ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މަތިންދާބޯޓެއް ލޭންޑް ކުރަނީ: ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށް ދިޔަ ނަމަވެސް، އިގްތިސާދީ ގޮންޖެހުން ހުރި ކަމަށް ވޯލްޑް ބޭންކުން ބުނޭ ހަފްލާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އިގްތިސާދީ ކުރިއެރުން ހަލުވި؛ އެކަމަކު ދަރަންޏާއި މާލީ ގޮންޖެހުންތައް ބޮޑު: ވޯލްޑް ބޭންކް
ކޮވިޑްގެ ބަލިމަޑުކަމަށް ފަހު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބާރަށް އިއާދަވަމުންދާ ކަމަށާއި އިގްތިސާދީ ކުރިއެރުން ހަލުވި ނަމަވެސް، ދަރަންޏާއި މާލީ ގޮންޖެހުންތައް ބޮޑު ކަމަށް ވޯލްޑް ބޭންކުން މިއަދު ބުނެފި އެވެ.
ވީ ކިިހިނެއް؟ - ވޯލްޑް ބޭންކުން ކޮންމެ އަހަރަކު ދެ ފަހަރު އިގްތިސާދީ ހާލަތްތަކާ ގުޅޭ ގޮތުން ނެރޭ އަޕްޑޭޑް މިއަދު ވަނީ ނެރަފަ އެވެ. އޭގައި ރާއްޖޭގެ މިހާރު އިގްތިސާދީ ހާލަތާއި ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތިވާނެ ގޮންޖެހުންތައް ފާހަގަކޮށްފައިވެ އެވެ.
ހަރަދު ބޮޑުވާ މިންވަރު ކޮންމެވެސް ވަރަކަށް ކުޑަކުރެވުނު ނަމަވެސް، ކުރިއަށް އޮތް އިންތިހާބާ ގުޅުން ހުރި ހަރަދުތަކުގެ ސަބަބުން އެއާ އިދިކޮޅު ނަތީޖާއެއް ނުކުމެދާނެ ކަމަށް ބެލެވެ އެވެ
ތަފްސީލު - މިއަދު ނެރުނު އެންމެ ފަހުގެ "ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސް، ކޯޕިން ވިތު ޝޮކްސް: މައިގްރޭޝަން އެންޑް ދަ ރޯޑް ޓު ރެސިލިއަންސް"ގައި ފާހަގަކޮށްފައިވާ ގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ވަރަށް ބާރަށް އިއާދަވަމުން ދިއުމާ ގުޅިގެން އިގްތިސޯދު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިޔުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިންފްލޭޝަން މައްޗަށް ގޮސް، ދައުލަތުގެ މާލީ ހާލަތަށާއި ގާބިލުކަމަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
އެ ރިޕޯޓުގައިވާ ގޮތުން:
-
މި އަހަރުގެ ތެރޭގައި ސަރަހައްދީ ކުރިއެރުން އެވްރެޖްކޮށް %5.8 އަށް ކުރި އަރާނެ ކަމަށް ލަފާކުރެވޭ އިރު، އެއީ ޖޫން މަހު ލަފާކުރި މިންވަރަށް ވުރެ %1 ދަށް އަދަދެއް
-
މިދިޔަ 2021 ވަނަ އަހަރު، ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވި ހީނަރުކަމުން އަރައިގަތުމުގެ މަގުމަތީގައި ގައުމުތައް އޮތް އިރު، ސަރަހައްދީ އިގްތިސާދީ ކުރިއެރުން ހުރީ %7.8ގައި
މި ސަރަހައްދީ ރިޕޯޓާ އެއްކޮށް ނެރުނު އެންމެ ފަހުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) އިން ދެއްކި ގޮތުގައި، މި އަހަރު ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ލަފާކުރެވެނީ %12.4ގަ އެވެ. އެގޮތުން:
-
އެއީ މި އަހަރުގެ ކުރީކޮޅު އަންދާޒާކުރި މިންވަރަށް ވުރެ %4.8 އިތުރު އަދަދެއް
-
އޭގެ ސަބަބަކީ ހީކުރި ވަރަށް ވުރެ ބާރަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިއާދަވުން
-
ޖީޑީޕީ ކުރިއަރާ މިންވަރު 2023- 2024ގެ މުއްދަތުގައި އެވްރެޖްކޮށް %8.1ގައި ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ޓޫރިޒަމުން އިގްތިސޯދީ ހަރަކާތްތަކަށް އެހީތެރިވެދޭނެ ކަމަށް ބެލެވޭތީ
"ނަމަވެސް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދިއުމުގެ ސަބަބުން ރާއްޖޭގެ އެތެރޭގެ އިންފްލޭޝަނާއި ސަރުކާރުގެ މާލީ ހާލަތާއި ބެލެންސް އޮފް ޕޭމަންޓްސްއަށް އޮތް ޕްރެޝަރު ވަނީ ބޮޑުވެފައި،" ވޯލްޑް ބޭންކުގެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
"ކާޑުގެ ބާވަތްތަކާއި ތެލަށް އެއްވެސް އިސްތިސްނާއެއް ނެތި އާންމުކޮށް ދެމުންދާ ސަބްސިޑީ ޕްރޮގްރާމެއްގެ ސަބަބުން ރިކަރަންޓް ހަރަދުތައް ހުންނާނީ މަތީ މިންވަރެއްގައި ކަމަށް ބެލެވޭ،"
އޭގެ ނަތީޖާއެއްގެ ގޮތުން، ޖުމްލަ ގޮތެއްގައި މާލީ ބުރަ ކުޑަ ކުރުމަށް، މިހާރަށް ވުރެ ރަނގަޅު، ހައްގުވާ ފަރާތްތަކަށް އެކަނި ސަބްސިޑީ ދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ވޯލްޑްބޭންކުން ވަނީ ލަފާދީފަ އެވެ.
"ހަރަދުތައް ކުޑަކުރުމަށް އެޅޭ ފިޔަވަޅުތަކުގެ ސަބަބުން ހަރަދު ބޮޑުވާ މިންވަރު ކޮންމެވެސް ވަރަކަށް ކުޑަކުރެވުނު ނަމަވެސް، ކުރިއަށް އޮތް އިންތިހާބާ ގުޅުން ހުރި ހަރަދުތަކުގެ ސަބަބުން އެއާ އިދިކޮޅު ނަތީޖާއެއް ނުކުމެދާނެ ކަމަށް ބެލެވެ އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ދައުލަތުގެ ހަރަދުތައް، ހާއްސަކޮށް އިޖްތިމާއީ ބޯހިޔާވަހިކަން ފަދަ ބޭރުގެ ފަރާތްތަކުން ލޯނު ނަގައިގެން ހިންގާ ބޮޑެތި މަޝްރޫއުތަކަށް ކުރަމުންދާ ހަރަދުތަކުގެ ސަބަބުން ދައުލަތުގެ ދަރަނި ބޮޑުވާނެ ކަމަށް ބެލެވެ އެވެ. މިއީ، ރާއްޖޭގެ އިގްތިސާދު އެތެރެ އާއި ބޭރުގެ ލޮޅުންތަކަށް ހުށަހެޅިގެންދާނެ ސަބަބެކެވެ،"
ވާލްޑް ބޭންކުން، ރާއްޖެ ހިމެނޭ ގޮތަށް ތިން ގައުމަކަށް ކަނޑައަޅާފައި ހުންނަވާ މި ސަރައްހަދުގެ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު ޒާވޮސް ވިދާޅުވީ އިގްތިސާދާއި މާލީ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް، ދަރަނި މެނޭޖްކުރުމަކީ ރާއްޖޭގެ މާލީ ފުދުންތެރިކަން އިތުރުކުރުމަށް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ ކަންތައް ކަމަށެވެ.
"އާންމު ޖީއެސްޓީ އަދި ޓޫރިޒަމް ޖީއެސްޓީ ރޭޓް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ހުށަހެޅުމަކީ މާލީ ހާލަތު ރަނގަޅު ކުރުމަށް އެޅޭ މާނަވީ ފިޔަވަޅެއް ކަމަށް ވިޔަސް، ދައުލަތުގެ ހަރަދުތައް، ހާއްސަކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ބުރަ ކުޑަކުރުމާއި މުދަލާއި ހިދުމަތްތަކަކަށް ސަބްސިޑީ ދޭ އިންތިޒާމުތައް މިހާރަށް ވުރެ ރަނގަޅަށް ބެލެހެއްޓުމަކީ އިތުރަށް އަޅަން ޖެހޭ ފިޔަވަޅުތައް." އޭނާ ވިދާޅުވި އެވެ.