މަރުކަޒީ ބޭންކް، އެމްއެމްއޭގެ މައި އިދާރާ. (ފޮޓޯ/ކޯޕަރޭޓް މޯލްޑިވްސް)
ރިޒާވްގައި މިހާރު ހުރީ 1 މަހުގެ އިމްޕޯޓަށް ފުދޭ ވަރު
ތަކެތީގެ އަގު ނުވަތަ އިންފްލޭޝަންގެ ސަބަބުން ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް ހީނަރުވެ، ޔޫސަބުލް ރިޒާވް ނުވަތަ ވަގުތުން ވަގުތަށް ބޭނުން ކުރެވޭ ގޮތަށް ރިޒާވްގައި މިވަގުތު ހުރީ އެންމެ މަހަކަށް ރާއްޖެއަށް ބޭނުންވާ ތަކެތި އެތެރެކުރެވޭނެހާ މިންވަރުގެ ފައިސާކަން ހާމަވެއްޖެ އެވެ.
ވީ ކިހިނެއް؟ - ވޯލްޑް ބޭންކުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު 'މޯލްޑިވްސް ޑިވަލޮޕްމަންޓް އަޕްޑޭޓް' ރިޕޯޓްގައި، އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، އިމްޕޯޓް ކުރަން ކުރަން ޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ ރިޒާވް މިދިޔަ ފަސް އަހަރުގެ ތެރޭގައި ދަށަށް ނުދާ ވަރަށް ދަށަށް ގޮސްފައިވުމެވެ. އެގޮތުން، އެ ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ:
-
ޖުމްލަ ރިޒާވްގައި ހުރީ 728 މިލިއަން ޑޮލަރު؛ މިއީ %9.6ގެ ދަށްވުމެއް
-
މިއީ 2.7 މަހުގެ އިމްޕޯޓަށް ފުދޭ މިންވަރުގެ ފައިސާ
-
ކުރު މުއްދަތުގައި ދައްކަން ޖެހޭ ދަރަނި 446 މިލިއަން ޑޮލަރަށް އަރައި ޔޫސަބުލް ރިޒާވް ވަނީ ދަށްވެފައި
-
ޔޫސަބުލް ރިޒާވް ވަނީ 413 މިލިއަނުން 282 މިލިއަން ޑޮލަރަށް ދަށަށް ގޮސްފައި
-
މިއީ 1.1 މަހުގެ އިމްޕޯޓަށް ފުދޭ ވަރުގެ މިންވަރެއް
ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ ޖޫން މަހުގެ ތެރޭގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހާ ހިއްސާކުރެއްވި މައުލޫމާތުތަކެއްގައި ވިދާޅުވެފައި ވަނީ ފަސް މަހުގެ އިމްޕޯޓަށް ވާ ވަރަށް ރިޒާވްގައި އޭރު ފައިސާ ހުރި ކަމަށެވެ.
ތަފްސީލް - ވޯލްޑް ބޭންކުން ބުނީ ރިޒާވަށް ނޭދެވޭ އަސަރު ކުރުމުގެ އެންމެ ބޮޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ، ތެލުގެ އިމްޕޯޓަށް ކުރަން ޖެހޭ ހަރަދުތައް ބޮޑުވެފައިވުމެވެ. އެގޮތުން:
-
ތެޔޮ އެތެރެކުރުމަށް ކުރަން ޖެހޭ ހަރަދު %14 އިތުރުވެފައިވޭ
-
އެކަމާ ގުޅިގެން ރާއްޖެ އެތެރެކުރާ މުދަލާއި ބޭރުކުރާ މުދަލާ ދެމެދުގައި ހުންނަ ފަރަގު ނުވަތަ ޓްރޭޑް ޑެފިސިޓް 1.5 ބިލިއަން ޑޮލަރަށް ވަނީ ބޮޑުވެފައި؛ މިއީ %47ގެ އިތުރުވުމެއް
-
އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާ ހުރެ ތެޔޮ އެތެރެކުރާ ވަރު %160 ވަނީ އިތުރުވެފައި
އެންމެ ބޮޑު ބިރަކީ ދަރަނި
ދައުލަތުގެ ހަރަދުތައް އަހަރުން އަހަރަށް ބޮޑުވަމުން ދާ ކަމަށް ބުނެ ވޯލްޑް ބޭންކުގެ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި، ރާއްޖޭގެ އިގްތިސާދުގެ ސައިޒަށް ވުރެ ދަރަނި ވަނީ ބޮޑު ވެފަ އެވެ. އަދި 2026 ވަނަ އަހަރު އޭގެ ތެރެއިން ބޮޑު އަދަދެއްގެ ދަރަނި ދައްކަން ޖެހޭ އިރު، މިހާރު ވެސް ލޯނުތަކުގެ އިންޓަރެސްޓް ރޭޓަށް ކޮންމެ އަހަރަކު ވެސް ދައްކަން ޖެހޭ އަދަދު މަތިކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
ރިޕޯޓްގައި ފާހަގަކުރި ގޮތުގައި:
-
ސަރުކާރުގެ ދަރަނި ވަނީ 6.1 ބިލިއަން ޑޮލަރަށް އަރާފައި؛ އެއީ ޖީޑީޕީގެ ނިސްބަތުން %118
-
2026ގައި 600 މިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭ؛ ސޮވަރިން ފަންޑުން އެ އަދަދު ދެއްކޭނެ ކަމަކަށް ނުބެލެވޭ
-
ދަރަނި ދެއްކުން ލަސްކުރާ ނަމަ، އިންޓަރެސްޓް ބޮޑުވެ ދައްކަން ޖެހޭ އަގު ބޮޑުވާނެ
އެކަން ކަމުން އަރައިގަތުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް ވޯލްޑް ބޭންކުން ވަނީ މަރުހަބާ ކިޔައިފަ އެވެ. އެގޮތުން ފާހަގަކުރި ކަންކަމަކީ:
-
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމުން ސަރުކާރުގެ އާމްދަނީ %3 އިތުރުވާނެ
-
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޭ ސަބްސިޑީތައް މަދުކުރުން؛ ހާއްސަ ގޮތެއްގައި ތެލަށް ދޭ ސަބްސިޑީ
-
ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުން މަޑުޖައްސާލުން
-
ސަރުކާރުގެ މަގާމުތަކަށް މީހުން ނެގުން ކޮންޓްރޯލްކުރުން
-
ބޭހާއި ސިއްހީ ސާމާނު ގަނޑުކޮށް ގަތުން