ބިދޭސީ މަސައްކަތްތެރިން މުދާ ބޯޓް ތަކައް އުފުލަނީ (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ފޭކު ޑޮކިޔުމެންޓު ހުށަހަޅާތީ ބަންގްލަދޭޝްއިން މަސައްކަތު މީހުން ގެނައުން މެދުކަނޑާލައިފި

ބަންގްލަދޭޝް މަސައްކަތްތެރިން ގެނައުން މެދުކަނޑާލީ ސައްހަ ނޫން ލިޔެކިޔުން ހުށަހަޅާ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަމުންދާތީ

ސައްހަ ނޫން ލިޔެކިޔުން ހުށަހަޅާތީ، ބަންގްލަދޭޝްއިން އަންސްކްލިޑް ލޭބަރުން ނުވަތަ މަސައްކަތު މީހުން ގެނައުން މެދުކަނޑާލައިފި އެވެ.

ވީ ކިހިނެެއް؟ - ހޯމްލޭންޑް ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު 'ދައުރު' އަށް ވިދާޅުވީ ބަންގްލަދޭޝްގެ މަސައްކަތު މީހުން ގެނައުން މެދުކަނޑާލީ ސައްހަ ނޫން ލިޔެކިޔުން ހުށަހަޅާ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަމުން އަންނާތީ ކަމަށެވެ.

ބުނީ ކީކޭ؟ - "އޭތި ހޯލްޑުކޮށްގެން މިއުޅެނީ މިހާރު ކުރިއަށްދާ އިންވެސްޓިގޭޝަންއަކާ ގުޅިގެން. ބައެއް ކުންފުނިތަކުން ފޭކު ޑޮކިޔުމެންޓުތައް ހުށަހަޅާ ކަމަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން،" އިހުސާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަމާ ގުޅުން ހުރި ބައެއް އެހެން މިނިސްޓްރީތަކާ ގުޅިގެން ބަލަން ޖެހޭ ކަންތައްތަކެއް ވެސް އެބަހުރި ކަމަށާއި އެކަންތައް ވެސް ބަލަމުން އަންނަ ކަމަށެވެ.

"ބައެއް މިނިސްޓްރީތަކާ ވެސް އަޅުގަނޑުމެެން ވާހަކަ ދައްކަން ޖެހޭނެ އެ އެއްޗެހި އަވަހަށް ވެލިޑޭޓު ކުރެވޭނެ ގޮތްތަކެއް ބަލަން ވެސް،" މިނިސްޓަރު ވިދާޅުވި އެވެ.

ކުންފުނިތަކުން ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކުގައި ވެސް ސައްހަ ނޫން ލިޔެކިޔުން ހުންނަކަން ފާހަގަވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސައްހަ ނޫން ލިޔެކިޔުންތައް ހުށަހަޅާކަން ފާހަގަވީ މީގެ މަހެއްހައި ދުވަސް ކުރިން ކަމަށެވެ.

ފާހަގަ ކުރެވޭ - ބަންގްލަދޭޝް އިން އަންސްކިލްޑް ލޭބަރުން ގެނައުން 2019ގައި ވެސް ހުއްޓާލި އެވެ. އޭގެ ފަހުން ގާނޫނަށް އިސްލާހު ގެނެސް ކޮންމެ ގައުމަކުން ވެސް ރާއްޖެ ގެނެވޭ އަން-ސްކިލްޑް ލޭބަރުންގެ އެންމެ ގިނަ އަދަދަކީ 100،000 ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީ މަސައްކަތްތެރިންނާ އެކު ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ އަދަދު 100،000 އަށް އަރާނެ ކަމަށް ބުނެ އެ ގައުމުން މަސައްކަތްތެރިން ގެނައުމަށް ކޯޓާ ދިނުން އޮތީ ހުއްޓާލައިފަ އެވެ.

މިހާރުގެ ސަރުކާރުން ވެރިކަމަށް އައިސް ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެނައުުމަށް އަލުން ހުއްދަ ދޭން ފެށީ، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތު މީހުންގެ އަދަދު ސާފު ކުރުމަށް ފަހު އެވެ.

މިދިޔަ މާޗު މަހު އިހުސާނު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ:

  • 17 ނޮވެމްބަރުގެ ނިޔަލަށް ރާއްޖޭގައި ތިބި ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދަކީ 90،624 ކަމަށް

  • އެކްޓިވް ވޯކްޕާމިޓްގެ އަދަދަކީ 135،149 ކަމަށް

  • އަލުން ހުއްދަ ދޭން ފެށި ފަހުން 5،400 ހުއްދަ ދޫކުރި ކަމަށް އަދި ރާއްޖެ އައިސްފައިވަނީ 4،000 މީހުން ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް