް - ރާއްޖޭގެ ރޭޓިން ދެމެހެއްޓި މައިގަނޑު ސަބަބަކީ، ރާއްޖޭގެ ޓޫރިޒަމް ވަރަށް ބާރު މިނުގައި ކުރިއަރަމުން ދިއުމާ ގުޅިގެން މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން %9.5ގައި އަދި އަންނަ އަހަރު %7.5ގައި ހުންނާނެ ކަމަށް ލަފާކުރެވޭތީ އެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުމަށް ހުރި ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ދުނިޔޭގެ ދުވެލި މަޑުޖެހި، އިންފްލޭޝަން މަތިވެ އަދި ހަކަތައިގެ އަގުތައް އުފުލުން ހިމެނޭއިރު، ދަތުރުފަތުރުކުރުމުގައި ޗައިނާ އިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ލިބުމަކީ ހެޔޮ ފާލެއް ކަމަށް ދެކެން،" ފިޗުން ބުނެފައިވެ އެވެ.

"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ހުޅުވުމާއި 2024 ވަނަ އަހަރުގެ ނިޔަލަށް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ އާ ޓާމިނަލްގެ މަސައްކަތާއި ރިސޯޓް އަދި ހޮޓާތައް ތަރައްގީކުރުން ފަދަ ފަތުރުވެރިކަމުގެ ވަސީލަތްތައް ތަރައްގީކުރުމަކީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ހިދުމަތް ދިނުމުގެ ގާބިލުކަން އިތުރުކުރުމަށް ކޮންމެހެން މުހިންމު ކަންކަން."

ނަމަވެސް، ރާއްޖޭގެ އިގްތިސާދަށް ހުރި ބޮޑެތި ގޮންޖެހުންތައް ފިޗުން ވަނީ ފާހަގަކޮށްފަ އެވެ.

ރިޒާވް އަދިވެސް ދަށަށް ހިނގައިދާނެ

އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފިޗުން ފާހަގަކުރީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ދަށަށް ދިއުމެވެ. އެގޮތުން، މިދިޔަ މަހުގެ ނިޔަލަށް ހޭދަވި އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ، ފިޗުން ބުނި ގޮތުގައި، 1 ބިލިއަން ޑޮލަރުން 540 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. 

ރިޒާވް ދަށަށް ދިއުމުގެ ސަބަބުތަކުގެ ތެރޭގައި ފިޗުން ފާހަގަކުރި ކަންކަމަކީ:

  • ކާބޯތަކެއްޗާއި ތެޔޮ އެތެރެކުރަން ކުރަން ޖެހޭ ހޭދަ ވަރަށް ބޮޑުތަނުން މައްޗަށް އެރުން 

  • މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހި ފައިސާގެ އަގު ހިފަހައްޓަން ކުރަމުން އަންނަ މަސައްކަތްތައް

  • އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)އާ އެކު އެމްއެމްއޭ އިން ހަދާފައިވާ ކަރަންސީ ސްވޮޕް އަނބުރާ ދައްކަން ޖެހުން

ދަރަނި އަދިވެސް ބޮޑު

ފިޗުން ބުނި ގޮތުގައި، ރާއްޖޭގެ ރިޒާވް ކުރިއަށް އޮތް ތަނުގައި ވެސް ދަށް މިންވަރެއްގައި ހުންނާނެ ކަމަށް އަންދާޒާކުރެވޭ އިރު، ދަރަނި ބޮޑުވުމުގެ ކަންބޮޑުވުން އެބައޮތެވެ. އެގޮތުން، ފިޗުން ބުނި ގޮތުގައި:

  • ދައުލަތުގެ ދަރަނި ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން %101.8އަށް މި އަހަރު އަރާނެ ކަމަށް ބެލެވޭ؛ މިދިޔަ އަހަރު ނިމުނުއިރު ހުރީ %96.2ގައި

  • އަންނަ އަހަރުގެ ތެރޭގައި ދަރަނި އަނބުރާ ދެއްކުމަށް ދައުލަތުން 214 މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހޭނެ

  • ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ 151 މިލިއަން ޑޮލަރުގެ ދަރަނި ވެސް އަންނަ އަހަރުގެ ތެރޭގައި އަނބުރާ ދައްކަން ޖެހޭނެ

  • ދަރަނި އަނބުރާ ދެއްކުމަށް ގާއިމްކޮށްފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް)ގައި މި އަހަރުގެ ތިން ވަނަ ކުއާޓަރު ނިމުނު އިރު ޑޮލަރުން އެންމެ 32.8 މިލިއަން

  • ބޮޑެތި މަޝްރޫއުތަކަށް، ހާއްސަކޮށް ދަރަނި ނަގައިގެން ހިންގާ މަޝްރޫއުތަކަށް ކުރާ ހަރަދު މައްޗަށް ގޮސް، މި އަހަރު ބަޖެޓް ޑެފިސިޓް %15.7އަށް އަރާނެ؛ މިދިޔަ އަހަރު ނިމުނު އިރު ޑެފިސިޓް ހުރީ %13.8ގައި

ގުޅުން ހުރި ކަމެއް - ކޮވިޑްގެ ބަލިމަޑުކަމަށް ފަހު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބާރަށް އިއާދަވަމުންދާ ކަމަށާއި އިގްތިސާދީ ކުރިއެރުން ހަލުވި ނަމަވެސް، ދަރަންޏާއި މާލީ ގޮންޖެހުންތައް ބޮޑު ކަމަށް ވޯލްޑް ބޭންކުން ވެސް މިދިޔަ ހަފްތާގައި ވަނީ ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް