ބިދޭސީ މަސައްކަތްތެރިން ކާޑު އުފުލަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)
ބަންގްލަަދޭޝް މަސައްކަތްތެރިންގެ ލިމިޓް އުވާލަން ގާނޫނު އިސްލާހު ކުރަނީ
ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖެއަށް ގެންނަން މިހާރު ގާނޫނުގައި ކަނޑައަޅާފައިވާ 100،000ގެ ލިމިޓު އުވާލަން ގާނޫނު އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިހްސާން މިގޮތަށް ވިދާޅުވީ، މިއަދު ބޭއްވި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ބުނީ ކީކޭ؟ -"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި ވަގުތު ރާއްޖޭގައި އޮތް ޑިމާންޑާއި ކުރިއަށް އޮތް ތާނގައި މި ފޯކާސްޓު ކުރާ ޑިމާންޑަށް ބަލާއިރު، ބަންގްލަދޭޝްގެ 100،000ގެ ލިމިޓަކީ އެއީ އަޅުގަނޑުމެން ނަގަން ޖެހޭ ލިމިޓެއް. އެހެން ނަމަވެސް، އެކަން ކުރާއިރު، އަޅުގަނޑުމެން އިތުރު ފިޔަވަޅުތައް އެޅުމަށް ފަހު ނޫނީ ކުރަން ރަނގަޅު ނޫން ކަމުގައި އަޅުގަނޑު ގަބޫލު ކުރަން،" އިހުސާން ވިދާޅުވި އެވެ.
ތަފްސީލު - ކޮމިޓީގެ ބައްދަލުވުމުގައި ސުވާލަށް ހުޅުވާލުމުން ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ، ރާއްޖޭގެ ސިނާއަތްތައް ކުރިއެރުވުމަށްޓަކައި އަދިވެސް ބިދޭސީން ގެންނަން ޖެހޭ ކަމަށެވެ. ހާއްސަ ގޮތެއްގައި ލޭބާ ފޯސް ވަރުގަދަ ކުރުމަށް އެއީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ. އަދި މިފަހުން މިނިސްޓްރީން ބަންގްލަދޭޝްގެ ލޭބަރުން ގެނައުން ހުއްޓާލަން ވަގުތީ ގޮތުން ނިންމި ނިންމުމުގެ ސަބަބާ ގުޅޭ ގޮތުން އޭނާ ސުވާލު ކުރެއްވި އެވެ. އަދި އެކަން އަލުން ފަށާނީ ކޮން އިރަކުތޯ ވެސް އޭނާ އެއްސެވި އެވެ.
"ހާއްސަކޮށް، މި ސަރަހައްދުގެ ގައުމެއްގެ މީހުން ނުގެނެވޭ ގޮތަށް އޮތުމަކީ ޑިސްކްރިމިނޭޓް ކުރާ ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލު ކުރަނީ. އެހެންވީމަ، މިކަމުގައި މިހާރު ގެންގުޅުއްވާ ސިޔާސަތު ހާމަކޮށްދެއްވުން އެދެން،" ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ ރައީސްކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވި އެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ، 100،000ގެ ލިމިޓު އުވާލާއިރު އަޅަން ފެންނަ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ:
-
100% ބަޔޮމެޓްރިކަލީ އެކައުންޓެބަލް ކުރެވޭ ގޮތަށް ސިސިޓަމަށް ބަދަލު ގެނައުން
-
ރަށްރަށަށް ގެންނަ މީހުންނަށް މިހާރު ވޯކްޕާމިޓް ދެވެނީ މުޅި ރާއްޖެއަށް؛ އޭގެ ބަދަލުގައި ރަށަށް ގެންދާ މީހާއަށް ލިބޭ ޕާމިޓަކީ ރަށު ކައުންސިލުން ވެސް ގަބޫލު ކުރާ ޕާމިޓަކަށް ހަދަން ޖެހޭ އަދި އެ ބަދަލު ސިސްޓަމަށް ގެނައުމުގެ މަސައްކަތް ދަނީ ކުރެވެމުން
"ސިސްޓަމްތައް ޗޭންޖްތައް އަޅުގަނޑުމެން ގެނެސް ނިންމާނަން ކުރިއަށް ތިން ހަފްތާ ތެރޭ. ހަމަ އެއާ އެކު، [ބަންގްލަދޭޝް މަސައްކަތްތެރިންނަށް އަލުން] ހުޅުވާލުމާ އެކު، 100،000ގެ މީހުންގެ ލިމިޓް ހަމަވާނެ. އެހެންވެއްޖިއްޔާ ދެން އޮންނާނީ އަޅުގަނޑުމެންގެ މަޖިލީހަށް ރިކޮމެންޑް ކުރާނަން އެ ލިމިޓް ނަގައިދޭށޭ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު، ބަންގްލަދޭޝް މީހުން ތިބި އަދަދު ހޯދިއިރު، އެ އަދަދު އޭރު އުޅެނީ 90،724ގައި ކަމަށެވެ. ގާނޫނުގައި ކަނޑައަޅާފައިވާ އަދަދު ހަމަވާން 9،000 މީހުންގެ ޖާގައެއް އޮތުމުން، އަލުން ބަންގްލަދޭޝް އިން ވެސް މަސައްކަތްތެރިން ގެންނަން ހުއްދަ އޭރު ހުއްދަ ދިނީ ކަމަށް އޭނާ ވިދާޅުވި އެވެ.
"[އޭގެ ފަހުން] އަޅުގަނޑުމެންނަށް ކުއްލިއަކަށް ފާހަގަވީ، ކުރީގައި ބްލެކް ލިސްޓުކޮށްފައި ހުރި ބައެއް ކުންފުނިތައް ވައިޓް ލިސްޓު ކުރެވިފައި، އެއަށް ދީފައި ހުރި ކޯޓާތަކަށް ގަވައިދާ ހިލާފަށް ބޭރު މީހުން އެތެރެ ކުރަމުން އައި ތަން،" އަލުން ހުއްދަ ދިނުން މަޑުޖައްސާލަން ޖެހުނު ސަބަބާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.
"އެތެރެކުރެވުނީ ސިސްޓަމެޓިކަލީ ރަނގަޅަށް. އެހެން ނަމަވެސް، އެ މީހުން މާލެ ގެނެސް މަގުއްމައްޗަށް ދޫކޮށްލަނީ."
މިނިސްޓަރު ވިދާޅުވި ގޮތުގައި، ބަންގްލަދޭޝް މަސައްކަތްތެރިންނަށް އަލުން ހުޅުވާލަން ބޭނުންވަނީ މި މައްސަލަ ހައްލުކޮށްފަ އެވެ. އަދި މިވަގުތު ތިބީ ގާތްގަނޑަކަށް 96،000 ބަންގްލަދޭޝް މަސައްކަތްތެރިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ، މިހާރު މިއޮތީ ވަރަށް ކުޑަކުޑަ ޖާގައެއް. ހަމަ ހުޅުވާލުމާ އެކު އަނެއްކާވެސް އެއްކަލަ 100،000ގެ ލިމިޓު ހަމަވާނެ،" ދެން ހުޅުވާލަން ބޭނުންވަނީ ސިސްޓަމަށް ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގައި ބެލެކް ލިސްޓު ކުރި ކުންފުނިތަކާއި އެކަމުގައި ހިމެނޭ ފަރާތްތައް ތަހުގީގު ކުރުން ފުލުހުން ކުރިއަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމެންޓް (3)
ބޮންދު
މައްސަލައެއް އެބައުޅޭ
ސިކުނޑި