މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕެލެކްސްގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން

މިފްކޯ

އައްޑޫ މުޒާހަރާ: މަސް ފެކްޓްރީ އިއްޔެ ހަވީރުން ފެށިގެން ހުއްޓިފައި

މިފްކޯއިން ބުނި ގޮތުގައި، އޭއެފްސީގެ މުވައްޒަފުންގެ ޒަރުރީ ބޭނުންތަކަށް ހުރަސް އެޅޭ ގޮތަށް މުޒާހަރާގެ ބައިވެރިން އަންނަނީ އަމަލު ކުރަމުން

މަސްވެރިން ކުރަމުންދާ މުޒާހަރާއާ ގުޅިގެން، މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ)ގެ އޮޕަރޭޝަން އިއްޔެ ހަވީރުން ފެށިގެން މެދުކަނޑާލާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިފްކޯއަށް ކިރާފައިވާ މަހަށް މިދިޔަ ތިން މަހެއްހާ ދުވަހު ފައިސާ ނުލިބޭ ކަމަށް ބުނެ، މިދިޔަ ހުކުރު ދުވަހުން ފެށިގެން އޭއެފްސީގައި މަސްވެރިން ދަނީ މުޒާހަރާކުރަމުންނެވެ. މިއަދު ވެސް މުޒަހަރާ ކުރިއަށް އެބަ ދެ އެވެ.

ތަފްސިލު - މިފްކޯގެ ޕީއާރު މެނޭޖަރު އިބްރާހިމް ސައީދު މިއަދު 'ދައުރު'އަށް ވިދާޅުވީ، މަސްވެރިންގެ ޑިމާންޑްތަކުގެ ސަބަބުން އިއްޔެ މެންދުރު އޭއެފްސީން ކަރަންޓު ކަނޑާލައި ހަވީރު 5 ހާއިރު އޮޕަރޭޝަންތައް ހުއްޓާލާފައިވާ ކަމަށެވެ.

ފުލުހުންގެ އެދުމުގެ މަތިން ރޭ ކަރަންޓު ދިން ނަމަވެސް، މަސްލަހަތު ގެއްލި، ތަނާއި މުދަލަށް އަދި މުވައްޒަފުންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބިދާނެ ފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށް ކުންފުންޏަށް ގަބޫލު ކުރެވޭތީ ފަހުން ކަރަންޓު ކަނޑާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަސްވެރިންގެ ޑިމާންޑަކީ އެކޮމަޑޭޝަން، އެޑްމިން ބިލްޑިން ކެފެޓީރިއާއިން ކަރަންޓް ކަނޑާލާފައި ބެހެއްޓުން. އަދި ޕެންޑިން ޕޭމެންޓް ވީ އެންމެ އަވަހަކަށް ދެއްކުން،" އިބްރާހިމް ސައީދު ވިދާޅުވި އެވެ.

"މިއަދު ހަވީރު 4ގެ ފަހުން އޭއެފްސީން މުވައްޒަފުން ނެރެ، އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް ސައިޓް ގެންނާނެ ކަމުގެ އިންޒާރު ވަނީ ދީފައި."

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި:

  • އޭފްސީ ކައިރީގައި ފުލުހުން ހަރަކާތްތެރިވި ނަމަވެސް، މުޒާހަރާއަށް ހުރަސް އެޅުމަށް ކުންފުނިން ނިންމާފައެއް ނުވޭ

  • މުޒާހަރާ ކުރިއަށްދާ ނަމަ، އޭފްސީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަން ކުންފުންޏަށް ދަތިވުމުގެ ސަބަބުން އޮޕަރޭޝަން އަލުން ފަށާނެ ވަގުތެއް ވިދާޅުވާން ދަތި

  • މިފްކޯއިން ވަނީ އީދު ބަންދުގެ ކުރިން 46 މިލިއަން ދޫކޮށްފައި؛ މި ހަފްތާގައި ނުދެއްކި ހުރި ފައިސާއަށް ހެދޭނެ ގޮތްތައް ބަލައި ސަރުކާރާ އެކު މަޝްވަރާކޮށްގެން ގޮތެއް ހޯދުމުގެ މަސައްކަތް ކުރާނެ

އިބްރާހިމް ސައީދު ތުހުމަތު ކުރެއްވި ގޮތުގައި، އިއްޔެގެ މުޒަހަރާގައި ތެރެއިން މަސްވެރިން ވަނީ ސްޓާފް ކެންޓީން ބަންދުކޮށްފައި ހުއްޓާ ކުޑަދޮރުން ވަދެ، ތަނުގެ ހުރި ކާބޯތަކެތި ވެސް ބޭނުންކޮށްފަ އެވެ. އަދި އޮކަމަޑޭޝަން ބްލޮކްގެ ކަރަންޓު ކަނޑާލުމުގެ ސަބަބުން ރޭ އޭއެފްސީގެ މުވައްޒަފުން ނިދަން ޖެހުނީ ބޭރުގައި ސަތަރި އަޅައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"މުވައްޒަފުންގެ ކެއިން ބުއިމާއި ފާހާނާ ކުރުން ފަދަ ޒަރޫރީ ބޭނުންތައް ވަނީ ނުފުއްދިފައި،" މުވައްޒަފުންގެ އިންސާނީ ކަރަމާތަކަށް އުނިކަން އަންނަށް ކަންކަން ނުކުރުމަށް އެދިވަޑައިގެން، އޭނާ ވިދާޅުވި އެވެ.

"މުވައްޒަފުންގެ ހައްގުގައި މިކުންފުނިން ކުރަން ޖެހުނު ކޮންމެ ކަމެއް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުންދާނެ ވާހަކަ ދަންނަވަން."

ފެކްޓްރީގެ ކަރަންޓު ކަނޑާލުމުގެ ސަބަބުން މުވައްޒަފުން ނިދަން ޖެހުނީ ސަތަރި އަޅައިގެން ކަމަށް މިފްކޯއިން ބުނި (ފޮޓޯ/ މިފްކޯ)

ބިދޭސީން ހިމެނޭ ގޮތަށް 100އަށް ވުރެ ގިނަ މީހުން އޭފްސީގައި ވަޒީފާ އަދާ ކުރެ އެވެ. މިފްކޯގެ އިލްތިމާސަކީ، މަސްވެރިން ސުލްހަވެރިކަމާ އެކު އިހްތިޖާޖު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާއްސަކޮށް، ކުންފުނީގެ މުދަލާއި މުވައްޒަފުންނަށް ލިބިދާނެ ގެއްލުމަކީ މުޅި ސިނާއަތަށް ވެސް ލިބޭނެ ދެރައެއް،" އޭނާ އިތުރަށް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް