ގްރޭޓާ މާލޭ ބްރިޖުގެ މަަސައްކަތެއް ކުރިއަށް ދަނީ. ދަރަނި ބޮޑުވެ މާލީ ދަތިތައް ރާއްޖެ އަށް އެބަހުރި
ފިޗުން މިފަހަރު ވެސް ދިނީ ބީ މައިނަސް ގެ ރޭޓިންް އެއް
ރާއްޖޭގެ ބޮޑު ދަރަންޏާއި އެކު މާލީ ގޮތުން ހުރި ގޮންޖެހުންތަކާއި ނުރައްކާތަކުން އަދިވެސް އަރައިގަނެވިފައި ނުވާތީ ދުނިޔޭގެ އެންމެ އިތުބާރު ހިފޭ ރޭޓިން އެޖެންސީ ފިޗުން ރާއްޖެއަށް ދީފައިވާ، 'ބީމައިނަސް' ރޭޓިން ދަމަހައްޓައިފި އެވެ.
އެނގުން މުހިއްމު - ރާއްޖޭގެ އިގްތިސޯދީ ހާލަތު އޮތް ގޮތަށް ބަލާ މިދިޔަ އަހަރު ވެސް ފިޗުން ރާއްޖެ އަށް ދީފައިވަނީ 'ބީ މައިނަސް' ގެ ރޭޓިން އެކެވެ.
ރާއްޖެއަށް ރޭޓިން ދެނީ ދުނިޔޭގެ އެންމެ ބޮޑެތި ރޭޓިން އެޖެންސީތަކުގެ ތެރޭގައި ހިމެނޭ ފިޗުގެ އިތުރުން މޫޑީޒް އިންނެވެ.
އެ ދެ އެޖެންސީން އަހަރަކު އެއް ފަހަރު ރޭޓިން މުރާޖައާކުރާއިރު، ފިޗުން ވަނީ ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ދޭ ރޭޓިން މިއަދު އާންމުކޮށްފަ އެވެ.
ތަފްސީލް - ރާއްޖޭގެ ރޭޓިން އާންމުކޮށް ފިޗުން މިއަދު ބުނީ އިގްތިސޯދީ އަދި މާލީ ގޮންޖެހުންތަކުން ރާއްޖެ އަށް އަދިވެސް އަރައި ނުގަނެވޭ ކަމަށާއި އެކަމަށް ގޮންޖެހުންތައް ވެސް އެބަހުރި ކަމަށެވެ.
އެގޮތުން ރާއްޖޭގެ ފޮރިން ރިޒާމު ދަށްވެފައިވާ ކަން ފާހަގަކޮށް އިންޑިއާ އާއެކު ހަދާފައިވާ ކަރަންސީ ސްވޮޮޕް އެއްބަސްވުމުގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި މަރުކަޒީ ބޭންކު އެމްއެމްއޭ އިން300 މިލިއަން ޑޮލަރު ނަގާފައިވާކަން ފާހަގަކޮށްފައިވެ އެވެ.
ބޭރު ފައިސާގެ ރިޒާވް %16 ދަށަށް ގޮސްފައިވާކަން ފާހަގަކޮށް ފިޗުން ބުނީ މީގެ ކުރިން ލަފާކޮށްފައިވަނީ 3.5 މަހު ބޭނުންކުރާ ވަރުގެ ބޭރު ފައިސާގެ ރިޒާވެއް އޮޮންނާނެ ކަމަށް ނަމަވެސް އެ އަދަދު 1.1 މަހަށް ކުޑަވެފައިވާކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
ކުރިއަށް އޮތްތަނުގައިވެސް ދަރަނި ރީފައިނޭންސް ކުރަން ދަތިތައް ކުރިމަތިވާނެކަން ފިޗުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ސަރުކާރުން އަންނަ އަހަރު ދައްކަންޖެހޭ232 މިލިއަން ޑޮލަރުގެ ދަރަންޏާއި ސަރުކާރުން ގެރެންޓީ ދީފައިވާ298 މިލިއަން ޑޮލަރު ދެއްކުމުގައި އުނދަގޫ ކުރިމަތިވެދާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
-
ބޭރު ފައިސާގެ ރިޒާވު ދަށްވުމަކީ ވެސް ދަރަނި ރީސްޓްރަކްޗާ ކުރަން ކުރިމަތިވާނެ ދައްޗެއް
-
2025 އަންނަ އިިރު ސަރުކާރުގެ ދަރަންޏައި ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނި363 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭ، 2026 ވަނަ އަހަރު އަންނައިރު އެ ދަރަނި 887 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވެސް ލަފާކުރެވޭ. މީގެ ތެރޭގައި 500 މިލިއަން ޑޮލަރުގެ ސުކޫކެއް ވެސް ހިމެނޭ
-
ފިސްކަލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ %10.1 ގައި، ސަރުކާރުގެ ހަރަދު ކުރިއަށް އޮތްތަނުގައި ވެސް އިތުރު ވާނެ ކަމަށް ވަނީ އަންދާޒާކޮށްފައި
-
ކަރަންޓު އެކައުންޑް ޑެފިސިޓް ބޮޑުވިޔަސް، ދަރަނި ކޮންމެވެސް ވަރަކަށް ކުޑަވާނެ ކަމަށް ލަފާކޮށްފައިވޭ، ސަބަބަކީ ޓޫރިޒަމް ރަނގަޅުވުމާއެކު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ދަށްވާން ފަށާފައިވުން. ކަރަންޓު އެެކައުންޓް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ ޖީޑީޕީގެ ނިސްބަތުން %14 ގައި
-
2025 ވަނަ އަހަރު އަންނަ އިރު ދަރަނި ހުންނާނެ ކަމަށް ލަފާކުރަނީ ބޮލަކަށް ޖެހޭ ނިސްބަތުން %101.7 ގައި
-
މި އަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސޯދު %7.2 އަށް ކުރިއަރާނެ ކަމަށް ލަފާކޮށްފައިވޭ
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒުގެ އިގްތިސޯދީ ސިޔާސަތުގައި ރާއްޖޭގެ އިގްތިސޯދީ ދުވެލި ހަލުވިކޮށް އިގްތިސޯދު ހަމައަކަށްއަޅުވަން ކުރާނެ މަސައްކަތްތައް ފާހަގަކޮށްފައިވާކަން ފިޗުން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމްވެފައި އޮންނަ ނަމަ، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއެކު ޓޫރިޒަމް ކުރިއަރައި އިގްތިސޯދަށް ކުރިއެރުން އައިސް ގައުމުގެ މާލީ ހާލަތު ހަމައަކަށް އެޅޭނެކަމަށް ވަނީ ލަފާކޮށްފަ އެވެ.